Roadha Mihaaru

އަނިޔާވި ކުއްޖާގެ ހާލު ބަލަން އަރްޖުން ހޮސްޕިޓަލަށް

"ޕުޝްޕާ 2" ޕްރިމިއާކުރުމަށް ބޭއްވި އިވެންޓުގައި ފިތިބާރުވެގެން އަނިޔާވި ކުއްޖާ ކައިރިއަށް އެ ފިލްމުގެ ލީޑު އެކްޓަރު އައްލޫ އަރްޖުން އިއްޔެ ހިނގައްޖެ އެވެ.

އަނިޔާވި ކުއްޖާގެ ހާލު ބަލަން އަރްޖުން ހޮސްޕިޓަލަށް

"ޕުޝްޕާ 2" ޕްރިމިއާކުރުމަށް ބޭއްވި އިވެންޓުގައި ފިތިބާރުވެގެން އަނިޔާވި ކުއްޖާ ކައިރިއަށް އެ ފިލްމުގެ ލީޑު އެކްޓަރު އައްލޫ އަރްޖުން އިއްޔެ ހިނގައްޖެ އެވެ.

އެ ކުއްޖާއަކީ އެ ހާދިސާގައި މަރުވި އަންހެން މީހާގެ ދަރިފުޅެވެ. އެ ދުވަހު ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށް ފަހު އެ ކުއްޖާ އަދިވެސް ގެއަށް ދޫކޮށް ނުލަ އެވެ. އުމުރުން 13 އަހަރުގެ އެ ކުއްޖާއަށް ފަރުވާދެނީ އިންޑިއާގެ މަޝްހޫރު ކިމްސް ހޮސްޕިޓަލުގަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ކުއްޖާގެ ހާލު ބެލުމަށާއި އޭނާއާ ބައްދަލުކޮށްލުމަށް ފުރަތަމަ ފަހަރަށް އަރްޖުން ވަނީ އިއްޔެ އެ ހޮސްޕިޓަލަށް ގޮސްފަ އެވެ. އޭނާއާ އެކު ތެލަންގާނާ ސްޓޭޓް ފިލްމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއާމަން ދިލް ރާޖޫ ވެސް ހޮސްޕިޓަލަށް ދިޔަ ކަމަށް ރިޕޯޓްތައް ބުންޏެވެ.

އިންޑިއާގެ ހައިދަރުއާބާދުގެ ސިނަމާއެއްގައި ހިނގި އެ ހާދިސާއަށް މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެސް ވެއްޖެ އެވެ.

އަރްޖުން އެ ކުއްޖާއާ ބައްދަލުނުކޮށް އެހާ ގިނަ ދުވަހު މަޑުކުރީ، އަންހެން މީހާ މަރުވި މައްސަލާގައި ފުލުހުން އޭނާ ހައްޔަރުކޮށް، އެކަމުގައި އޭނާ ވެސް ޒިންމާވާން ޖެހޭ ކަމަށް ތުހުމަތުކޮށްފައި ވާތީ އެވެ. އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ އަރްޖުންގެ ވަކީލުން ވަނީ އަނިޔާވި ކުއްޖާއާ ބައްދަލު ނުކޮށް މަޑުކުރަން އޭނާއަށް އިރުޝާދު ދީފަ އެވެ.

އަރްޖުން މިހާރު ހުރީ ކަފާލާތުގެ ދަށުން ގެއަށް ދޫކޮށްލައިފަ އެވެ.

އެ ހާދިސާގައި މަރުވީ ކުޑަކުއްޖަކު ގޮވައިގެން ފިލްމު ބަލަން ދިޔަ 35 އަހަރުގެ އަންހެނެކެވެ.

ހައިދަރުއާބާދުގެ ފުލުހުން އޭރު ނެރުނު ބަޔާނުގައި ބުނީ އެ ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބަކީ، އެތަނަށް ގިނަ ބަޔަކު އެއްވާނެ ކަން އެނގިހުރެ، އެ ސަރަހައްދުގެ ސެކިއުރިޓީ ރަނގަޅަށް ބަލަހައްޓަން ސިނަމާ ހިންގާ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ކަމަށެވެ. އަދި ސިނަމާއަށް ވަދެ، ނުކުތުމުގެ އިންތިޒާމު ވެސް އެންމެ ރަނގަޅަށް ހަމަޖައްސާފައި ނުވާތީ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، އެ އަންހެން މީހާ މަރުވީ އައްލޫ އަރްޖުން ސިނަމާއަށް އައި ވަގުތާ ދިމާކޮށް، އެ ސަރަހައްދަށް އެއްވެ ތިބި މީހުން ސިނަމާގެ ތެރެއަށް ވަންނަން އުޅުމާ އެކު، އެކްޓަރުގެ ސެކިއުރިޓީ ގާޑުން މީހުން ފަހަތަށް ޖައްސަން ފެށުމުން އެންމެންގެ ތެރޭގައި ފިތިގެން، ނޭވާ ހާސްވެގެންނެވެ.

އަރްޖުން ވަނީ މަރުވި މީހާގެ އާއިލާއަށް އެހީގެ ގޮތުގައި ފަސް މިލިއަން ރުޕީސް ވެސް ދީފަ އެވެ.