Roadha Mihaaru

ދަރިފުޅާ އެކު މަންމަ ހިމާޔަތަށް ދުވަނީ: މި ކިޔައިދެނީ އެ ބިރުވެރި ވަގުތުކޮޅު

ރަށުގެ އިރުމަތީ ފަރާތު ގޮނޑުދޮށާ ވަރަށް ކައިރީގައި ހަދީޖާ އާޒިފާ އޭނާގެ ދައްތައަކާ އެކު ބޮނބިތަޅަން އިން އިރު ވެސް ދޭތެރެދޭތެރެ އިން މޫދަށް ބަލާލެވެ އެވެ. މާ ހާއްސަ ކަމެއް ނެތެވެ؛ ތަފާތެއް ނެތެވެ. ރީތި ދުވަހެކެވެ. ދިޔަވަރު ވަރަށް ހިއްކެވެ. މަޑުމަޑު ވައިރޯޅިތައް ގަޔަށް ބީއްސާލަމުން ދިޔަ ކަމުގެ އުފާ އިހުސާސް ކުރެވެމުން އައެވެ.

މަންމަ މި ކިޔައިދެނީ އެ ބިރުވެރި ވަގުތުކޮޅު
އިސްމާއިލް ނަސީރު
އިސްމާއިލް ނަސީރު

29 ޑިސެމްބަރ 2020

ރަށުގެ އިރުމަތީ ފަރާތު ގޮނޑުދޮށާ ވަރަށް ކައިރީގައި ހަދީޖާ އާޒިފާ އޭނާގެ ދައްތައަކާ އެކު ބޮނބިތަޅަން އިން އިރު ވެސް ދޭތެރެދޭތެރެ އިން މޫދަށް ބަލާލެވެ އެވެ. މާ ހާއްސަ ކަމެއް ނެތެވެ؛ ތަފާތެއް ނެތެވެ. ރީތި ދުވަހެކެވެ. ދިޔަވަރު ވަރަށް ހިއްކެވެ. މަޑުމަޑު ވައިރޯޅިތައް ގަޔަށް ބީއްސާލަމުން ދިޔަ ކަމުގެ އުފާ އިހުސާސް ކުރެވެމުން އައެވެ.

އެކަމަކު އެއީ މަދު ވަގުތުކޮޅަކަށް ދެމިގެން ދިޔަ ހިތްހަމަޖެހުމެކެވެ. ދެން އޮތީ، ހަޔާތުގެ އެންމެ ބޮޑު ބިރުވެރިކަމާ ކުރިމަތިލުން ކަން ފަހަރެއްގައި ވެސް އޭނާގެ ޚިޔާލަކަށް ވެސް ނުގެނެވުނެވެ. ކުރިމަތީގައި އޮތީ، މުޅި ދުނިޔެ ދުށް އެންމެ ބިރުވެރި ހާދިސާ، ސުނާމީގެ ރާޅުތަކުގެ ތެރޭގައި އޭނާ މަރުފަލި ޖެހުން ކަން ވެސް އޭނާއަކަށް ނޭނގެ އެވެ. އަދި މުޅި ރަށުގެ ހުރިހާ އިމާރާތެއް ބިމާ ހަމަކޮށްލި "މަރުގެ ރާޅެއް" އޭނާގެ ބޯމަތިން ހިނގައިދާނެ ކަމަކަށް ވެސް ނުވިސްނެ އެވެ. ފޮޓޯއިން އެ ފެންނަ ރާޅަކީ ވިލުފުށި އެއްކޮށް ހަލާކުކޮށްލި ރާޅު ކަމެވެ. އެ ރާޅާ އެކު އެ ރަށުން 18 މީހުން ދުނިޔެ ދޫކުރި ކަމެވެ. އެތައް ބަޔަކު ގެދޮރު ގެއްލި، އެތައް ދުވަހަކު ހާލުގައި ކެތް ކުރަން ޖެހުނު ކަމެވެ.

ފޮޓޯއިން އެ ފެންނަނީ އެ ރާޅެވެ. ވިލުފުށި އެއްކޮށް ހަލާކުކޮށްލި ރާޅެވެ. އެ ރަށުން 18 މީހުން މަރުވެ/ގެއްލުނު ރާޅެވެ. އެތައް ބަޔަކު ގެދޮރު ގެއްލުވާލި ރާޅެވެ.

ހެނދުނު 9:15 ހާއިރު ހަދީޖާ އަށް ހަމަ ކުއްލިއަކަށް ފެނުނީ ކުދި ރާޅުތަކެއް ފުލުފުލުން ރަށުތެރެ އަށް ބީއްސާލައި، ރަށުގެ ކަޅު ފަސްގަނޑާ ހަމައަށް އަރަމުން ދިޔަ ތަނެވެ. އެ ރާޅުތައް ގިނަވެ، އޭނާގެ ފަޔާ ހަމައަށް ގާތް ވެސް ވެއްޖެ އެވެ.

"ދަރިފުޅު [ރަފްއާން] އޭރު ހުރީ ކައިރީގައި. ފައިގައި ލޮނުގަނޑު ޖެހި ފައި ތެމިދާނެތީ އަޅުގަނޑު ވެސް، ދައްތަ ވެސް ތެދުވީ ހިނގައިގަންނަން،" މިހާރު 51 އަހަރުގެ ހަދީޖާ، މީގެ 16 އަހަރު ކުރިން އެރި ސުނާމީގެ ހަނދާންތައް އާކުރި އެވެ.

"އެކަމަކު ތަންކޮޅަކަށް ހިނގައިގަތްތަނާ ފަހަތުން އަރަމުން އައި ރާޅު ބޮޑުވާހެން ހީވި. ލޮނުގަނޑު ވެސް ގިނަވާ ކަމަށް އިހުސާސް ކުރެވުނު. ދެން ދަރިފުޅުގެ އަތުގައި ހިފައިގެން ދުވީ. ހަމަ ދުވީ، ހަމަ ދުވީ. ވަކި ތަނަކަށް ނޫން ދުވީ ވެސް. ދުވަމުން ދުވަމުން ދަނިކޮޅު މިނެޓެއްހާ އިރުގެ ތެރޭގައި އަޅުގަނޑުގެ އިސްކޮޅާ ހަމައަށް ލޮނުގަނޑު ބޮޑުކޮށްލައިފި. އޭރު ހުރެވުނީ މަގުގެ މެދުގައި. ވަރަށް ބާރު ޕްރެޝަރެއްގައި ލޮނުގަނޑު ދެމެމުން ދިޔައީ. އެ ވަގުތު އަތުން ދަރިފުޅު ދޫވެއްޖެ. ދަރިފުޅު ވީ ތަނެއް ނޭނގެ."

ފޮޓޯއިން އެ ކިޔައިދެނީ އެ ވާހަކައިގެ ބަޔެކެވެ؛ އެ ފޮޓޯގައި އެ ފެންނަނީ އޭރު އަށް އަހަރުގެ ރަފްއާންގެ އަތުގައި ހިފައިގެން ހިމާޔަތް ހޯދަން ހަދީޖާ ދުވަމުން ދިޔަ މަންޒަރެވެ. އެ ފޮޓޯ ނެގިތާ ހަމަ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނާގެ ކަރުތާ ފެނަށް ފެންގަނޑު ބޮޑުވެއްޖެ އެވެ. އެކަމަކު އޭގެ ކުރިން އެހެން ކަމެއް ވެސް ހިނގި އެވެ.

ސުނާމީ އަރައި ނިމުނު އިރު ވިލުފުށި އޮތް ގޮތް -- ފޮޓޯ: އަބްދުﷲ ނިޒާރު

ސުނާމީ އަރައި ނިމުނު އިރު ވިލުފުށި އޮތް ގޮތް -- ފޮޓޯ: އަބްދުﷲ ނިޒާރު

"އަޅުގަނޑު ދަރިފުޅާ އެކު ދުވަމުން ދަނިކޮށް ފެނުނީ މަންމައާ އެއްބަނޑުއެއްބަފާ މީހެއްގެ ދަރިއެއް. އެއީ ވެސް ހަމަ އަޅުގަނޑުގެ ދަރިފުޅާ ގާތްގަނޑަކަށް އެއް އުމުރުގެ އަންހެން ކުއްޖެއް. އެ ކުއްޖާ އަޅުގަނޑުގެ ދަރިފުޅުގެ އަތުގައި ހިފައިފި. ރަށު ތެރޭގައި ލޮނުގަނޑު ބޮޑުވެގެން ގޮސް ކަރުތާފެނަށް ލޮނުގަނޑު އެރި ވަގުތު އަޅުގަނޑުގެ އަތުން ދަރިފުޅު ދޫވެއްޖެ. ދެ ކުދިންނަށް ވެސް ވީގޮތެއް އަޅުގަނޑަކަށް ނޭނގުނު،" އޭނާ ކިޔައިދިނެވެ.

އެކަމަކު ނަސީބު ދިމާވީ ވަރަށްް ރަނގަޅަށެވެ؛ ހަމަ ކުއްލިއަކަށް އެއްލި ކަޅިން ހަދީޖާ އަށް ފެނުނީ ލޮނުގަނޑުން ސަލާމަތްވާން ވެގެން އުސް ތަނަކަށް އަރާހުރި މީހެކެވެ. ރޮއިގެންފައި ހަދީޖާ އޭނާ އަށް ގޮވި އެވެ.

"އަޅުގަނޑު ބުނިން ކޮއްކޯއޭ މަގޭ ދަރިފުޅު ގެއްލިއްޖެއޭ. ދެން އޭނާ ހުރި ތަނުން ފުންމާލީ ސީދާ ލޮނުގަނޑު ތެރެއަށް. އޭނާ ފަތަމުން ފަތަމުން ދަނިކޮށް އަޑިން ފެނުނީ ޕްލައިވުޑް ބޮޑު ފިލާގަނޑެއްގެ ދަށުގައި ދެ ކުދިން ތާށިވެފައި ތިއްބާ. ނަސީބަކުން އޭރު ވެސް އަޅުގަނޑުގެ ދަރިފުޅު އޮތީ އެ ކުއްޖާގެ އަތުގައި ހިފައިގެން،" ހަދީޖާ ބުންޏެވެ.

ހަދާނެ ގޮތެއް ނެތި، ލޮނުގަނޑު ތެރޭގައި ބަކަތަޅަތަޅާ ތިއްބާ ލޮނުގަނޑު މަޑުމަޑުން ހިނދެން ފެށީ އެވެ. އެއީ، ހަދީޖާ ބުނާ ގޮތުން މިނެޓެއް، ނުވަތަ ދޮޅު މިނެޓެއްހާ އިރަށް ދެމިގެން ދިޔަ ވަގުތުކޮޅެކެވެ.

"ނޭނގެ ވީގޮތެއް ވެސް. މިވަނީ ކިހިނެއް ކަމެއް ވެސް،" އޭނާ ބުންޏެވެ.

"އެކަމަކު ބިރުގަތް. ވަރަށް ވަރަށް ބިރުގަަތް. އެވަރުގެ ބިރު ގަތް ދުވަހެއް ހަޔާތުގައި ވެސް ނާދޭ."

ހޭވެރިކަން ވީއިރު، ރަށު ތެރެއިން އިވެމުން ދިޔައީ ހަޅޭކުގެ އަޑެވެ. އެކި ދިމާތަކުން ރޯ އަޑެވެ. ވަރަށް ބޮޑު ކަންތައްގަނޑެއް ހިނގައިފި ކަން ހަދީޖާ އަށް ވެސް އެނގިއްޖެ އެވެ. ދެން ވިސްނާލެވުނީ އޭނާގެ އެހެން ދަރިންނާއި ފިރިމީހާ އާއި ތިމާގެ މީހުންްގެ މަތިންނެވެ. އަމިއްލަ ގެދޮރާ މެދު އެވެ.

ސުނާމީގައި ވިލުފުށި ފުނޑިފައި -- ފޮޓޯ: އަބްދުﷲ ނިޒާރު

ސުނާމީގައި ވިލުފުށި ފުނޑިފައި -- ފޮޓޯ: އަބްދުﷲ ނިޒާރު

"ގެތައް ހުރީ ބިމާ ހަމަވެފައި. އެންމެން ވެސް ދުވަމުން ދިޔައީ ރަށުގެ ހުޅަނގު ފަރާތަށް. އެތަނަށް އެންމެން ޖަމާވެފައި ތިއްބާ އެނގުނީ ދުނިޔޭގައި ތިބި މީހުންނާއި ގެއްލިގެން އުޅޭ މީހުން ވެސް. އެންމެ ފުރަތަމަ ކޮންމެ މީހަކު ވެސް ބަލަމުން ދިޔައީ އެ މީހާގެ ދަރިންނާއި މައިންބަފައިންނާ ސަލާމަތުން ތިބިތޯ،" ހަދީޖާ ބުންޏެވެ.

ސުނާމީގެ ހަނދާންތައް ކޮންމެ އަހަރަކު ވެސް ހަދީޖާ އަށް ތާޒާވެ އެވެ. އެހެން މީހުންނާ ހިލާފަށް އޭނާ އަށް އެ މަންޒަރު އަލުން ފެންނަ ސަބަބަކީ މި ފޮޓޯ އެވެ. މި ތަސްވީރު ފެންނަ ކޮންމެ ފަހަރަކު ހަދީޖާގެ ގައިން ހީބިހި ނަގަ އެވެ. މިއީ ފޭސްބުކްގައި ވެސް ވަރަށް މަޝްހޫރު ފޮޓޯއެކެވެ. އެކި ކުރެހުންތެރިން އެ މީހުންގެ ފިހިތަކުން އެކި ގޮތްގޮތަށް މި ފޮޓޯ ވަނީ ކުރަހައިފަ އެވެ. އެކި މައުރަޒުތަކުގައި ބަހައްޓައިފި އެވެ. އެކަމަކު، ފަހަތުން އެ ނަގަމުންް އެ އަންނަ ބިޔަ ރާޅު މި ފޮޓޯ ބަލާ މީހުންނަށް ފެނުނަސް ހަދީޖާ އެ ރާޅެއް ނުދެކެ އެވެ. އަދި އޭނާ ބުނާ ގޮތުން ފަހަތުން ނަގަމުން އައީ ރާޅެއްކަން ވެސް ނޭނގެ އެވެ.

ހަދީޖާ އާއި އޭނާގެ ދަރިފުޅު ސުނާމީން ސަލާމަތްވާން ދުވާ މަންޒަރު، ކުރެހުންތެރިއަކު ސިފަކޮށްދީފައި

ހަދީޖާ އާއި އޭނާގެ ދަރިފުޅު ސުނާމީން ސަލާމަތްވާން ދުވާ މަންޒަރު، ކުރެހުންތެރިއަކު ސިފަކޮށްދީފައި

"އަޅުގަނޑު ފަހަތަކަށް ނުބަލަން ހަމަ އެއްގޮތަކަށް ވެސް. އަޅުގަނޑު ހަމަ ދުވީ ދަރިފުޅު ގޮވައިގެން. އެކަމަކު ދުވަމުން ގޮސް ބޮޑު މަގާ ހަމަވި އިރު ހުރީ ކަރުތާފެނުގައި. އެ ފޮޓޯ ނަގަން މަގުމަތީގައި މީހަކު ހުރި ތަން ވެސް އަޅުގަނޑު ދުށިންް. އޭނާ ހުރަސްކޮށްފައި އަޅުގަނޑު ދުވަމުންް ދިޔައީ ވެސް،" ހަދީޖާ ބުންޏެވެ.

ކެމެރާ އަށް ކެޕްޗާކޮށްލެވުނު އެންމެ މުހިންމު ފޮޓޯގަނޑު

އަންހެނުންގެ ގޭ ކުރިމަތީގައި، ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި އަބްދުﷲ ނިޒާރު ހުރީ އެހެން ދެ މީހަކާ ވާހަކަ ދައްކާށެވެ. އެހެން ހުއްޓާ އޭނާ އަށް ވިއްސަކަށް ފޫޓު ދުރުން މޫދާ ދިމާލުން ފެނުނީ ކުލަގަނޑެކެވެ. އުދަ އަރާހެން ވެސް ހީވި އެވެ.

"ދެން ދެ ރައްޓެހިން ކައިރީގައި ބުނެފިން އަޅުގަނޑު ގެއަށް ވަދެފައި އެބަ ނުކުންނަމޭ ކެމެރާ ހިފައިގެން،" މިހާރު އުމުރުންް 47 އަހަރުގެ ފޮޓޯގްރާފަރު ކިޔައިދިނެވެ.

"އަޅުގަނޑު ނުކުތީ ކެމެރާ އޮންކޮށްގެން ސެޓިން ހަދަމުން. ނުކުތް އިރަކު ނެތް އަޅުގަނޑުގެ ރައްޓެހިންނެއް. ހިނގާފައި މަގު މެދާ އަރާ ހަމަވިތަނުން ދެން މި ފެނުނީ ހަދީޖާ އޭނާގެ ދަރިފުޅު ގޮވައިގެން އަޅުގަނޑު ކުރިމަތިން ދުވަމުން އަންނަ ތަން. އެއީ އެ ފޮޓޯއަކީ،" އޭނާ ބުންޏެވެ.

ހަދީޖާ ދުވެފައި ދިޔަ ތަނުން ނިޒާރު ނެގި ދެވަނަ ފޮޓޯ -- ފޮޓޯ: އަބްދުﷲ ނިޒާރު

ހަދީޖާ ދުވެފައި ދިޔަ ތަނުން ނިޒާރު ނެގި ދެވަނަ ފޮޓޯ -- ފޮޓޯ: އަބްދުﷲ ނިޒާރު

އެ ފޮޓޯގަނޑަށް ފަހު އެހެން ފޮޓޯއެއް ވެސް އޭނާ ނެގި އެވެ. އެއާ އެކު ލޮނުގަނޑު އައިސް އޭނާ ވެސް ވަށާލައިފި އެވެ.

"ހަމަ މަދު ސިކުންތުކޮޅެއްގެ ކަމެއް އެއީ. އަޅުގަނޑު ކަރުތާފެނަށް ގެނބިއްޖެ. މީހެއްގެ ކެމެރާއަކަށް ވާތީ ދެ އަތުން މައްޗަށް ކެމެރާ ހިއްލާލައިގެން ފަތާފައި ދެން ދިޔައީ. އަޅުގަނޑަށް ގޮސް ލައްވެވުނީ ރުކެއްގައި. ދެން ހުރީ ރުކުގައި ބުރަކަށި ޖައްސާލައިގެން ކެމެރާ އުފުލާލައިގެން،" އޭނާ ކިޔައިދިނެވެ.

އެހެން ހުރި އިރު އޭނާ އަށް ފެންނަމުން ދިޔައީ ހަގީގަތަށް ވުރެ ބޮޑަށް ފިލްމުތަކުން ފެންނަ މަންޒަރެވެ. އެއީ ގައިން، ހީބިހި ނަގާވަރުގެ އަދި އެހެން މީހަކަށް ވެސް ކިޔައިދޭން އުނދަގޫ ކަންތައްތަކެކެވެ. އޭނާ އެހެން ހުއްޓާ ބޯމަތިން 20 ފޫޓުގެ ރާޅެއް ބިންދާލި އެވެ. އެއާ އެކު ފުރާޅުތައް ވިއްސައިގެން ގޮސް، ބިޔަ ފާރުތައް ފުނޑިގެން ގޮސް އަދި ބޮޑެތި ގަސްތައް މުލުން ލުހިގެން ދިޔަ އެވެ. ބޮޑެތި ބިޔަ އެތިގަނޑުތައް ފެންމަތިން ދައުރުވަމުން ދިޔަ އެވެ. ވެއްޓިފައިވާ ފާރުބުރިތައް ބާރު ސްޕީޑުގައި ދުވަމުން ދިޔަ މަންޒަރު އޭނާގެ ކުރިމަތިން ފެނުނެވެ.

"އަޅުގަނޑަކަށް ނުވެސް އެނގޭ އެ ކަންކަން ސިފަކޮށްދޭކަށް. އެއީ ބިރުވެރި މަންޒަރެއް. ގެތަކުގެ އަޑިން ވެލިގަނޑު ދަމައިގެންފައި ރާޅު އޮއްސާލަނީ. ދެން ގެތައް މި ވެއްޓެނީ. ފަސް ފޫޓަށް މުޅި ރަށުގައި ލޮނުގަނޑު އޮތް. ކާކަށް ގަބޫލުކުރެވޭނީ އެކަހަލަ ކަމެއް ލޯ ކުރިމަތީގައި ހިނގައިފާނެ ކަމަށްް،" ނިޒާރު ވަރަށް އުނދަގުލުން ކިޔައިދިނެވެ.

ރުކުގައި ތަތްވެލައިގެން ހުރި އިރު އޭނާ އަށް ވަރަށް ބޮޑެތި އަނިޔާތައް ވެސް ލިބެމުން ދިޔަ އެވެ. ނިޒާރު ބުނި ގޮތުގައި ލޮނުގަނޑު ތެރެއިން އޮޔާ ދިޔަ ބޮޑު ފާރުބުރިއެއް އޭނާގެ މޭމަތީގައި ވަރަށް ބާރަށް ގޮސް ތަތްވި އެވެ. އަދި ލޮނުގަނޑު ތެރެއިން ލަކުޑިގަނޑުތަކާ އެއްޗެހި ފައިގެ ފަލަމަސްގަނޑުގައި ޖެހި އަދި ގައިގެ އެކި ތަންތަނުގައި ވެސް ޖެހުނެވެ. އެ އަނިޔާތައް ދިގުދެމިގެން ދިޔަ ބައްޔަކަށް ވެސް ބަދަލުވި އެވެ.

ވިލުފުއްޓަށް ސުނާމީ އެރި މަގު އޭރާއި މިހާރު އޮތް ގޮތް -- ފޮޓޯ: ޓްވިޓާ/ އަހުމަދު ނިހާން

ވިލުފުއްޓަށް ސުނާމީ އެރި މަގު އޭރާއި މިހާރު އޮތް ގޮތް -- ފޮޓޯ: ޓްވިޓާ/ އަހުމަދު ނިހާން

"އެ ހާދިސާ އަށް ފަހު އަޅުގަނޑަށް ދިމާވާން ފެށި މައްސަލައަކީ ހަމަ ހުރެފައި ވެއްޓުން. މާލޭގެ މަޖީދީ މަގުމައްޗަށް ވެސް އަޅުގަނޑު ވެއްޓުނު. ހަމަ ހުރެފައި ދެފައިން ބާރު ގޮސް ވެއްޓެނީ. އަހަރެއް ވަންދެން އެ ހާލުގައި އުޅެން ޖެހުނު. ޑޮކްޓަރަށް ދައްކައިގެން ކައްޓަށް އިންޖެކްޝަން ވެސް ޖަހައިގެން ވަރަށް ގިނަ ފަރުވާތަކަށް ފަހު އަޅުގަނޑު މިހާރު ރަނގަޅު،" އޭނާ ކިޔައިދިނެވެ.

ލޮނުގަނޑު ހިކިގެން ހަމަ ނޭވާލެވުނު އިރު އޭނާ އަށް އިވެން ފެށީ ސަލާމަތަށް އެދި މީހުން ރޯ އަޑެވެ. އޭނާ ބަލައިލި އިރު، އުމުރުން ދުވަސްވީ މީހަކު އޮތީ ވަޅުގަނޑެއްގެ ތެރޭގައި ތާށިވެފަ އެވެ. އޭނާ އެހެން ތާށިވެފައި އޮތްއިރު ދެ ފައި ވެސް ގުޑުވާ ނުލެވެ އެވެ.

ވިލުފުއްޓަށް ރާޅު އަރައި ފައިބައިގެން ދިޔަ އިރު، ބޮޑެތި ބިޔަ ވަޅުގަނޑުތައް ހެދިފައި ހުއްޓެވެ. އަދި އެތައް ބަޔަކު އެ ވަޅުގަނޑުތަކުގައި ތާށިވެފައި ވެސް ތިއްބެވެ. އެކަހަލަ ވަޅުގަނޑުތަަކުގައި ތާށިވެ ބައެއް މީހުން ޒަހަމްވެ، މަރުވެފައި ވެސް ތިއްބެވެ.

"އޭނާ ނަގަން ދިޔައިރު ބާރު ސްޕީޑްގައި ފެންމަތިން ޓިނުގަނޑެއް އޭނާގެ ގަޔާ ދިމާއަށް މި އޮއް އަންނަނީ. ދެން އޭނާގެ އަތުގައި ހިފައިން އަޅުގަނޑު އޭނާ ނަގައިގެން ދިޔައީ. އޭގެ ފަހުން އެކި ދިމާއަށް ގޮސް ބެލިއިރު އަޅުގަނޑުގެ ވެސް ތިމާގެ މީހުން ވަނީ މަރުވެފައި،" ނިޒާރު ބުންޏެވެ.

"... އޭގެ ތެރޭގައި ބޮޑުދައިތައެއް ހިމެނޭ. ކަޒިންއެއް ހިމެނޭ. އަޅުގަނޑުގެ އާއިލާ އިން ފަސް މީހަކު މަރުވި ނުވަތަ ގެއްލުނު މީހުންގެ ތެރޭގައި ހިމެނޭ."

ނިޒާރަކީ އަމިއްލަ ޝައުގަށް ފޮޓޯ ނަގާ މީހެކެވެ. ރަށުގައި ހިނގާ މުހިންމު ހުރިހާ ކަމެއް އޭނާގެ ކެމެރާ އަށް އަރަ އެވެ. އެކަމަކު، މި ފޮޓޯ އަކީ އޭނާގެ މުޅި ހަޔާތާ ގުޅިފައިވާ އެންމެ ބޮޑު ހަނދާނެވެ.

"އެކަމަކު އެ ދުވަހު ފޮޓޯއަކަށް ފޮޓޯއެއް، މީހަކު ސަލާމަތް ކުރުމުގެ ވިސްނުމެއް ވެސް، ފޮޓޯ ނެގުމުގެ ހިޔާލެއް ވެސް، އެހެން ވިސްނުމެއް ވެސް ސިކުނޑިއަކަށް ނާދޭ. ކޮންމެ މީހަކު ވެސް ބެލީ އަމިއްލަ ސަލާމަތަށް،" އޭނާ ބުންޏެވެ.

ވިލުފުށި އެއްކޮށް ފުނޑާލައި، ހުޅަނގު ފަރާތަށް ބިޔަ ރާޅު ފައިބައިގެން ދިޔައިރު ދިރިއުޅެވޭ ހާލަތުގައި ހުރީ އެންމެ ގެއެކެވެ. އެހެންވެ އެ ރަށު އެންމެން ގެންދިޔައީ ކައިރީގައި އޮތް ގުރައިދު އަށެވެ.

"އެންމެން ތިބީ ފުނިޖެހިފައި. އަޅުގަނޑު ނިދިންް ޖޯލިފައްޗެއްގައި ހަފުތާއެއް ވަންދެން،" ނިޒާރު ބުންޏެވެ.

މި ހަނދާންތަކުން ނިޒާރަށް ދުވަހަކު ވެސް ވަތްކެއް ނުވެވޭނެ އެވެ؛ އަދި މި ފޮޓޯ ފެންނަހާ ހިނދެއްގައި ހަދީޖާގެ ހަނދާންތަކަށް ވެސް ނިމުމެއް ނެތެވެ. މި ފޮޓޯއަކީ އެތައް ހާސް ވާހަކައެކެވެ.