Roadha Mihaaru

މީހުން ސަލާމަތްކޮށްފައި ބެލި އިރު މަންމަ އާއި ކޮއްކޮ އާއި ކާފަ ގެއްލިއްޖެ

އަބްދުﷲ ޝިރުހާންގެ ކާފަ މުހައްމަދު އަހުމަދު (ދަގަނޑުބެ) އާ ދިމާވާ ކޮންމެ މީހެއްގެ ގާތު ކާފަ އޭރު އަބަދުވެސް ދައްކާ ވާހަކައެއް އޮވެ އެވެ. ތ. ވިލުފުށިން އެންމެން ފައިބައިގެން ދާނީ އޭނާއާ އެކުގައި ކަމަށެވެ. އެކަމަކު، ސުނާމީ އެރުމުގެ ދެ ދުވަހެއް ކުރިން ކާފަ އެ ވާހަކަ މާ ގަދައަށް ދެއްކި އެވެ. އޭރު އުމުރުން 19 އަހަރުގެ ޝިރުހާނަށް ވެސް ފާހަގަވާ ވަރަށް ކާފަ އެ ވާހަކަ ތަކުރާރުކުރި އެވެ.

މީހުން ސަލާމަތްކޮށްފައި ބެލި އިރު އާއިލާ ގެއްލިއްޖެ
އަހުމަދު ހަމްދޫން
ތ. ވިލުފުށިން އަހުމަދު ހަމްދޫން

26 ޑިސެމްބަރ 2024

އަބްދުﷲ ޝިރުހާންގެ ކާފަ މުހައްމަދު އަހުމަދު (ދަގަނޑުބެ) އާ ދިމާވާ ކޮންމެ މީހެއްގެ ގާތު ކާފަ އޭރު އަބަދުވެސް ދައްކާ ވާހަކައެއް އޮވެ އެވެ. ތ. ވިލުފުށިން އެންމެން ފައިބައިގެން ދާނީ އޭނާއާ އެކުގައި ކަމަށެވެ. އެކަމަކު، ސުނާމީ އެރުމުގެ ދެ ދުވަހެއް ކުރިން ކާފަ އެ ވާހަކަ މާ ގަދައަށް ދެއްކި އެވެ. އޭރު އުމުރުން 19 އަހަރުގެ ޝިރުހާނަށް ވެސް ފާހަގަވާ ވަރަށް ކާފަ އެ ވާހަކަ ތަކުރާރުކުރި އެވެ.

"ސުނާމީ އެރުމުގެ ދެ ދުވަހެއް ކުރިން އަޅުގަނޑު ކައިރީ މާ ގިނައިން އެ ވާހަކަ ދެއްކި. މާ ގިނަ ދުވަހެއް ނެތޭ، ތައްޔާރުވާށޭ. ދާއިރު ތިމަންނަ ދާނީ ހުރިހާ އެންމެން ގޮވައިގެންނޭ،" ޝިރުހާން ކިޔައިދިނެވެ.

އޭގެ ދެ ދުވަސް ފަހުން ޑިސެމްބަރު 26، 2004 ގައި ރާއްޖެ އަށް އެރި ސުނާމީގައި މުޅި ވިލުފުށި ސުންނާފަތިވިއިރު ޝިރުހާންގެ ކާފަގެ ހަށިގަނޑު ފެނުނީ ފަސް ދުވަސް ފަހުން އަތިރިމަތީގެ ހިސާބަކުން ލަކުޑިތަކެއްގެ ތެރެއިންނެވެ. ޝިރުހާންގެ މަންމަ ނަސީމާ މުހައްމަދާއި އެއްބަނޑުއެއްބަފާ ކޮއްކޮ މުހައްމަދު ސަމޫހް ވެސް ސުނާމީގައި ގެއްލުނީ އެވެ. އޭރު ސަމޫހަށް އެންމެ 10 އަހަރެވެ.

ޝިރުހާންގެ ކާފައާ އެކު، މުޅި ވިލުފުށީގެ އެންމެން އެ ދުވަހު "ފައިބައިގެން" ދާން ޖެހުނީ ކުއްލި ގޮތަކަށެވެ. ރަށް އެއްކޮށް ހުސްވި އެވެ. ޝިރުހާނާއި އާއިލާގެ ބައެއް މީހުން ވެސް ރަށުން ފޭބި ގޮތަށް މާލެ ބަދަލުވީ އެވެ.

ކާފަގެ އެ ވާހަކަތަކާ ޝިރުހާނަށް މިއަދު ވެސް ދުރަކަށް ނުދެވެ އެވެ. ސުނާމީ އަށް މިއަދު 20 އަހަރު ފުރުނުއިރު ކާފަ އަބަދު ދައްކަމުން ދިޔަ ވާހަކަތައް އަދިވެސް އިވޭ ކަހަލަ އެވެ.

"އެ ދުވަހުގެ ހެނދުނު އަޅުގަނޑު މަންމަގެ އަތުން ސައިބޮއެގެން ގެ އިން ނުކުތީ. ކާފަ ވެސް މަންމަ ވެސް ކޮއްކޮއާ ވެސް އެ ދުވަހު ހެނދުނު ދިމާވި،" މިހާރު އުމުރުން 39 އަހަރުގެ ޝިރުހާން ބުންޏެވެ.

މަންމަގެ އަތުން ސައި ބޮއެގެން އާދައިގެ މަތިން ޝިރުހާން ދިޔައީ ގެއެއްގެ ކަރަންޓު މަސައްކަތަކަށެވެ. ސްކޫލް ނިންމުމަށް ފަހު އޭރު ވެސް ޝިރުހާން އައީ ކޮންމެވެސް ވަރަކަށް އެ މަސައްކަތްތައް ކުރަމުންނެވެ. އެކަމަކު، އެ ދިޔަ މަގުމަތީގައި އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާ އަބްދުﷲ ނިޒާރާ ދިމާވެގެން ވާހަކަ ދައްކަން އިރުކޮޅަކަށް މަޑުކޮށްލި އެވެ.

ނިޒާރަކީ ސުނާމީ އެރި ބިރުވެރި ވަގުތު ވިލުފުށީ މީހުންގެ ހަރަކާތްތައް ކެމެރާ އަށް ރައްކާކުރި ހަމައެކަނި މީހާ އެވެ.

"އެ ރާާޅުގަނޑު ރަށުގެތެރެއަށް ހިއްލާލި ވަގުތު ނިޒާރު ބުނެފި އަންނާނަމޭ ކެމެރާ ހިފައިގެން. ދެން އެ ނުކުމެ އެ ގޭގެ ދޮރުމަތީގައި ހުރެހެން ފުރަތަމަ ފޮޓޯ ނެގީ. އޭނާއަކަށް އަހަރެމެން ތިބި ހިސާބަކަށް ނާދެވޭ،" ޝިރުހާން ކިޔައިދިނެވެ.

ރަށުތެރެއަށް ބިޔަ ރާޅު ބިންދާކުމުގެ ކުރިން ޝިރުހާނަށް ފެނުނީ ފުރަތަމަ ފޮނުގަނޑެއް އަރައިގަނެގެން އައި ތަނެވެ. އެހެންވެ، ކުރިއާލައި ސަމާލުވެ، އޭރު ކައިރީގައި ހުރި ބޭބެގެ ދަރިފުޅު ގޮވައިގެން ބައިސިކަލްގައި ބަނދަރުމައްޗަށް މިސްރާބު ޖެހި އެވެ.

އުމުރުން 2-3 އަހަރުގެ ކުއްޖާ ގޮވައިގެން ބަނދަރުމަތީގައި ހުންނަ ކަނބިލިގެއާ ހިސާބަށް ދެވުނުއިރު ރަށުތެރެއަށް ބިޔަ ރާޅު އަރައިފި އެވެ. އެހެންވެ، އެ ގޭގެ މީހަކާ އެ ކުއްޖާ ހަވާލުކޮށްފައި އާއިލާގެ މީހުންގެ ހާލަކީ ކޮބައިތޯ ބަލަން އަވަހަށް ގެޔަށް ދެވޭތޯ އެވެ. އޭރު ރާޅުގަނޑު ރަށުތެރެއިން ފައިބައިގެން ހިނގައްެ އެވެ.

އެކަމަކު ރަށުގެ ބަނދަރާ ދިމާލުން މައި މަގަށް ނުކުމެވުމާ އެކު ޝިރުހާނަށް ހުއްޓުން އެރި އެވެ. ކޮޅަށް ހުރި އިމާރާތެއް ނެތެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި މުޅި ރަށް ބިމާ ހަމަވެ ދޮވެވުނީ އެވެ. ގެ އަށް ދާން މިސްރާބުޖެހި ޝިރުހާން ބޭނުންވީ ފެނުނު މީހަކަށް ވިއްޔާ ވެވުނު ގޮތަކަށް އެހީވެ ސަލާމަތް ކުރެވުނު ގޮތަކަށް ސަލާމަތް ކުރާށެވެ. ހޭވެރިކަން ވިއިރު، ފެނުނީ ރަށުގެ އިރުމަތީ ފަރާތުގައި ހުރި ހުރިހާ ގެއެއް ކަހަލަ ގޮތަކަށް ބިމާ ހަމަވެފައި ހުރި ތަނެވެ.

ސުނާމީގައި ވިލުފުށި ފުނޑިފައި -- ފޮޓޯ: އަބްދުﷲ ނިޒާރު

ސުނާމީގައި ވިލުފުށި ފުނޑިފައި -- ފޮޓޯ: އަބްދުﷲ ނިޒާރު

އެތައް ބަޔަކަށް އެހީވެ ހާސްކަމުގެ ތެރޭގައި ހުރެ ޝިރުހާނަށް ގެޔަށް ދެވުނީ އިރުތަކެއް ފަހުންނެވެ. އޭގެ އިރުކޮޅެއް ކުރިން އޭނާއާ ވާހަކަ ދައްކަން ތިބި މަންމަ އާއި ކޮއްކޮ އާއި ކާފަ ފެންނާކަށް ނެތެވެ.

"ގެ އަށް ވަން ތަނުން އޭރު ތިބި މީހުން ބުނެފި މަންމަ އާއި ކޮއްކޮ އާއި ކާފައެއް ނުފެނުނޭ. އެހެން ކިޔާފައި ނައްޓާލީ އެ މީހުން ހޯދަން،" އެ ދުވަހުގެ ހަނދާންތައް ކިޔައިދެމުން ޝިރުހާން ބުންޏެވެ.

މަންމަ އާއި ކޮއްކޮ އަދި ކާފަ ހޯދަން ނުކުމެ އުޅުމުގެ ތެރޭގައި ވެސް ބޮޑެތި މީހުންނާއި ބައެއް ކުޑަކުދިން ޝިރުހާންގެ އެހީގައި ސަލާމަތް ކޮށްދިނެވެ. ބައެއް މީހުން ތިބީ ވެއްޓި އަނގަވަތަށެވެ. ނިޔާވެފައި އޮތް މީހަކު ވެސް ފެނުނެނެވެ.

"ދެން ކޮއްކޮގެ ނަމުން ގޮވާލިތަނާ ކުޑަކުއްޖަކު ރޮއިގަތް އަޑު އިވުނީ. ރޮއިގަތް އަޑަށް ބަލާލިިއިރު އޮތީ ފިލާގަނޑެއްގެ މަތީގައި ބަނޑުވަތަށް. އެއީ އަހަރެމެން ގެއާ ޖެހިގެން ހުންނަ ގޭގެ ކުއްޖެއް. ދެން އެ ކުއްޖާ ވެސް ނަގާފައި މީހެއްގެ އަތަށް ދީފައި ހިނގައި ގަތީ. އެ ކުއްޖާ އަދިވެސް ހެޔޮހާލުގައި އެބަހުރި ދުނިޔޭގައި،" ޝިރުހާން ބުންޏެވެ.

މަންމަ އާއި ކޮއްކޮ އަދި ކާފަ ހޯދަން އެ ދުވަހުގެ މެންދުރު ފަހު ތިނެއް ޖަހަންދެން ކުރި މަސައްކަތުން ވެސް ހިލަމެއް ނުވި އެވެ. ރަށުގެ ދެކުނުފަރާތު ތުނޑިއާ ހަމައަށް ބެލި އެވެ. އެ ހިތްދަތިކަމުގައި ދެން ޖެހުނީ ރަށުން އެންމެން ހުސްކުރަން ޖެހުމުން އެ ރަށުން ފައިބައިގެން ދާށެވެ. ޝިރުހާން ދިޔައީ އެ އަތޮޅު ގުރައިދުއަށެވެ.

ޝިރުހާން "މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ޝިރުހާން "މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރަށުން ފައިބާނީ އެންމެންނާ އެކުގައި ކަމަށް ބުނަމުން ދިޔަ ކާފައާ އެކު އެންމެން ދިޔައީ އެވެ.

އެ ކާފަގެ ހަށިގަނޑު ފެނުނުއިރު ޝިރުހާން މާލެއަށް ބަދަލުވެއްޖެ އެވެ. އެންމެ ލޯބިވި މަންމަ އާއި ކޮއްކޮއަށް ވީ ގޮތެއް އަދިއަދަށް ދާންދެން ވެސް ނޭނގެ އެވެ.

މަންމަ ގެއްލުމުގެ އުނދަގޫ އަދިވެސް އޭނާގެ ސިކުނޑީގައި އެބަހުއްޓެވެ. މަންމަގެ ހަށިގަނޑު ވިލުފުއްޓާ ކައިރި ފަޅުރަށަކުން ނަމަވެސް ފެނިދާނެ ކަމަށް ސުނާމީ އަށް އަހަރެއް ވަންދެން ވެސް ޝިރުހާން އުންމީދުކުރި އެވެ.

"ހުވަފެނުން ވެސް ފެނޭ. މަންމަ ފެނިގެން އުޅޭތަން ހުވަފެނުން ފެންނަނީ. ވަރަށް ގިނަ ދުވަސް ވަންދެން މަންމަ ހުވަފެނުން ފެނުނު. މިހާރު ވެސް އެ އުނދަގޫ ހުރޭ،" ޝިރުހާން ބުންޏެވެ.

ޝިރުހާންގެ އެންމެ ޒުވާން ދުވަސްވަރު މަންމަ ގެއްލުމަކީ މިއަދު ވެސް އޭނާ އެންމެ ބޮޑު އެއް ހިތާމަ އެވެ. މަންމަ ދިން ނަސޭހަތުގައި ހިފެހެއްޓުމަކީ އޭނާ މިއަދު އެންމެ އިސްކަންދޭ އެއް ކަމަކަށް ހަދާފައި އޮންނަނީ އެހެންވެ އެވެ. އެއީ ފަސް ނަމާދު ބަރާބަރަށް ކުރުމެވެ.

ސުނާމީގައި ވިލުފުއްޓަށް ލިބިފައިވާ ގެއްލުން-- ފޮޓޯ: ޔުނެސްކޯ

ސުނާމީގައި ވިލުފުއްޓަށް ލިބިފައިވާ ގެއްލުން-- ފޮޓޯ: ޔުނެސްކޯ

"ގެއަށް ވަންނަ ކޮންމެ ފަހަރަކު [މަންމަ] އަހާނެ ނަމާދު ކޮށްފިންހޭ. އޭރު ވެސް ގޯސްކޮށް އުޅޭނީކީ ނޫން. ގޯސްކޮށް ނޫޅޭއިރު ވެސް އަބަދު އެހެން އަހާތީ ބައެއް ފަހަރު ރުޅި ވެސް އާދެވޭ. އެކަމަކު މިހާރު ހިތަށް އަރާ މަންމަމެން އެހެން އެހީމައޭ މިއަދު މިހެން މި ހުރީ،" ދީނީ ކަންކަމަށް މިހާރު ވެސް ދޭ އިސްކަން ކިޔައިދެމުން ޝިރުހާން ބުންޏެވެ.

އުމުރުން 8 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖަކު މިހާރު ހުރި ޝިރުހާން މާމަ އާއި ކޮއްކޮ ސަމޫހު އަދި ކާފަގެ ވާހަކަތައް އެ ދެ ދަރިންނަށް ކިޔައި ދެ އެވެ. މަންމަމެންގެ ފޮޓޯތައް ދައްކައި އެކި ހަނދާންތައް އާކުރެ އެވެ. އެންމެ ލޯބިން އުޅުނު މީހުން އެކު އެކީ ގެއްލިގެން ދިއުމުގެ އެ ހިތްދަތިކަމާ ޝިރުހާނަށް ދުރެއް ނުވެވުނެވެ.