Roadha Mihaaru

އިޒްރޭލާއި ހިޒްބުﷲގެ ހަމަލާތައް މެދުކަނޑާލަނީ

އިޒްރޭލުން ލުބްނާންގެ ހިޒްބުﷲ އާ ދެކޮޅަށް ކަމަށް ބުނެ ލުބްނާންގެ އެތައް މިތަނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށާއި ލުބްނާނުގެ ބިމުން ވެސް އިޒްރޭލަށް ހަމަލާ ދިނުން މެދުކަނޑާލުމާ ބެހޭ އެއްބަސްވުމަކާ ވަރަށް ގާތަށް ދެވިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އިޒްރޭލާއި ހިޒްބުﷲގެ ހަމަލާތައް މެދުކަނޑާލަނީ

އިޒްރޭލުން ލުބްނާންގެ ހިޒްބުﷲ އާ ދެކޮޅަށް ކަމަށް ބުނެ ލުބްނާންގެ އެތައް މިތަނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށާއި ލުބްނާނުގެ ބިމުން ވެސް އިޒްރޭލަށް ހަމަލާ ދިނުން މެދުކަނޑާލުމާ ބެހޭ އެއްބަސްވުމަކާ ވަރަށް ގާތަށް ދެވިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އިޒްރޭލާއި އެމެރިކާގެ އޮފިޝަލުން ބުނި ގޮތުގައި 60 ދުވަހަށް ހަމަލާތައް މެދުކަނޑާލުމުގެ ހުށަހެޅުމާ ގުޅޭ ގޮތުން އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ގޮތެއް ނިންމާނެ އެވެ.

އޭގެ ތެރޭގައި ލުބްނާނުގެ ދެކުނުން އިޒްރޭލު ސިފައިން ފޭބުމާއި އެ ސަރަހައްދުގައި ހިޒްބުﷲ ޖަމާއަތަށް ޖާގަ ނުދިނުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކާ ގާތްވެފައި ވިޔަސް މި ދެ ތިން ދުވަހު އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހަމަލާ ބަދަލުކުރުން ވަނީ އިތުރުވެފަ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި ހިޒްބުﷲ ބަލިކަށިކޮށްލައި ރޮކެޓާއި މިސައިލް ފޮނުވުމުގެ ގާބިލްކަން ނައްތާލާފައިވާ ކަމަށް އިޒްރޭލުން ބުންޏަސް ބުރާސްފަތި ދުވަހު އެކަނިވެސް ހިޒްބުﷲ އިން ވަނީ އިޒްރޭލަށް އަމާޒުކޮށް 250 ހަމަލާ ފޮނުވާލައިފަ އެވެ.

މި އެއްބަސްވުމުގައި، އިޒްރޭލާއި ހިޒްބުﷲ އިން ހުސްކުރި ސަރަހައްދުގައި ލުބުނާނުގެ އަސްކަރިއްޔާގެ ބައިވެރިވުން އިތުރުކުރުން ހިމެނޭ ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ހުޅަނގުގެ ޑިޕްލޮމެޓަކު ވިދާޅުވި އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި އެއްބަސްވުމަށް "އުސޫލެއްގެ ގޮތުން" އެއްބަސްވެފައިވާ ކަމަށް ބުނާއިރު، ލުބުނާނުގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް އެލިއާސް ބޫ ސާބް ރޮއިޓާސްއަށް ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް މިހާރު "ސީރިއަސް ހުރަހެއް ނެތް" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހަނގުރާމަ ހުއްޓާލައިގެން ތިބުން މޮނިޓަކުރާނީ ކޮން ބައެއްކަމާ މެދު ވެސް އެއްބަސްވެވިފައިވާ ކަމަށެވެ.

އެމެރިކާގެ ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީގެ ތަރުޖަމާނު ޖޯން ކިރްބީ ވެސް ވިދާޅުވީ އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށާއި މަޝްވަރާތައް ކުރިއަށް ދަނީ ރަނގަޅު މިސްރާބަކަށް ކަމަށެވެ.

މި ހަމަނުޖެހުންތައް ފެށުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދޭން ފެށި ހަމަލާތަކާ އެކު ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާ ދޭން ފެށުމުންނެވެ. ލުބުނާނުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 3،750 އަށް ވުރެ ގިނަ މީހުން ހަމަލާތަކުގައި މަރުވެ، 15،600 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ އިރު، އެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފަ އެވެ.