Roadha Mihaaru
މޫސަލްގެ ސަރުކާރުގެ މައި އޮފީސް އިރާގު ސިފައިން ހިފައިފި

މޫސަލްގެ ސަރުކާރުގެ މައި އޮފީސް އިރާގު ސިފައިން ހިފައިފި

07 މާޗް 2017

ބަޣުދާދު (މާޗް 7) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން މޫސަލް ހިފަން އިރާގު ސިފައިން ދެމުންދާ ހަމަލާތަކުގައި އެ ސިޓީގެ ސަރުކާރު އޮފީސްތައް ހިމެނޭ މައި އިމާރާތް މިއަދު ހިފައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (މާޗް 7) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން މޫސަލް ހިފަން އިރާގު ސިފައިން ދެމުންދާ ހަމަލާތަކުގައި އެ ސިޓީގެ ސަރުކާރު އޮފީސްތައް ހިމެނޭ މައި އިމާރާތް މިއަދު ހިފައިފި އެވެ.

ސަރުކާރުގެ އޮފީސްތައް ހިފުމަށް އިރާގު ސިފައިން ހަމަލާދޭން ފެށީ ރެ އެވެ. މި ހަމަލާތަކުގައި އޮފީސް އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އިރާގު ސިފައިންގެ އެންމެ ފަހުގެ އޮޕަރޭޝަނުގައި ވަނީ މިއުޒިމާއި މަރުކަޒީ ބޭންކާއި ކޯޓު އިމާރާތް ވެސް ހިފައިފަ އެވެ. އައިއެސް އިން 2014 ވަނަ އަހަރު މޫސަލް ހިފުމާ އެކު ވަނީ މަރުކަޒީ ބޭންކް ލޫޓުވާލައިފަ އެވެ.

މޫސަލްގެ ހަނގުރާމަ އިރާގު ސިފައިން ވަނީ އާދިއްތަ ދުވަހު ވަރުގަދަކޮށްފަ އެވެ. ދިޖުލަތު ކޯރު ހުރަސްކުރަން އަޅާފައި އޮންނަ އަލް ހުއްރިއްޔާ ބްރިޖް ވަނީ ޖެހިގެން އައި ދުވަހު ހިފައިފަ އެވެ. އަދި އޭގެ ފަހުން ވެސް ވަނީ އިތުރު ބްރިޖެއް ހިފައިފަ އެވެ.

"މޫސަލްގެ ހުޅަނގުގެ ހިސާބުތަކުގެ މަގުތައް ހަނިވުމާއި އާބާދީ ބޮޑުވުމުން އާއްމުންނަށް ކުރިމަތިވާ ނުރައްކާ ވަރަށް ބޮޑު. ސާފު ބޯފެން ލިބުން ވެސް ވަނީ ދަތިވެފައި،" އދ. އިން ބުނެފައިވެ އެވެ.

މޫސަލްގެ ހުޅަނގުގައި އަށް ލައްކަ މީހުން ދިރިއުޅޭ ކަމަށް އދ.ގެ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް އޮފީހުން ލަފާކޮށްފައިވެ އެވެ. މީގެ ތެރޭން 42،000 މީހުން މިދިޔަ ހަފުތާގައި އެކަނިވެސް ހާލުގައި ޖެހިފައިވާ ކަމަށްވެ އެވެ.

މޫސަލްގެ އިރުމަތީގެ ހިސާބުތައް އިރާގު ސިފައިން ވަނީ ޖެނުއަރީ މަހު ހިފައިފަ އެވެ. މޫސަލް އަކީ އައިއެސްގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސިޓީ އެވެ.