Roadha Mihaaru
އިޓަލީ-ބެލްޖިއަމް ކުރިމަތިލާއިރު ހާލަތު ބަދަލުވެފައި

އިޓަލީ-ބެލްޖިއަމް ކުރިމަތިލާއިރު ހާލަތު ބަދަލުވެފައި

13 ޖޫން 2016

ލިޔޯން، ފްރާންސް (ޖޫން 13) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިޓަލީ އާއި ބެލްޖިއަމް ބައްދަލުކުރާ މެޗަކީ ދެ ޓީމުގެ ކޯޗުންނަށް ވަރަށް ހާއްސަ މެޗެކެވެ. އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި ބެލްޖިއަމްގެ ކޯޗު މާކް ވިލްމޮޓްސް ވަނީ 2000 ވަނަ އަހަރުގެ ޔޫރޯގައި މި ދެ ޓީމު ބައްދަލުކުރި މެޗުގައި ކުޅެފަ އެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ އިޓަލީ އެވެ.

ލިޔޯން، ފްރާންސް (ޖޫން 13) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިޓަލީ އާއި ބެލްޖިއަމް ބައްދަލުކުރާ މެޗަކީ ދެ ޓީމުގެ ކޯޗުންނަށް ވަރަށް ހާއްސަ މެޗެކެވެ. އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި ބެލްޖިއަމްގެ ކޯޗު މާކް ވިލްމޮޓްސް ވަނީ 2000 ވަނަ އަހަރުގެ ޔޫރޯގައި މި ދެ ޓީމު ބައްދަލުކުރި މެޗުގައި ކުޅެފަ އެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ އިޓަލީ އެވެ.

އެ ފަހަރުގެ މެޗާ ކުރިމަތިލިއިރު އިޓަލީ އަކީ މުބާރާތުގެ ފޭވަރިޓެވެ. އެ ޓީމުގައި ހުސް ތިބީ ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިންނެވެ. އެއީ ފްރެންޗެސްކޮ ޓޮޓީ އާއި ފިލިއްޕޯ އިންޒާގީ އާއި ޕައޮލޯ މަލްޑިނީ ފަދަ ކުޅުންތެރިންގެ ރަންޒަމާނެވެ. މިރޭގެ މެޗަށް ނުކުންނައިރު ހާލަތު ވަނީ ބަދަލުވެފަ އެވެ. ފޭވަރިޓަކީ ބެލްޖިއަމް އެވެ. އެ ޓީމުގައި އެޑިން ހަޒާޑާއި ޔަނިޗް ކަރަސްކޯ އާއި ރޮމެއުލް ލުކާކޫ ފަދަ ދުނިޔޭގެ ތަރިން އެބަ ތިއްބެވެ.

އެކަމަކު ވިލްމޮޓްސް ބުނީ އިޓަލީ އަކީ ޓެކްޓިކަލީ ވަރަށް މޮޅު ޓީމެއް ކަމަށާއި އެކަމާ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.

"މޮޅަކާ އެކު މުބާރާތް ފެށިއްޖެއްޔާ އެއީ ލިބޭނެ ވަރަށް ބޮޑު އިތުބާރެއް. އިޓަލީ އަކީ އަހަރެމެން ކުޅެން ޖެހޭ އެންމެ ޝަރަފްވެރި ޓީމު. އެ ޓީމަކީ ބަލިކަށިކޮށް ފެންނަ ފަހަރު އެންމެ ނުރައްކާކުރާ ޓީމު. އަހަރެމެން ވަރަށް ސަމާލުވެ ތިބެން ޖެހޭނީ. ޓެކްޓިކަލީ އެ ޓީމުން ކޮންމެ ފަދަ ކަމެއް ވެސް ރާވާފައި އޮވެދާނެ،" ވިލްމޮޓްސް ބުންޏެވެ.

އިޓަލީގެ ކޯޗު ކޮންޓޭ ބުނީ މިރޭގެ މެޗަކީ މުބާރާތުގައި މިހާތަނަށް ފެންނަ އެންމެ ރީތި މެޗަށް ވާނެ ކަމަށެވެ.

"އަހަރެން އުއްމީދުކުރަނީ މޮޅު ފުޓްބޯޅައެއް ފެނިގެންދާނެ ކަމަށް. ބެލްޖިއަމްގައި އެތިބީ ދުނިޔޭގެ ފެންވަރުގެ ތަރިން. އެކަމަކު ފެންވަރު ސާބިތުކުރުން އޮތީ ދަނޑުމަތީގައި. އެތަނުގައި ކުރާ މަސައްކަތަން އެނގޭނީ މޮޅުވާން ހައްގު ޓީމެއް. ކޮންމެ ގޮތެއް ވިޔަސް މި މެޗުގައި ބަލާހިތްވާ ފަދަ ކުޅުމެއް ފެންނާނެ. ދެ ޓީމަކީ ވެސް ރީތި ކުޅުމެއް ދައްކަން މަސައްކަތްކުރާ ދެ ޓީމު،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ ކުޅުންތެރިއެެއްގެ ގޮތުގައި ގައުމީ ޓީމު ތަމްސީލްކުރުމަށް ފަހު ކޯޗެއްގެ ގޮތުގައި ގައުމީ ޓީމަށް އާދެވުމަކީ ބޮޑު ފަހުރެއް ކަމަށެވެ.

މުބާރާތާ ކުރިމަތިލާއިރު އިޓަލީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މުހިއްމު ދެ މިޑްފީލްޑަރުން ކަމަށްވާ މާކޯ ވެރާޓީ އަދި ކްލައުޑީއޭ މާކީޒިއޯ އަށް އަނިޔާގެ ސަބަބުން ނުކުޅެވުމެވެ. އެހެންވުމާ އެކު އަދި ވަރުގަދަ ޑިފެންސެއް އޮތުމާ އެކު ބެލެވޭ ގޮތުގައި މިރޭ އިޓަލީން އަރިމަތި ބޭނުންކޮށްގެން ކައުންޓާ އެޓޭކްކުރާނީ އެވެ.

އިޓަލީ އާއި ބެލްޖިއަމްގެ ،މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.