ވޮޝިންޓަން (މާޗް 6) - މުސްލިމް ހަ ގައުމެއްގެ މީހުން 90 ދުވަހަށް އެމެރިކާ އަށް ވަނުން މަނާކުރާ އާ އަމުރެއް ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ ނެރުއްވައިފި އެވެ.
06 މާޗް 2017
ވޮޝިންޓަން (މާޗް 6) - މުސްލިމް ހަ ގައުމެއްގެ މީހުން 90 ދުވަހަށް އެމެރިކާ އަށް ވަނުން މަނާކުރާ އާ އަމުރެއް ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ ނެރުއްވައިފި އެވެ.
ޖެނުއަރީ 27 ވަނަ ދުވަހު ޓްރަމްޕް ނެރުއްވި އަމުރުގައި މަނާކޮށްފައިވާ ހަތް ގައުމުގެ ތެރޭން މި ފަހަރު އުނިކޮށްފައި ވަނީ އިރާގެވެ. އާ އަމުރުގެ ދަށުން ރެފިއުޖީ ޕްރޮގްރާމް ވެސް 120 ދުވަހަށް ހުއްޓާލުމަށް ވަނީ ނިންމައިފަ އެވެ. ކުރިން ނެރުނު އަމުރުގައި ސީރިއާގެ ރެފިއުޖީން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފައިވީ ނަމަވެސް މި ފަހަރު މަނާކޮށްފައި ވަނީ 120 ދުވަހަށެވެ. ޓްރަމްޕުގެ ރިޔާސީ ގަރާރަށް އަމަލު ކުރަން ފަށާނީ މި މަހު 16 ވަނަ ދުވަހުން ފެށިގެންނެވެ. އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރި ހަ ގައުމަކީ އީރާން، ލީބިއާ، ސީރިއާ، ސޯމާލިއާ، ސޫދާން އަދި ޔަަމަނެވެ. ލިސްޓުން އިރާގު އުނިކުރީ އެ ގައުމުން ވިސާ ސްކްރީން ކުރާ އުސޫލް ހަރުދަނާވުމާއި އެމެރިކާ އަށް އެއްބާރުލުން ދިނުމާއި އިސްލާމިކް ސްޓޭޓް (އައިއެސް)އާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދިއުމެވެ.
އާ އަމަރުގައިވާ ގޮތުން ސްޓޭޓް ޑިޕާޓްމަންޓުން މިހާތަނަށް ހުއްދަ ދީފައިވާ ރެފިއުޖީންނަށް އެމެރިކާ އަށް ވަދެވޭނެ އެވެ. އަދި މަނާކުރި ހަ ގައުމުގެ މީހުންގެ ތެރޭން ގްރީން ކާޑު އޮންނަ މީހުން އެމެރިކާ އަށް ވަނުމުގައި ހުރަހެއް ކުރިމައްޗެއް ނުވާނެ އެވެ.
ޓްރަމްޕް ކުރިން ނެރުއްވި އަމުރަށް އަމަލު ނުކުރެވުނީ ޝަރުއީ ނިޒާމުގެ ތެރޭން އެ އަމުރު ހުއްޓުވުމުންނެވެ. ވޮޝިންޓަނުގެ ޑިސްޓްރިކްޓް ކޯޓުން އެ އަމަރު ހުއްޓުވާފައި ވަނިކޮށް ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ އެ މައްސަލަ އިސްތިއުނާފްކޮށްފަ އެވެ. އެހެން ނަމަވެސް އިސްތިއުފާން ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓަށް ވަޑައިގަތުމުގެ ބަދަލުގައި ޓްރަމްޕް ނިންމެވީ އާ އަމުރެއް ނެރުއްވުމަށެވެ.
ޓްރަމްޕް މި ނެރުއްވި އަމުރު ވެސް ޝަރުއީ ނިޒާމުގެ ތެރޭން ބާތިލް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ބެލެވެ އެވެ. ނިއު ޔޯކުގެ އެޓާނީ ޖެނެރަލް އެރިކް ޝްނެއިޑާމަން ވިދާޅުވީ ޓްރަމްޕް ކުރިން ނެރުއްވި އަމުރަށް ވައިޓް ހައުސް އިން ބަދަލުތަކެއް ގެނެސްފައިވީ ނަމަވެސް އެ އަމުރުގެ މަގްސަދަކީ މުސްލިމުން ތަފާތު ކުރުން ކަމަށެވެ. އެހެންވެ އެ މައްސަލާގައި ކޯޓަށް ދިއުމަށް ތައްޔާރަށް ހުންނެވި ކަމަށް ޝްނެއިޑާމަން ވަނީ ވިދާޅުވެފަ އެވެ.
މުސްލިމުން މަނާކުުރުން އެންމެ ފަހުން ސުޕްރީމް ކޯޓަށް
މުސްލިމުން މަނާކުރި އަމުރަށް ކޯޓުގައި އަނެއްކާވެސް ނާކާމިޔާބު
އެމެރިކާއަށް ވަނުން މަނާކުރީ މުސްލިމުންނާ ދެކޮޅަށް ނޫން
ޓްރަމްޕުގެ ގަރާރު މަނާކުރާ އަމުރެއް މި ފަހަރު ނުނެރުނު
ޓްރަމްޕުގެ އަމުރާ އިތުރު ސްޓޭޓްތަކުން ދެކޮޅު ހަދަނީ
ޓްރަމްޕުގެ އަމުރާ ދެކޮޅު މައްސަލައިގެ އަޑުއެހުން 15 ގައި
މުސްލިމުން މަނާކުރާ އާ އަމުރު ހުއްޓުވަން ކޯޓަށް
މަނާކުރި ގައުމުތަކުގެ ލިސްޓުން އިރާގު އުނިކުރީ ކީއްވެ؟
މުސްލިމުން މަނާކުރާ އާ އަމުރު އަންނަ ހަފުތާގައި ނެރެނީ
ޓްރަމްޕުގެ މުޝީރު ވެސް ފަނޑިޔާރުންނަށް ބަހުގެ ހަމަލާދީފި