Roadha Mihaaru

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ހަސީބު އައްޔަންކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމުގެ މަގާމަށް ކަމަށް އަބްދުލްހަސީބް އިސްމާއީލް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.

އީސީގެ މެންބަރުކަމަށް ހަސީބު އައްޔަންކޮށްފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

16 ޑިސެމްބަރ 2024

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމުގެ މަގާމަށް ކަމަށް އަބްދުލްހަސީބް އިސްމާއީލް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.

އޭނާއަށް މަގާމުގެ ފަތްކޮޅު އެރުވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އީސީއަށް ހަސީބު އައްޔަން ކުރަން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ. އެ މަގާމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ ހަސީބުގެ ނަން އެކަންޏެވެ.

ހަސީބު ކޮމިޝަނަށް އައްޔަން ކުރަން ފޮނުވީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ފުއާދު ތައުފީގުގެ ދައުރު މިދިޔަ މަހުގެ 23 ގައި ހަމަވާތީ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ހަސީބް. -- ފޮޓޯ: ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ހަސީބް. -- ފޮޓޯ: ރައީސް އޮފީސް

ހަސީބް ވަނީ އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަން ވެސް ކުރައްވައިފަ އެވެ. އޭނާ އިސްލާމިކް މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަން ކޮށްފައިވަނީ 2019 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ.

ހަސީބު މި މަގާމަށް އައްޔަން ކުރުމާ އެކު އިލެކްޝަންސް ކޮމިޝަންގައި މިވަގުތު ތިއްބަވަނީ އޭނާ އާއި މެންބަރު ހަސަން ޒަކަރިއްޔާގެ އިތުރުން ޑރ. މުހައްމަދު ޒާހިރެވެ.

ހަސީބް އައްޔަން ކުރުމާ ހަމައަށް ތިން މަގާމެއް ހުސްކޮށް އޮތުމުން އެ ކޮމިޝަންގެ މަސައްކަތްތައް އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. ކޮމިޝަންގެ ބައްދަލުވުންތައް ބޭއްވޭނީ ދެބައިކުޅަ އެއްބަޔަކަށް ވުރެ ގިނަ މެންބަރުން ހާޒިރުވެގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރުމާ އެކު އެ ދެ ގޮނޑި ވެސް މިވަގުތު އޮތީ ހުސްކޮށެވެ.

އެ ދެ މަގާމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޒާހިދާއި އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލްކަން ކުރިން ކުރެއްވި އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަން ކުރަން މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ.