Roadha Mihaaru

ދަނޑުވެރިކަމާބެހޭ މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން މިނިސްޓަރު މާރިޔާ އާ ހަވާލުކުރައްވައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާ މިއަދު ހަވާލުކުރައްވައިފި އެވެ.

ދަނޑުވެރިކަމާބެހޭ މިނިސްޓްރީ ހިންގެވުން މާރިޔާ އަށް
އިފްރާޒް އަލީ
އިފްރާޒް އަލީ

01 ޑިސެމްބަރ 2024

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާ މިއަދު ހަވާލުކުރައްވައިފި އެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވަނީ ސިއްހީ ސަބަބުތަކާ ހެދި އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ އެ މަގާމަށް ބޭފުޅަކު އައްޔަނުކުރެވެންދެން، އެ މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ޑރ. މާރިޔާ އާ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވާލުކުރައްވާފައިވާ ކަމަށެވެ.

ރަމީލާ ކެންސަރުގެ އާލާސްކަންފުޅާ ގުޅިގެން ފަރުވާ ހޯއްދަވަމުން ގެންދަވާކަން މިދިޔަ އަހަރުގެ ނޮބެމްބަރު މަހުގެ 29 ގައި އޭނާ ވަނީ ސޯޝަލް މީޑިއާގައި ހާމަކުރައްވައިފަ އެވެ. އޭނާ އިންޑިއާގައި ފަރުވާ ހޯއްދެވުމަށް ފަހު އަލުން އޮފީހަށް ނުކުންނަވަން ފެއްޓެވީ މިދިޔަ ފެބްރުއަރީ މަހު އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރަމީލާ، އާލާސްކަންފުޅާ އުޅުއްވަމުން ވެސް ކޮށްދެއްވި މަސައްކަތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

"...ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ގާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ކުރިއަށް އޮތްތާނގައި ވެސް ކަމަނާގެ ހިދުމަތް ދިވެހި ގައުމަށް ލިބޭނެކަން އަޅުގަނޑު ޔަގީންކުރަމެވެ،" ރައީސާ ހަވާލާދީ ރައީސް އޮފީހުން ބުންޏެވެ.

ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު މަސައްކަތް ފެއްޓެވި ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރަކު ކުރައްވައިފަ އެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާ އިން ޕީއެޗްޑީ ވެސް ހާސިލުކުރައްވައިފަ އެވެ.