Roadha Mihaaru

ފައިނު އެކްސިޑެންޓުގައި އަނިޔާވި ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި

ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެގެން މާލެ ގެނައި ދެ ކުދިން ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި އެކަމަކު ޓީޗަރަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ފައިނު އެކްސިޑެންޓް: ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

29 ޖޫން 2025

ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެގެން މާލެ ގެނައި ދެ ކުދިން ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި އެކަމަކު ޓީޗަރަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެކްސިޑެންޓް ހިނގީ 18 އަަހަރުން ދަށުގެ ކުއްޖަކާއި ފައިނު ސްކޫލުގެ ދަރިވަރަކު ދުއްވި ސައިކަލަކުން، ކަސްރަތަށް މަގުމަތީގައި ހިނގަން އުޅުނު ރަށު ސްކޫލުގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގައި ޖެހިގެންނެވެ.

ފައިނު ސިއްހީ މަރުކަޒުގައި އެ ހަތަރު މީހުންނަށް ފަރުވާދިނުމަށް ފަހު އެންމެ ފުރަތަމަ ގެންދިޔައީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެެވެ.

އެކަމަކު ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭގެ ތެރެއިން ތިން މީހަކު އިތުރު ފަރުވާއަށް މާލެ ގެނަ އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވީ ފަރުވާއަށް ގެނައި 16 އަހަރާއި 14 އަހަރުގެ ކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. އެކަމަކު އެ ދެ ކުދިންނަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ފަރުވާއަށް ގެނައި ޓީޗަރު އަދިވެސް އޮތީ އައިސީޔޫގައި، ވެންޓިލޭޓަރުގަ އެވެ.

އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލުން އަދި ހާމައެއް ނުކުރެ އެވެ.

އެ އެކްސިޑެންޓުގައި ޕްރިންސިޕަލަށް އަނިޔާވި ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށް އުނގޫފާރު ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.