Roadha Mihaaru
އަންހެނުންގެ ވޯޑަކަށް ދިން ހަމަލާގައި ކުޑަކުދިން މަރު

ކާބުލްގެ ހޮސްޕިޓަލެއްގެ އަންހެނުންގެ ވޯޑަކަށް ދިން ހަމަލާގައި ކުޑަކުދިން މަރު

13 މެއި 2020

ކާބުލް (މެއި 13) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ހޮސްޕިޓަލެއްގެ އަންހެނުންގެ ވޯޑަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާގައި ތުއްތު ދެ ކުދިންނާއި 12 މައިންނާއި އެތައް ނަރުހުންނެއް މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކާބުލް (މެއި 13) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ހޮސްޕިޓަލެއްގެ އަންހެނުންގެ ވޯޑަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާގައި ތުއްތު ދެ ކުދިންނާއި 12 މައިންނާއި އެތައް ނަރުހުންނެއް މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

މި ހަމަލާގައި އިތުރު 15 މީހަކު ޒަޚަމްވި އެވެ. ހޮސްޕިޓަލަށް ދިން ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އަދި އުފުލައިފައެއް ނުވެ އެވެ. ތާލިބާނުން ބުނެފައި ވަނީ އެއީ އެ މީހުން ދިން ހަމަލާއެއް ނޫން ކަމަށެވެ. އަނެއްކޮޅުން އަފްޣާނިސްތާނުގެ އިރުމަތީގެ ނަންގަރްހާރުގައި ކޮމާންޑަރެއްގެ ޖަނާޒާ އަށް ދިން ހަމަލާގައި ވަނީ 24 މީހުން މަރުވެފަ އެވެ. އެ ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފަ އެވެ.

ކާބުލްގެ ހޮސްޕިޓަލްގެ އަންހެނުންގެ ވޯޑް ހިންގަނީ ބައިނަލްއަގުވާމީ މެޑިކަލް ޗެރިޓީއެއް ކަމަށްވާ މެޑިސިންސް ސެންސް ފްރަންޓިއާސް (އެމްއެސްއެފް) އިންނެވެ. އެ ވޯޑުގައި ބައެއް ބިދޭސީން ވެސް މަސައްކަތް ކުރެ އެވެ.

ވޯޑަށް ދިން ހަމަލާއިން ސަލާމަތްވި ޑޮކްޓަރަކު ބުނީ ހަނގުރާމަވެރިން ހަމަލާ ދިން އިރު ހޮސްޕިޓަލުގައި 140 މީހުން ތިބޭނެ ކަމަށެވެ. އެއީ ސަރުކާރުގެ ހޮސްޕިޓަލަކަށްވުމުން ވަރަށް ގިނަ މީހުން ޑޮކްޓަރަށް ދައްކަން އެތަނަށްދާ ކަމަށްވެ އެވެ.

އަފްޣާން ސްޕެޝަލް ފޯސަސް އިން ވަނީ 100 އަންހެނުންނާއި ކުޑަ ކުދިން ސަލާމަތްކޮށްފަ އެވެ. އޭގެ ތެރޭގައި ތިން ބިދޭސިން ވެސް ހިމެނެ އެވެ. ހަނގުރާމަވެރިން ހަތިޔާރު ހިފައިގެން ހޮސްޕިޓަލަށް ވަދެފައި ވަނީ ފުލުހުންގެ ޔުނިފޯމް އަޅައިގެންނެވެ. ހަމަލާ ދިން ހުރިހާ ހަނގުރާމަވެރިން ވެސް ވަނީ މަރާލައިފަ އެވެ.