Roadha Mihaaru
މޫސަލްގެ ކުޑަ ތަންކޮޅެއްގައި އައިއެސް ތާށިވެފައި

މޫސަލްގެ ކުޑަ ތަންކޮޅެއްގައި އައިއެސް ތާށިވެފައި

26 ޖޫން 2017

މޫސަލް އިން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން ފައްސައިލުމަށް އިރާގު ސިފައިން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އައިއެސް އިން ވަރުގަދަ ރައްދު ހަމަލާތަކެއް ދިން ނަމަވެސް، އެ ޖަމާއަތް މިހާރު ވަނީ ބާރު ކެނޑިފައި ކަމަށް އިރާގު ސިފައިން ބުނެފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

މޫސަލް އިން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން ފައްސައިލުމަށް އިރާގު ސިފައިން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އައިއެސް އިން ވަރުގަދަ ރައްދު ހަމަލާތަކެއް ދިން ނަމަވެސް، އެ ޖަމާއަތް މިހާރު ވަނީ ބާރު ކެނޑިފައި ކަމަށް އިރާގު ސިފައިން ބުނެފި އެވެ.

އިރާގު ސިފައިންގެ ކުރިއެރުން ހުއްޓުވުމަށް އައިއެސް އިން މިހާރު ބޭނުން ކުރަމުން ދަނީ ޖާނުން ފިދާވެގެން ހަމަލާ ދޭ މީހުންނެވެ. މިފަދަ ގިނަ އަދަދެއްގެ ބަޔަކު މޫސަލްގެ އެކި ސަރަހައްދަށް އައިއެސް އިން ވަނީ ފޮނުވައިފަ އެވެ.

ނަމަވެސް އެ ޖަމާއަތުގެ ހަނގުރާމަވެރިން މިހާރު ތިބީ މޫސަލްގެ ކުޑަ ތަންކޮޅެއްގައި ތާށިވެފައި ކަމަށް އިރާގުގެ ސަލާމަތީ ބާރުތަކުން ބުނެއެވެ. މޫސަލްގެ އެކި ސަރަހައްދުތަކުގައި ތިބި ޖާނުން ފިދާވާ މީހުންގެ މާ ބޮޑު ބޭނުމެއް އެ ޖަމާއަތަށް ނުހިފުނު ކަމަށާއި އައިއެސްގެ ހަނގުރާމަވެރިންގެ ބާރު މިހާރު އޮތީ މޫސަލްގެ އަކަ ކިލޯމީޓަރެއްހާ ކުޑަ ތަންކޮޅެއްގައި ކަމަށް އިރާގު ސިފައިން ބުނެ އެވެ.

އިރާގު ސިފައިންނާ އެކު މޫސަލްގައި ހަރަކާތްތެރިވަމުން އަންނަ ބީބީސީގެ ރިޕޯޓަރު އޯރްލާ ބުނާ ގޮތުގައި މޫސަލް އިން އައިއެސްގެ ހަނގުރާމަވެރިން ނައްތައިލުމުގެ އެންމެ ފަހު ދުވަސްތައް މިހާރު މިވަނީ ފެށިފަ އެވެ. އެ ޖަމާއަތުގެ ބާރު ކެނޑެމުންދާ ވަރަކަށް މޫސަލްގެ އެކި ތަންތަނަށް އެމީހުން ދަނީ ތަފާތު ގެއްލުންތައް ދޭން މަސައްކަތް ކުރަމުންނެވެ.

އައިއެސްގެ ބާރުގެ ދަށުގައި އޮތް މޫސަލްގެ ސަރަހައްދަކުން އާންމުންގެ ބަޔަކު ސަލާމަތް ވެގެން ނުކުންނަނީ. --ބބީސީ

އައިއެސްގެ ބާރުގެ ދަށުގައި އޮތް މޫސަލްގެ ސަރަހައްދަކުން އާންމުންގެ ބަޔަކު ސަލާމަތް ވެގެން ނުކުންނަނީ. --ބބީސީ

އެ ގޮތުން، މޫސަލްގައި ހުރި އެންމެ ދުވަސްވީ އާސާރީ މިސްކިތް ކަމަށް ވާ ނޫރީ މިސްކިތުގައި ގޮވާ ތަކެތި ހަރުކޮށް މިދިޔަ ބުދަ ދުވަހު ވަނީ ގޮއްވާލައިފަ އެވެ. އަދި އެ މީހުންގެ ބާރުގެ ދަށުގައި ހުރި އާންމުން ދިރިއުޅޭ ފްލެޓް އިމާރާތްތަކުގައި އައިއެސްގެ ހަނގުރާމަވެރިން ދަނީ ހުޅުޖަހަމުންނެވެ.

އެއްގަމު މަގުން އިރާގުގެ ސަލާމަތީ ބާރުތަކުން ހަމަލާތައް ދޭ އިރު، ގުޅިފައިވާ ލަޝްކަރުތަކުގެ ޖެޓްތަކުން އިއްޔެ ވެސް އައިއެސްގެ އަމާޒުތަކަށް ވައިގެ މަގުން 20 ހަމަލާ ދިނެވެ. އަދި ރޭގައި ވެސް ހެލިކޮޕްޓަރުތަކުން ވަރަށް ވަރުގަދަ އަށް ހަމަލާ ދީފައިވެ އެވެ.

މޫސަލްގައި ހަރަކާތްތެރިވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ބުނާ ގޮތުގައި އިއްޔެގެ ހަނގުރާމައިގައި އިރާގު ސިފައިންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އިރާގު ސިފައިންގެ 20 މީހަކު މަރުވި އިރު، އައިއެސްގެ ހަނގުރާމަވެރިން ވަނީ ކާރުތަކާއި އެހެން އުޅަނދުތަކުގައި ރޯކޮށް، އިރާގު ސިފައިން ކުރިއަރަމުން އަންނަ މަގުތައް ބަންދު ކޮށްފަ އެވެ.

އިރާގަށް ވެރިވެގަނެގެން އުޅޭ އައިއެސްގެ ހަނގުރާމަވެރިންގެ މައި މަރުކަޒަކީ މޫސަލް އެވެ. އެ ސަހަރު މިނިވަން ކުރުމުގެ ހަނގުރާމަ، އިރާގު ސިފައިން ފެށީ އޮކްޓޫބަރު 17، 2016ގަ އެވެ. މި ހަމަލާތަކުގައި އިރާގުގެ ސިފައިންނާއި ފުލުހުންގެ އިތުރުން ކުރުދީންގެ ޕެޝްމެރްގާ ހަނގުރާމަވެރިންނާއި އަރަބީންގެ ސުންނީ ގަބީލާތަކާއި ޝީއީ ހަނގުރާމަވެރި ޖަމާއަތްތައް ވެސް ބައިވެރިވެ އެވެ. އޭގެ އިތުރުން އެމެރިކާ އާއި ވިލާތުގެ ބައެއް ގައުމުތަކާއި އަރަބި ބައެއްގެ ގައުމުތަކުގެ ގުޅިފައިވާ ލަޝްކަރުން ވެސް އެހީތެރިވެ އެވެ.