Roadha Mihaaru
އައްޑޫގެ ސްކޫލުތަކުގައި މާދަމާ އަލުން ކިޔެވުން ފަށަނީ

އައްޑޫގެ ސްކޫލުތަކުގައި މާދަމާ އަލުން ކިޔެވުން ފަށަނީ

18 ސެޕްޓެމްބަރ 2021

އައްޑޫގައި ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން، ގްރޭޑް 9 އިން ދަށުގެ ކުދިންނަށް އޮންލައިންކޮށް ކިޔަވައިދޭތާ ދުވަސްތަކެއް ފަހުން، މާދަމާ އިން ފެށިގެން ހުރިހާ ގްރޭޑެއްގެ ކުދިންގެ ކިޔެވުން ސްކޫލަށް ހާޒިރުވެގެން ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން، ގްރޭޑް 9 އިން ދަށުގެ ކުދިންނަށް އޮންލައިންކޮށް ކިޔަވައިދޭތާ ދުވަސްތަކެއް ފަހުން، މާދަމާ އިން ފެށިގެން ހުރިހާ ގްރޭޑެއްގެ ކުދިންގެ ކިޔެވުން ސްކޫލަށް ހާޒިރުވެގެން ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސްކޫލްތަކުގައި ކިޔެވުން މެދުކަނލާފައި އޮންތަނާ ދުވަސްތަކެއް ވެފައި ވާތީ، ސްކޫލްތަކުގެ މެނޭޖްމަންޓާއި ބެލެނިވެރިން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

އެހެންވެ އައްޑޫގެ ކޮވިޑް ޓާސްކް ފޯސް ކޮމިޓީން ހާލަތު މުރާޖައާ ކުރުމަށް ފަހު، އެޗްޕީއޭ އިން ދިން ލަފައާ ގުޅިގެން މިހާރު ނިންމާފައި އޮތީ މާދަމާ އިން ފެށިގެން ސްކޫލްތަކުގައި ކުރިއެކޭ އެެއްގޮތަށް ކިޔަވައި ދިނުން ކުރިއަށް ގެންދަން ކަމަށް ކައުންސިލުން ބުންޏެވެ.

އައްޑޫގައި އެންމެ ފަހުން ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން، ގްރޭޑް 9 އިން ދަށުގެ ކުދިންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަނީ މިދިޔަ މަހުން ފެށިގެންނެވެ.

ސިޓީ ކައުންސިލުގެ ބަޔާނުގައި ބުނިގޮތުގައި، ހުރިހާ ކުދިން ސްކޫލަށް ހާޒިރުވެގެން ކިޔަވައި ދޭނީ ކޮވިޑުން ރައްކާތެރިވާން އެޗްޕީއޭ އާއި އެޑިއުކޭޝަން މިނިސްޓްރީން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކާ ވެސް އެކުގަ އެވެ.

އައްޑޫގެ ސްކޫލްތަކުގެ ގިނަ ގްރޭޑްތަކުގެ ކިޔެވުން މެދުކަނޑައިލި އިރު، ގިނަ ސްކޫލްތަކުގައި ކުދިންނަށް ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް ވެސް މިދިޔަ މަހު ކުރިއަށް ގެންގޮސްފައި ވެ އެވެ.

ކޮވިޑްގެ ގާލަތު ގޯސްވެގެން، މިދިޔަ މަހު އެޅި ފިޔަވަޅުތަކާ އެކު އައްޑޫ އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. މިހާރު އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 260 އަށް ވުރެ ގިނަ އެވެ. އެ ބަލި ޖެހިފައިވާ މީހުން ހުރިހާ އަވަށްތަކުގައި ވެސް އެބައުޅެ އެވެ.