Roadha Mihaaru
ޑޮކްޓަރުންގެ ހެދުމުގައި އައިއެސްއިން ދިން ހަމަލާގައި 30 މަރު

ޑޮކްޓަރުންގެ ގޮތަށް ހެދުން އަޅައިގެން އައިއެސް އިން ދިން ހަމަލާގައި 30 މަރު

09 މާޗް 2017

ކާބުލް (މާޗް 9) - ޑޮކްޓަރުން ގޮތަށް ހެދުން އަޅައިގެން ތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ވަދެ ދިން ހަމަލާތަކުގައި 30 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކާބުލް (މާޗް 9) - ޑޮކްޓަރުން ގޮތަށް ހެދުން އަޅައިގެން ތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ވަދެ ދިން ހަމަލާތަކުގައި 30 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ބަޑި އާއި އަތު ބޮން ހިފައިގެން ތިބި ހަނގުރާމަވެރިން ހޮސްޕިޓަލް ތެރެއަށް ވަނީ މައިގޭޓުގައި އެއްޗެއް ގޮއްވާލައިގެންނެވެ. އޭގެ ފަހުން އެ މީހުން ވަނީ ހޮސްޕިޓަލްތެރެއަށް ވަދެ ސްޓާފުންނާއި ބަލި މީހުންނަށް ހަމަލާދޭން ފަށައިފަ އެވެ.

ސަރުދާރު ދާއޫދު ހޮސްޕިޓަލަށް ދިން ހަމަލާގައި ބައިވެރިވި އައިއެސްގެ ހަތަރު މީހުން ވަނީ އަފްޣާން ކޮމާންޑޯ އިން ހަމަލާދީ މަރާލައިފަ އެވެ. ކޮމާންޑޯ އިން ހޮސްޕިޓަލަށް ވަނީ ފުރާޅު މައްޗަށް ފައިބައިގެންނެވެ. ހަމަލާ ފެށިތާ ހަ ގަޑިއިރު ފަހުން އަފްޣާނިސްތާނުގެ ދާޚިލީ ވުޒާރާ އިން ވަނީ ސްޕެޝަލް ފޯސަސްގެ މެންބަރުން ހޮސްޕިޓަލަށް ވަދެ އައިއެސްގެ ހަނގުރާމަވެރިން މަރާލައިފި ކަމަށް ބުނެ ޓްވީޓްކޮށްފަ އެވެ.

އައިއެސް އިން ހަމަލާ ދިން ހޮސްޕިޓަލުގެ މައި ގޭޓް އަފްޣާން ސިފައިން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

އައިއެސް އިން ހަމަލާ ދިން ހޮސްޕިޓަލުގެ މައި ގޭޓް އަފްޣާން ސިފައިން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

ހޮސްޕިޓަލަށް ހަމަލާ ދިން ކަމަށް އައިއެސް އިން ފަހުން ވަނީ އެއްބަސްވެފަ އެވެ. އެ މީހުންގެ އައުމާގު ނިއުސް އެޖެންސީން ވަނީ ބައެއް ހަނގުރާމަވެރިންގެ ފޮޓޯތައް އާއްމުކޮށްފަ އެވެ. ނަމަވެސް ތާލިބާން ޖަމާއަތުން ބުނެފައި ވަނީ އެ ކަމުގައި އެ މީހުންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީން ބުނީ ހޮސްޕިޓަލަށް ދިން ހަމަލާގައި 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވެފައި ވަނީ 400 އެނދުގެ ހޮސްޕިޓަލަށް ދިން ހަމަލާ އަކީ އިންސާނީ ކަރާކާތް ނަގާލި ހަމަލާއެއް ކަމަށެވެ.

"ހުރިހާ ދީނެއްގައި ވެސް ހޮސްޕިޓަލްތަކަކީ އިހްތިރާމް ލިބިގެންވާ ރައްކާތެރިކޮށްފައިވާ ތަންތަން. ހޮސްޕިޓަލްތަކަށް ހަމަލާއެއް ނުދޭނެ. ހޮސްޕިޓަލަށް ދިން ހަމަލާ އަކީ އަފްޣާނިސްތާނުގެ އެންމެހާ ރައްޔިތުންނަށް ދިން ހަމަލާއެއް،" އަޝްރަފް ޣަނީ ވިދާޅުވި އެވެ.

އައިއެސް އިން ހަމަލާ ދިން ހޮސްޕިޓަލުގެ މައި ގޭޓް އަފްޣާން ސިފައިން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

އައިއެސް އިން ހަމަލާ ދިން ހޮސްޕިޓަލުގެ މައި ގޭޓް އަފްޣާން ސިފައިން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

ހޮސްޕިޓަލަށް ހަމަލާ ދޭން ފެށީ އިއްޔެ ހެނދުނު 9 އިން ފެށިގެންނެވެ. ހޮސްޕިޓަލުގެ ސްޓާފަކު ބުނީ ޑޮކްޓަރުންގެ ޔުނިފޯމުގައި ހުރި މީހަކު ބަޑި ހިފައިގެން އެއްވެސް ބެލުމެއް ނެތި ބަލި މީހުންނާއި ޑޮކްޓަރުންނާއި ގާޑުންނަށް ހަމަލާ ދެނިކޮށް އޭނާ އަށް ފެނުނު ކަމަށެވެ. އަދި ހަމަލާ އިން ރައްކާތެރިވުމަށް ބައެއް މީހުން ނިވާވެގެން ތިބި މަންޒަރު އަފްޣާން ޓީވީން ދައްކާފައިވެ އެވެ.

އައިއެސް އިން އަފްޣާނިސްތާނުގައި މީގެ ކުރިން ހަމަލާ ދީފައި ވަނީ ޝިއައީ މުސްލިމުންގެ އެއްވުންތަކާއި ސުޕްރީމް ކޯޓު ފަދަ ތަންތަނަށެވެ. ކާބުލްގައި ހުންނަ އަފްޣާން ސުޕްރީމް ކޯޓަށް އައިއެސް އިން މިދިޔަ މަހު ދިން ހަމަލާގައި ވަނީ 22 މީހުން މަރާލައިފަ އެވެ.