Roadha Mihaaru

ޕޮލިސް ކާރުގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އަދިވެސް އައިސީޔޫގައި

ހުޅުމާލެ 2 ގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި އޭނާ އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އަދިވެސް އައިސީޔޫގައި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

29 ޑިސެމްބަރ 2024

ހުޅުމާލެ 2 ގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި އޭނާ އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަނިޔާވި އުމުރުން 18 އަހަރު ޒުވާނާ، އައިސީޔޫގައި އޮތީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

އެކަމަކު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނޭނގެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގީ ހުޅުމާލެ ދޭއްގެ ގުލްއަލާ މަގުން އިރުން ހުޅަނގަށް، ނިރޮޅު މަގު ހުރަސް ކުރަމުންދިޔަ ފުލުހުންގެ ކާރެއްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ.

އެ އެކްސިޑެންޓުގައި ސައިކަލުގައި އިން ޒުވާނާއަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އޭނާ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އެކަމަކު ފަހުން އިތުރު ފަރުވާއަށް އޭނާ އައިޖީއެމްއެޗަށް ބަދަލުކުރީ އެވެ.

އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ސައިކަލު ދުއްވި ޒުވާނާ، އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާ ހިލާފުވެގެން މިދިޔަ ހަފުތާގެ ހޮނިހިރުދުވަހު ވަނީ ލައިސަންސް ހިފަހައްޓައިފަ އެވެ.

ނަމަވެސް އެކްސިޑެންޓުގައި ޕޮލިސް ކާރު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ބަލާނެ ކަމަށް ފުލުހުން ބުންޏެވެ.