Roadha Mihaaru
އަމީން ދީދީ އެވޯޑު ހުޅުދޫގެ ދަރިވަރަކަށް

އަމީން ދީދީ އެވޯޑް ހުޅުދޫގެ ދަރިވަރަކަށް

09 މާޗް 2017

ކުރީގެ ރައީސް މުހައްމަދު އަމީންގެ ހަނދާނުގައި އަމީނިއްޔާ ސްކޫލުން ދެމުން އަންނަ އަމީން ދީދީ އެވޯޑް ސ. ހުޅުދޫ، ޖަވާހިރުވިލާ، މަރިޔަމް މަލާކް ހުސެއިނަށް މިރޭ ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް މުހައްމަދު އަމީންގެ ހަނދާނުގައި އަމީނިއްޔާ ސްކޫލުން ދެމުން އަންނަ އަމީން ދީދީ އެވޯޑް ސ. ހުޅުދޫ، ޖަވާހިރުވިލާ، މަރިޔަމް މަލާކް ހުސެއިނަށް މިރޭ ދީފި އެވެ.

އެ ސްކޫލުގެ އެކި މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތެއްގައި މި އަހަރުގެ، އަމީން ދީދީ އެވޯޑް މަލާކާ ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

އަމީން ދީދީ އެވޯޑުގެ އިތުރުން އަމީނިއްޔާގެ އިސް މަގާމުތަކަށް ހޮވުނު 16 ދަރިވަރަކަށް އަދި ޕްރިފެކްޓަށް ހޮވުނު ދަރިވަރުންނަށް ވެސް އެކަމުގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ. މި އަހަރު އެ ސްކޫލުގެ ކެޕްޓަނަކަށް މަރިޔަމް ތުގާޒިޔާދު ހޮވުނު އިރު، ވައިސް ކެޕްޓަނަކީ މަރިޔަމް ޒައިނާ މުހައްމަދު ސޯލިހެވެ. މި ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރެވެ.

އަމީނިއްޔާ ސްކޫލުގެ ޕްރިފެކްޓަށް ހޮވުނު ދަރިވަރުން މިރޭ ހުވާކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަމީނިއްޔާ ސްކޫލުގެ ޕްރިފެކްޓަށް ހޮވުނު ދަރިވަރުން މިރޭ ހުވާކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ އަލަށް މަގާމުތަކާ ހަވާލުވި ދަރިވަރުންގެ ޒިންމާތައް ވަރަށް ބޮޑު ކަމަށާއި ކަމަކާ މެދު ގޮތެއް ނިންމާއިރު އެހެން ދަރިވަރުންގެ އިހުސާސްތައް ބެލުން ރަނގަޅު ކަމަށެވެ.

އަމީނިއްޔާ ސްކޫލުގެ އިސް މަގާމަަކަށް ހޮވުނު ދަރިވަރަކަށް އާޒިމާ ބެޖު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަމީނިއްޔާ ސްކޫލުގެ އިސް މަގާމަަކަށް ހޮވުނު ދަރިވަރަކަށް އާޒިމާ ބެޖު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަމީން ދީދީ އެވޯޑަކީ އަމީނިއްޔާގެ ރަންޔޫބިލްއާ ގުޅިގެން 1995 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑު ދެނީ ރަށްރަށުގެ ސްކޫލުތަކުން ގްރޭޑް އަށަކަށް ވަންނަ ދަރިވަރުންގެ ތެރެއިން އެ އެވޯޑަށް ކުރިމަތިލާ ދަރިވަރުންގެ މެދުގައި ދޭ އިމްތިހާނަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދަރިވަރަކަށެވެ.

އެވޯޑު ލިބޭ ދަރިވަރަކަށް އޯ ލެވެލް ނިމެންދެން ސްކޫލުގެ ބައެއް ހަރަދުތަކާއި ޕޮކެޓް މަނީގެ ގޮތުގައި ފައިސާގެ ވަކި އަދަދެއް ދޭނެ އެވެ.

މި ސްކޮލަޝިޕްގައި މިހާތަނަށް 18 ދަރިވަރަކު ތައުލީމް ހާސިލްކޮށްފައިވާއިރު، މަލާކާއާ އެކު ތިން ދަރިވަރުން އަމީން ދީދީ ސްކޮލަޝިޕްގައި ތައުލީމް ހާސިލްކުރާނެ އެވެ،