ތ. ވިލުފުށީ މަތިރަތްމާގޭ އާޒިބާ އީސާ އޭރު ވެސް ދުވަސް ފަށަނީ އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކުންނެވެ. ބޮނބިތެޅުމާއި ފަންގިވިނުމާއި ހެދިކާ އާއި ކާޖާ ހަދައި ވިއްކައި އޭނާ ދިޔައީ ދިރިއުޅުން ކޮޅަށް ނަގަމުންނެވެ. އެކަމަކު ކުރަމުން އައި ހުރިހާ މަސައްކަތްތަކާއި މުސްތަގުބަލާ މެދު އޮތް އުންމީދުތައް މުގުރާލައި ފުނޑުފުނޑު ކޮށްލީ ރަށަށް އެރި "މަރުގެ" ރާޅާ އެކު އެވެ.
26 ޑިސެމްބަރ 2024
ތ. ވިލުފުށީ މަތިރަތްމާގޭ އާޒިބާ އީސާ އޭރު ވެސް ދުވަސް ފަށަނީ އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކުންނެވެ. ބޮނބިތެޅުމާއި ފަންގިވިނުމާއި ހެދިކާ އާއި ކާޖާ ހަދައި ވިއްކައި އޭނާ ދިޔައީ ދިރިއުޅުން ކޮޅަށް ނަގަމުންނެވެ. އެކަމަކު ކުރަމުން އައި ހުރިހާ މަސައްކަތްތަކާއި މުސްތަގުބަލާ މެދު އޮތް އުންމީދުތައް މުގުރާލައި ފުނޑުފުނޑު ކޮށްލީ ރަށަށް އެރި "މަރުގެ" ރާޅާ އެކު އެވެ.
އެއީ މީގެ 20 އަހަރު ކުރިން ޑިސެމްބަރު 26, 2004 ގައި ވެސް އޭނާ ގޮނޑުދޮށުގައި ހަމަޖެހިލައިގެން އިން ދުވަހެކެވެ. ދޭތެރެއަކުން، މޫދާ ދިމާލަށް ބަލައިލާއިރު މަޑުމަޑު ރާޅުތައް ބީއްސަމުން ދިޔަ އެވެ. ހަމަހިމޭން އުފާވެރި އިހުސާސެކެވެ.
އެ ހަމަޖެހުން ނަގައިލީ މޫދުގެ ލޮނުގަނޑު ކެކި އަރައި، ރާޅުގެ އަޑުފައްގަނޑު ގަދަވުމުންނެވެ. ބިޔަ ރާޅެއް އަރައި ސިކުންތުކޮޅެއް ތެރޭ ފަޔާ ހަމަކުރަނީ އެވެ. ކުރަން ހުރި މަސައްކަތް މަތިން ހަނދާން ނެތިއްޖެ އެވެ. ޖެހިގެން ހުރި ކުއްޖާގެ އަތުގައި ހިފި ގޮތަށް ރަށު ތެރެއަށް އާޒިބާ ދުއްވައިގަތެވެ.
ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވީ އެ ދުވަހު ވިލުފުށިންނެވެ. އެ ރަށަށް އެރި ބިޔަ ރާޅާ އެކު 21 މީހުންގެ ފުރާނަ ގެންދިޔަ އެވެ. އޭގެ ތެރެއިން ބައެއް މީހުން އަދިވެސް ނުފެނެ އެވެ.
އެ ހިތާމަވެރި ދުވަހުގެ މަންޒަރުތަކުން މުޅި ރާއްޖެއަށް އެންމެ މަޝްހޫރުވި އެއް ފޮޓޯއަކީ އެ ވަގުތުކޮޅެވެ. އާޒިބާ އޭނާ ކައިރީ ހުރި ކުޑަ ކުއްޖަކު ގޮވައިގެން ހިތްވަރާ އެކު ދުވާ މަންޒަރެވެ. ފަހަތުން ބޮޑު ރާޅު އަރަނީ އެވެ. ފަސް އެނބުރި ބެލުމެއް ނެތި އާޒިބާ ހުއްޓުމެއް ނެތި ދުވަނީ އެވެ.
އެ ދުވަހު މުޅި ގައުމަށް ފެނިގެން ދިޔައީ އާޒިބާ ކުރި ހިތްވަރުގެ އެއް މަންޒަރެވެ. އެކަމަކު އޭނާ އަށް އެއީ ހަޔާތުގައި އައި އެންމެ ބިރުވެރި ހިނދުކޮޅެވެ. އެ ދުވަހުގެ ބިރުވެރިކަމާއި އެ އަށް ފަހު ދިރިއުޅުމުގައި ނެގި ބިޔަ ރާޅުތަކާ އާޒިބާ ކުރިމަތިލީ އަދި އެ އަށް ވުރެ ވަރު މާ ގަދަ ހިތްވަރަކާ އެކު އެވެ.
މީގެ 20 އަހަރު ކުރީގެ އެ ހަނދާންތައް އާ ކުރަމުން އާޒިބާ ކިޔައިދިން ގޮތުގައި އޭނާ އެ ދުވަހު ކައިރީގައި ހުރި ކުޑަކުއްޖަކު ގޮވައިގެން ދުއްވައިގަނެ ރަށު ތެރެއަށް ވަކި ހިސާބަކަށް ދެވުނުތަނާ ތިމާގެ އެހެން ކުޑަ އަންހެން ކުއްޖަކާ ވެސް ދިމާވި އެވެ. އެ ހިސާބުން ކުރިޔަށް ދިޔައީ ދެ ކުދިންގެ އަތުގައި ހިފައިގެންނެވެ.
އާޒިބާ "މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެ ވަގުތު އެ ކުދިންގެ ފުރާނަ ސަލާމަތް ކުރުން ފިޔަވައި އެހެން އެއްވެސް ކަމެއް އާޒިބާއަކަށް ނުވިސްނެ އެވެ.
އެކަމަކު މާސިންގާ ބޮޑު ރާޅު އައިސް އާޒިބާއާ އަރާ ހަމަކޮށް ގަންބާލައިފި އެވެ. އެ ވަގުތު ދެ ކުދިން އަތުން ދޫވެ ގެއްލިއްޖެ އެވެ.
"ކައިރީ ތިބި ދެ ކުދިން ވެސް ގެއްލިއްޖެ. އޭރު ހަމަ ލޮލާ ހަމައަށް ލޮނުގަނޑު އަރާފައި ހުރި" އާޒިބާ ބުންޏެވެ.
ދެން ކައިރިން ނުދަންނަ މީހަކު ފެނުނެވެ. އެ މީހާ ކައިރީ "ދައްތަގެ ދެ ކުދިން ގެއްލިއްޖެ އޭ" ބުނުމުން ކައިރީ އޮތް ފިލާގަނޑެއް ހިއްލައިލި އެވެ. އެ ދެ ކުދިން އޮތީ ފިލާގަނޑު ދަށުވެފަ އެވެ.
"ރާޅުގަނޑު އަރައިގެން ފައިބައިގެން ދިޔައީ. އިރުކޮޅެއް ތެރޭގައި ފެންގަނޑު ތިރިވާން ފަށައިފި،" އޭނާ ބުންޏެވެ.
ވިލުފުއްޓަށް ސުނާމީ އެރުމާއި ރަށުގެ ހާލަތު ފެނިފައި އާޒިބާ ހުރީ ގޮތް ހުސްވެފަ އެވެ. އެހެން މީހުންނެކޭ އެއްގޮތަށް ކައިރި ރަށްރަށަށް ފުރައިގެން ދިޔުން ނޫން ގޮތެއް ނެތެވެ. ދިރިއުޅުން އާރާސްތު ކުރަން ކުރަމުން އައި ހުރިހާ މަސައްކަތެއް ފެނަށް ދިޔަ އެވެ.
އެ ދުވަހު އުންމީދު އެއްކޮށް ގެއްލުނު ނަމަވެސް އާޒިބާ ހިތްވަރު އެލުވައެއް ނުލަ އެވެ. އޭނާ ދެން ވެސް ދިޔައީ އަމިއްލަ މަސައްކަތުން ދިރިއުޅުން އަލުން ބިނާ ކުރެވޭތޯ އެވެ.
އާޒިބާ "މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާލޭގައި ވެސް ދުވަސްތަކެއް ހޭދަކުރުމަށް ފަހު ރަށް އަލުން ތަރައްގީކުރުމުގެ މަސައްކަތް ފެށުމުން އާޒިބާ ރަށަށް ބަދަލުވެ އާމްދަނީ ހޯދުމުގެ މަސައްކަތް ފެއްޓި އެވެ.
މިހާރު އޭނާއަކީ ވިލުފުށީގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން އެންމެ ގަދައަށް މަސައްކަތް ކުރާ އެކަކެވެ.
އާޒިބާގެ ދުވަސް މިހާރު ފަށަނީ މެންދަމުން އަލިވެ 2:30 ގަ އެވެ. ދަމުނަމާދު ކޮށްލައިގެން ތެދުވާ ގޮތަށް ސޭންޑުވިޗާއި ސަބްމެރީން ހަދައި ހެދިކާ ހެދުމުގެ މަސައްކަތް ކުރެ އެވެ. މަސައްކަތް ނިންމާލަނީ ހެނދުނު ނުކުމެ ރަށުގެ ފިހާރަތަކަށް އޭނާގެ ހެދިކާތައް ލައި ނިމުމުންނެވެ. އެ ހުރިހާ ކަމެއް ކުރަނީ އަމިއްލައަށެވެ.
"ދުވަހުގެ މެދަކާ ހަމައަށް ދާތަނާ ހުސް ވާނެ. ކޮންމެ ދުވަހަކު ދެ ހާހެއްހާ ރުފިޔާގެ އާމްދަނީއެއް ލިބޭ އިރާދަކުރެއްވީތީ،" އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ އާޒިބާ ބުންޏެވެ.
އޭނާ އަމިއްލަ އަށް ކުރި މަސައްކަތުން ހޯދި އާމްދަނީން ހައްޖުގެ އަޅުކަން ފުރިހަމަކޮށް، އިތުރު އުމްރާއެއް ވެސް ކޮށްފި އެވެ. މާލޭގައި އުޅެމުން އަންނަ އޭނާގެ ދަރިންނަށް ބޭނުންވާ ވަރަށް ފައިސާ ފޮނުވަ އެވެ. ހުރިހާ ކަމެއް ކުރުމުގެ ގާބިލްކަން ވަނީ އަމިއްލަ އަށް ހޯދައިފަ އެވެ.
ބޮޑު ރާޅެއް އަދި އެހެން ކަމަކުން އޭނާގެ ހިތްވަރަކަށް ކުޑަވެސް ބަދަލެއް ނާދެ އެވެ. ސުނާމީ އަށް ފަހު އާޒިބާ އާމްދަނީ އިތުރު ހަރުފަތަކަށް ޖައްސާލައިފި އެވެ.
މީހުން ސަލާމަތްކޮށްފައި ބެލި އިރު އާއިލާ ގެއްލިއްޖެ
ސުނާމީގައި ވަކިވި ދަރިފުޅު އަދިވެސް ހީވަނީ އުޅޭހެން!
ސުނާމީގައި ގަންބާލި ދިރިއުޅުން މިހާރު މާ މަތީގައި
އޮޔާދިޔަ އެޑްރެހާ އެކު ހައްގުތަކެއް ގެއްލި 20 އަހަރު
މަންމަ މި ކިޔައިދެނީ އެ ބިރުވެރި ވަގުތުކޮޅު
މައްސަލަތައް ހައްލުކުރަން އެއްބައިވަންތަވާންޖެހޭ: ރައީސް
ވިލުފުށީގައި އެއްބައިވަންތަކަން ރަމްޒުކޮށްދޭ ބިނާއެއް
ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި މައްސަލައެއް ބަލަނީ
މިސްކިތުގެ ހުރުމަތް ކެނޑި ކަމަށްބުނާ ވާހަކައަކީ ދޮގެއް
މިސްކިތެއްގައި ކުޅިވަރު ކުޅުނު މައްސަލައެއް ބަލަނީ