Roadha Mihaaru

ލައްކައަކުން އެކަކަށް ޖެހޭ ބައްޔެއްގައި ނުސައިބާގެ ހިތްވަރު

އެހެން ކުދިންނެކޭ އެއްގޮތަށް ކޮންމެ ދުވަހަކު ސްކޫލަށް ދާން ނުސައިބާ ބިންތު އަހްމީމް ބޭނުންވެ އެވެ. އެކަމަކު، ބަލި ހާލަތު ހުރި ގޮތުން، އޭނާއަށް ކޮންމެ ދުވަހަކީ ފަސޭހަ ދުވަހެއް ނޫނެވެ. ކިޔަވަން ދެވެނީ މަދު ދުވަހެއްގަ އެވެ. ލައްކައަކުން އެކަކަށް ޖެހޭ ބައްޔެއްގައި އުޅެން ޖެހިފައިވާ ނުސައިބާ ގިނައިން ގެންގުޅެން ޖެހެނީ އުރައިގެންނެވެ. ފައިތިލައަށް ދިމާވެފައިވާ މައްސަލައަކާ ހެދި އޭނާ ހިނގަން ޖެހެނީ ކަކުލުންނެވެ.

މަދު މީހަކަށް ޖެހޭ ބައްޔެއްގައި ނުސައިބާގެ ހިތްވަރު
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

03 ޑިސެމްބަރ 2024

އެހެން ކުދިންނެކޭ އެއްގޮތަށް ކޮންމެ ދުވަހަކު ސްކޫލަށް ދާން ނުސައިބާ ބިންތު އަހްމީމް ބޭނުންވެ އެވެ. އެކަމަކު، ބަލި ހާލަތު ހުރި ގޮތުން، އޭނާއަށް ކޮންމެ ދުވަހަކީ ފަސޭހަ ދުވަހެއް ނޫނެވެ. ކިޔަވަން ދެވެނީ މަދު ދުވަހެއްގަ އެވެ. ލައްކައަކުން އެކަކަށް ޖެހޭ ބައްޔެއްގައި އުޅެން ޖެހިފައިވާ ނުސައިބާ ގިނައިން ގެންގުޅެން ޖެހެނީ އުރައިގެންނެވެ. ފައިތިލައަށް ދިމާވެފައިވާ މައްސަލައަކާ ހެދި އޭނާ ހިނގަން ޖެހެނީ ކަކުލުންނެވެ.

ހިތުގެ މައްސަލަ ހުންނާތީ ސްކޫލަށް އެކަނި ދޫކޮށްލާފައި އަންނާކަށް މަންމަ އައިމިނަތު ރަޝީދާއަކަށް ނުކުރެ އެވެ. އެކަމަކު ސްކޫލަށް ދެވޭ މަދު ދުވަސްތަކުގައި ވެސް ނުސައިބާ ދައްކަނީ އާދަޔާ ހިލާފު ހިތްވަރެކެވެ. ކިޔެވުމުގައި ހޯދާ ކުރިއެރުންތަކާ އެކު ސްކޫލުގައި ހިންގާ ހުރިހާ އިތުރު ހަރަކާތެއްގައި ވެސް އޭނާ ބައިވެރިވެ އެވެ.

ނުސައިބާއަކީ މަދުން ނޫނީ ނުފެންނަ "ކޮންޖެނިޓަލް ޑިސްލޮކޭޝަން އޮފް ނީ [ސީޑީކޭ]" ވިހޭއިރު ވެސް ހުރި ކުއްޖެކެވެ. އުފަންވާ ކޮންމެ އެއްލައްކަ ކުއްޖަކުން އެއް ކުއްޖަކަށް ދިމާވާ މި ބަލި ރަނގަޅު ކުރަން ނުސައިބާގެ ފުރަތަމަ އޮޕަރޭޝަން ކުރީ އުމުރުން ތިން މަހުގަ އެވެ.

އޭގެ ފަހުން އޯޕަން ހާޓް ސާޖަރީއެއް ކުރީ އުމުރުން ފަސް އަހަރުގައި، 2022ގަ އެވެ.

"ވަރަށް ބަލިވާނެ އަބަދުވެސް، ކިތަންމެ ބަލި ވިޔަސް ރޮއެގެން ވެސް ސްކޫލަށް ދާނެ. އޮންނާކަށް ބޭނުމެއް ނުވާނެ. ހުރިހާ އިތުރު ހަރަކާތެއްގައި ބައިވެރިވާނެ، އަލްހަމްދުލިއްލާހް. ސްކޫލަށް ނުގެންދިޔައީމަ ދެރަވެގެން ރޯނެ،" ނުސައިބާގެ މަންމަ، އައިޝަތު ރަޝީދު ކިޔައިދިނެވެ.

ނުސައިބާ ސްކޫލުގެ ކުޅިވަރު ހަރަކާތެއްގައި ބައިވެރިވަނީ.

ނުސައިބާ ސްކޫލުގެ ކުޅިވަރު ހަރަކާތެއްގައި ބައިވެރިވަނީ.

"ދެ ސްކޫލުން ވެސް ނުސައިބާއަށް ވަރަށް ރަނގަޅު"

ޔޫކޭޖީއާ ހަމައަށް ނުސައިބާ ކިޔެވީ އުފަން ރަށް ރ. މަޑުއްވަރީ ސްކޫލުގަ އެވެ.

އެ ސްކޫލުގައި ނުސައިބާގެ ކްލާސް އިންނަނީ ދެ ވަނަ ފްލޯގަ އެވެ. އެހެންވެ އަރަން އުނދަގޫތަކެއް ކުރިމަތިވެ އެވެ. އެ އާއިލާ އިން ވަނީ މީގެ ދެ އަހަރު ކުރިން ރ. އަތޮޅު މީދުއަށް ބަދަލުވެފަ އެވެ. އެ ސްކޫލުގައި އޭނާ ވެއްދީ ގްރޭޑް އެކަކަށެވެ.

ޓީޗަރުންނާ ހަވާލާދީ އާއިލާ އިން ބުނި ގޮތުގައި، ގްރޭޑް ދޭއްގައި މިހާރު ކިޔަވަމުން އަންނަ ނުސައިބާގެ ކިޔެވުން ވަރަށް ރަނގަޅެވެ. ސްކޫލުން ބާއްވާ ގުރުއާން މުބާރާތްތަކާއި ވާހަކަ ދެއްކުމުގެ މުބާރާތްތަކުގައި ވެސް ބައިވެރިވެ އެވެ.

ނުސައިބާގެ މަންމަ ބުނީ މަޑުއްވަރީ ސްކޫލާއި މީދޫ ސްކޫލުން ނުސައިބާއާ މެދު އެއްވެސް ވަރަކަށް ތަފާތު ކުރުން ނުގެންގުޅޭ ކަމަށެވެ.

"ހުރިހާ ޓީޗަރުން ވެސް ވަރަށް ރަނގަޅު ވާނެ. ކްލާސް ކުދިން ވެސް ވަރަށް ރަނގަޅު ވާނެ. އަބަދުވެސް ކުދިން ތިބޭނީ ނުސައިބާއަށް ކޮން ކަމެއްތޯ ކޮށްދޭންވީ، އެހެން ކްލާސް މިސް ވެސް ކިޔާނެ އެހެން."

ނުސައިބާގެ އަތުގައި ވެސް މައްސަލަ ހުންނާތީ ފަންސޫރުގައި ރަނގަޅަށް ހިފަހައްޓަން އުނދަގޫވެ އެވެ. ފިލާވަޅު ހަދަން އުނދަގޫ ވިޔަސް ޓީޗަރު ކިޔަވައިދޭ ގަޑީ ކަނުލާ އަޑުއަހަން އިނދެފައި، ކޮންމެ ސުވާލަކަށް ވެސް ޖަވާބުދޭ ކަމަށް މަންމަ ކިޔައިދިނެވެ.

އިނގިރޭސިންނާއި ދިވެހިން ވެސް ވަރަށް ރަނގަޅަށް ވާހަކަ ދައްކަން ނުސައިބާއަށް އެނގެ އެވެ.

"9 އޮޕަރޭޝަން ކުރަން ޖެހޭ"

ނުސައިބާގެ ބަލި ހާލަތު ކިޔައިދެމުން މަންމަ ބުނީ ހިތުގެ މައްސަލައެއް ހުރި ކަން އެނގުނީ ބަނޑަށް އަށް މަހުގައި ކަމަށެވެ. ޑޮކްޓަރުގެ ލަފައަކަށް ވީ އަށް މަހުގައި އޮޕަރޭޝަންކޮށްފައި ނެގުމެވެ. އެކަމަކު، ނުވަ މަސް ވަންދެން މަޑުކުރީ ކަމަށް މަންމަ ކިޔައިދިނެވެ.

"ބަނޑަށް 6 މަހުގައި ހަދަން ޖެހޭ ސްކޭނެއް ހަދަން އަޅުގަނޑުމެންނަށް އާދެވުނީ ތަންކޮޅެއް ލަހުން މާލެއަށް. ދެއްކީމަ ޑޮކްޓަރު ބުނީ ނުސައިބާގެ ހިތުގެ ކައިރިން ފެން ހެދިފައޭ ހުރީ،" މަންމަ ބުންޏެވެ.

"އޮޕަރޭޝަން ކޮށްފައި ނެގީމަ އެނގުނީ ފަޔާ ތަންތަން ވެސް އެހާ ބަލިކޮށް ކަން ހުރީ. އޭރު ޑޮކްޓަރުން ވެސް ބުނީ ހަމައެކަނި ހިތުގެ މައްސަލަ ހުރި ވާހަކަ. ނުސައިބާގެ ފައިތިލަ ވެސް އޮތީ ތަތްލާފައި، ކަކޫ ވެސް އިނީ އަނެއް ފަޅިއަށް ބެންޑް ވެފައި." ރަޝީދާ ބުންޏެވެ.

އޮޕަރޭޝަންގެ ކުރިން ނުސައިބާގެ ފައި އިން ގޮތް.

އޮޕަރޭޝަންގެ ކުރިން ނުސައިބާގެ ފައި އިން ގޮތް.

ނުސައިބާގެ ބައްޕަ ބުނި ގޮތުގައި ދެ މަސް ވަންދެން އޭނާ ގެންގުޅެން ޖެހުނީ އޮކްސިޖަން ގުޅައިގެންނެވެ.

ތިން މަހުގައި ކަކުލުގެ ސާޖަރީއެއްކޮށް އޭގެ ފަހުން ވެސް ބައިވަރު ސާޖަރީތައް ކޮށްފި އެވެ.

"އޭރު ވެސް ހިތުގެ މައްސަލަ ހުރޭ، ވަރަށް ބޮޑު ލޯވަޅެއް އިން ކަމަށް ޑޮކްޓަރުން ބުނީ. އެހެންވެ އެ ސާޖަރީ ވެސް މިހާރު ކޮށްފިން، އަޔޯޓާއަށް މިހާރު އިންނާނީ އާޓިފިޝަލް ބައެއް ލައްވާފައި، ބަދަލުކޮށްފައި،" ބައްޕަ އަހްމީމް ބުންޏެވެ.

ނުޞައިބާގެ މަންމަ އާއި ބައްޕައާއެކު.

ނުޞައިބާގެ މަންމަ އާއި ބައްޕައާއެކު.

ނުސައިބާގެ އޮޕަރޭޝަންތަކަކަށް ރާއްޖެ އިން ބޭރަށް ފުރަން އާއިލާ އިން މިހާރު ތިބީ މާލޭގަ އެވެ. އިންޑިއާ އަށް ދާން ބޭނުންވާ އެހީ ނުލިބިގެން އަދި ނުފުރަ އެވެ.

މަންމަ ކިޔައިދިން ގޮތުގައި މިފަހަރު އިންޑިއާއަށް ދަނީ ނުސައިބާގެ ކަންފަތުގެ ތޫރީގައި ލޯވަޅެއް އިނދެގެން ދެ ކަންފަތުގެ ވަރަށް ބޮޑު އޮޕަރޭޝަނަކަށެވެ. އޭގެ ކުރިން، ނޭފަތުގެ އޮޕަރޭޝަނެއް ވެސް ކުރަން ޖެހެ އެވެ.

މި އޮޕަރޭޝަނަށް އިންޑިއާގައި ތިން މަސް ހޭދަވާނެ ކަމަށް އާއިލާ އިން ލަފާ ކުރެ އެވެ.

ނުސައިބާ--

ނުސައިބާ--

ނުސައިބާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އެހެން ކުދިންނެކޭ އެއްގޮތަށް އަމިއްލަ އަށް ހިނގާފައި ސްކޫލަށް ދެވޭނެ ދުވަހެކެވެ.

ފައިތިލައިގެ އިތުރު އޮޕަރޭޝަނަކަށް ފަހު ހިނގޭނެ ކަމުގެ އުއްމީދު ޑޮކްޓަރުން ވަނީ ދީފަ އެވެ.

"ވަރަށް ބިރުގަނޭ އަސްލު ވަރަށް ބޮޑެތި ކަންކަން، އަދި އުމުރުން ވަރަށް ކުޑަވީމަ. އެކަމަކު އަލްހަމްދުލިއްލާލް ވަރަށް ހިތްވަރުގަދަ ކުއްޖެއް ނުސައިބާއަކީ. ވަރަށް ބޮޑު އޮޕަރޭޝަނެއް ދެން އިނީ، ފައިގެ އޮޕަރޭޝަން،" ނުސައިބާގެ މަންމަ ބުންޏެވެ.

"ޑޮކްޓަރުން ޔަގީންކަން ދޭ އެ އޮޕަރޭޝަނަށް ފަހު ދެން އިތުރު އޮޕަރޭޝަނެއް ކުރަން ނުޖެހި ހިނގޭނެކަމަށް."

ނުސައިބާގެ މަންމަ އާއި ބައްޕަ މިހާރު އިންތިޒާރުކުރަނީ އެ ދުވަހަކަށެވެ. ހިތްވަރު ގަދަ ނުސައިބާގެ ދިރިއުޅުން މިހާރަށް ވުރެ ފަސޭހަވުމަށެވެ.