Roadha Mihaaru

ތިނަދޫގެ މައްސަލަ ދުލެއް ނުކުރި، ސިވިލް ކޯޓަށް ހުށަހަޅަނީ

ގދ. ތިނަދޫގެ އާބާދީގައި 10،000 ހަމަނުވާތީ އެ ރަށުގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިނުގަތުމުން، ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅަން ނިންމައިފި އެވެ.

ތިނަދޫ މައްސަލަ ދުލެއްނުކުރި، ސިވިލް ކޯޓަށް ހުށަހަޅަނީ
ނާޒިމް ހަސަން
ނާޒިމް ހަސަން

31 ޑިސެމްބަރ 2024

ގދ. ތިނަދޫގެ އާބާދީގައި 10،000 ހަމަނުވާތީ އެ ރަށުގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިނުގަތުމުން، ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅަން ނިންމައިފި އެވެ.

ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިންގެ ތެރޭގަ އެވެ. އޭރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިނަދޫގެ އާބާދީގައި ގާތްގަނޑަކަށް 8،000 އުޅެ އެވެ. އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ 5،000 އެއްހާ މީހުން ކަމަށް ބެލެވެ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާ މިންގަނޑުގެ ތެރޭގައި އާބާދީ 10،000 ހަމަވާން ޖެހެ އެވެ. އެހެންވެ، ތިނަދޫގައި ސިޓީއެއްގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައި ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ.

އޭނާ "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާނެ އެވެ.

އެ މައްސަލައާ މެދު ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައި ބުނީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ހައި ކޯޓަށް ބެލުމުގެ އިހުތިސާސް ލިބިފައިވަނީ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނުއަސާސީއާ ތައާރަޒުވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް ކަމަށެވެ. އަދި ރައީސްގެ ގަރާރަކީ ގާނޫނެއްގެ ދަރަޖަ ދެވޭނެ އެއްޗެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނީ މަސްދަރެއް ވެސް ނޫން ކަމަށް ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.

ގަރާރާ ގުޅޭ ހުށަހެޅުންތަކަކީ ދުސްތޫރީ ގޮތުން ހައި ކޯޓަށް ބެލޭނެ ފަދަ މައްސަލައެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅާފައިވާ ކަމަށް ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ. އެހެންވެ، ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލަ ފުރަތަމަ މަރުހަލާގެ އެ ކޯޓަށް ނުބެލޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ރައީސް އޮފީހާ ދެކޮޅަށް ރާގިބު މި މައްސަލަ ހުށަހެޅުއްވުމުން އޭނާ ވަނީ ސަރުކާރުގެ މަގާމުން ވެސް ވަކިކޮށްފަ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން ރާގިބު ވިދާޅުވެފައިވަނީ އާބާދީގައި 10،000 ހަމަވާ ކަމަށް ބުނެ ތިނަދޫ ކައުންސިލުން ގެންގުޅެފައި ވަނީ އޮޅުވާލާފައިވާ ލިސްޓެއް ކަމަށާއި އެ ލިސްޓް ދިރާސާ ކުރުމުން ބޮޑެތި މައްސަލަތަކެއް ފާހަގަވި ކަމަށެވެ.

"އަޅުގަނޑު ބެލި ބެލުމުން އެނގެން އެބަހުރި މީގެ އެތައް އަހަރެއް ކުރިން މަރުވެފައިވާ މީހުން ލިސްޓުގައި. ހަމައެކަނި އައިޑީކާޑު ނަންބަރު ބަދަލުކޮށްލާފައި އެއް ނަމެއްގައި މީހުން އެބަތިބި. ތަކުރާރުކޮށް އައިޑީކާޑު ބަދަލުކޮށްފައި މީހުން ނަންތައް ހިމަނާފައި އެބަހުރި. އެއީ ޣައިރު ގާނޫނީ ލިސްޓެއް،" ރާގިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތިނަދޫގެ އާބާދީގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑީއެންއާރަށް ހުށަހެޅުމުން އެތަނުން ދޫކުރި މައުލޫމާތުން އެނގޭ ގޮތުގައި ވެސް ތިނަދޫގެ އާބާދީއަކީ 7،000 އެވެ.

އެހެންކަމުން، ގާނޫނުގައިވާ މިންގަނޑަށް ނުފެތެނީސް ތިނަދު އަށް ސިޓީގެ ދަރަޖަ ދީފައިވަނީ ކައުންސިލުން އޮޅުވާލި ލިސްޓަށް ބަލައިގެން ކަމަށް ރާގިބު ވިދާޅުވި އެވެ. އެއީ ދައުލަތުގެ ލިޔުމެއް ގަސްދުގައި އޮޅުވާލައި، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން ކަމަށް ވާތީ ކައުންސިލާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްސަލަ ބަލަން އެދިވަޑައިގެންފައިވާނެ ކަމަށް ރާގިބު ވިދާޅުވި އެވެ.

ތިނަދު އަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކޮށްދޭން ވެސް މައްސަލައިގައި އެދިފައިވާނެ ކަމަށް ރާގިބު ވިދާޅުވި އެވެ. މި މައްސަލަ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅުއްވައިފަ އެވެ.