Roadha Mihaaru

ވިސާ ނެތި ރާއްޖޭގައި އުޅޭ ފްރާންސްގެ އާއިލާ ފުރުވާލަނީ

މީގެ 12 އަހަރު ކުރިން ފެށިގެން ވިސާ ނެތި ރާއްޖޭގައި ދިރިއުޅެމުން އަންނަ ފްރާންސްގެ އާއިލާ ރާއްޖެ އިން ފުރުވައިލަން ނިންމާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ދެންމެ ވިދާޅުވެއްޖެ އެވެ.

ވިސާނެތި ރާއްޖޭގައި އުޅޭ ފްރާންސްގެ އާއިލާ ފުރުވާލަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

15 ޑިސެމްބަރ 2024

މީގެ 12 އަހަރު ކުރިން ފެށިގެން ވިސާ ނެތި ރާއްޖޭގައި ދިރިއުޅެމުން އަންނަ ފްރާންސްގެ އާއިލާ ރާއްޖެ އިން ފުރުވައިލަން ނިންމާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ދެންމެ ވިދާޅުވެއްޖެ އެވެ.

ތ. ވޭމަންޑޫގައި މިހާރު ދިރިއުޅޭ އެ އާއިލާގެ ވާހަކަ "މިހާރު" ގައި މިއަދު ރިޕޯޓްކޮށް، ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވަނިކޮށް އިމިގްރޭޝަން ކޮންޓްރޯލަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ހަ މީހުންގެ މައުލޫމާތު މި އަހަރުގެ ޖުލައި 18 ގައި 'އިމިގްރޭޝަން ވޮޗް' އަށް ލިބުމާ ގުޅިގެން އެ މީހުން ފޮނުވުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ މީހުންގެ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ޝަމްއާން ވިދާޅުވިގޮތުގައި އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ މުސްލިމް އާއިލާގެ އިސްމީހާ މިދިޔަ އޮކްޓޫބަރު 23 ގައި އެ އިދާރާ އަށް ހާޒިރުކުރި އެވެ. އެކަމަކު، އެ ހަ މީހުންގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައި ވާތީ ޓްރެވެލް ޑޮކިއުމަންޓެއް ހޯދަން ޖެހޭ ކަމަށް ކޮންޓްރޯލަރު ވިދާޅުވި އެވެ.

"މި ފަރާތްތަކުގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ވަނީ ހަމަޖެހިފައި. އިމިގްރޭޝަން ގާނޫނާ ހިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ،" އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވި އެވެ.

ޝަމްއާން ވިދާޅުވިގޮތުގައި. ޓްރެވެލް ޑޮކިއުމަންޓް ލިބުމުން އެ ހަ މީހުން ފުރުވާލުމުގައި ދިވެހި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

"އަދި މި ފަރާތްތައް ވަކި ގައުމަކަށް ފުރުމަށް އިމިގްރޭޝަނަކުން ނާންގާނެ،" އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން: އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި އެއްވެސް މީހަކަށް ނޫޅެވޭނެ ކަމަށް ވިދާޅުވި.--- ފޮޓޯ: ނިޝާން އަލީ | މިހާރު

އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން: އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި އެއްވެސް މީހަކަށް ނޫޅެވޭނެ ކަމަށް ވިދާޅުވި.--- ފޮޓޯ: ނިޝާން އަލީ | މިހާރު

ފްރާންސްގެ ދެމަފިރިންނާއި އޭރު އެ މީހުންގެ ތިބި ތިން ކުދިންނާ އެކު ރާއްޖެ އައީ ޓޫރިސްޓު ވިސާގަ އެވެ. ނަމަވެސް، ތިން މަސް ދުވަހުގެ އެ ވިސާގެ މުއްދަތު ހަމަވިއިރު ވެސް އެ މީހުންނަށް ރާއްޖެއިން ފުރޭ ގޮތެއް ނުވެ، ރާއްޖޭގައި "ވަޒަންވެރިވީ" އެވެ.

ވޭމަންޑޫ ކައުންސިލްގެ ރައީސް ރަޝްވާން އާދަމް ވިދާޅުވެފައި ވަނީ ގަވާއިދުގެ ތެރެއަށް އެ އާއިލާ ވެއްދުމަށް ކައުންސިލުން، ކަމާގުޅޭ ފަރާތްތަކަށް ހުށަހަޅައިގެން މިހާތަނަށް އެތައް މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ފުލުހުންނާއި އެމްއެންޑީއެފް އަދި ހޯމް މިނިސްޓްރީއާ އެކު މީގެ ކުރިން ބޭއްވި ބައްދަލުވުންތަކުގައި ކައުންސިލުން ވަނީ އެ މައްސަލަ ނަގައިފަ އެވެ.

މި ފަރާތްތަކުގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ވަނީ ހަމަޖެހިފައި. އިމިގްރޭޝަން ގާނޫނާ ހިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ: އިމިގްރޭޝަން ކޮންޓްރޯލަރު

ނަމަވެސް، ގަވާއިދާ ހިލާފަށް އެހާ ދިގު މުއްދަތެއް ވަންދެން ރާއްޖޭގައި އުޅެފައި ހުރުމުން ޖޫރިމަނާ ފީގެ ގޮތުގައި ބޮޑު އެއްޗެއް ދައްކަން ޖެހުމަކީ އެއް ސަބަބު ކަމަށް ބަލައި އެކަން އޭރު ކުރިއަކަށް ނުގެންދެވުނު ކަމަށް ކައުންސިލުން ބުންޏެވެ.

ފްރާންސްގެ އާއިލާއާ ގުޅޭ މައުލޫމާތު އެނގޭ ބައެއް މީހުން "މިހާރު" އަށް ކިޔައިދީފައިވާ ގޮތުގައި، އެ ދެމަފިރިން އިސްލާމްވުމަށް ފަހު، އެ ގައުމުގައި ދިރިއުޅެން އުނދަގޫވުމުން އެ މީހުން އެންމެ ފުރަތަމަ ދިޔައީ އިނގިރޭސި ވިލާތަށެވެ. އޭގެ ފަހުން ރާއްޖެ އައިސް ފުރަތަމަ ދިޔައީ ގދ. ތިނަދުއަށެވެ. އޭގެ ފަހުން ލ. އަތޮޅުގައި އުޅުމަށް ފަހު ތ. ތިމަރަފުއްޓަށް ބަދަލުވީ އެވެ.