Roadha Mihaaru

ހުޅުމާލެ 2 ގައި ހުންނަ ކަރަންޓު ޓްރާންސްފޯމަރުތަކަކަށް ގެއްލުން ދީފި

ހުޅުމާލެ 2 ގައި ހުންނަ ސްޓެލްކޯގެ ކަރަންޓު ޓްރާންސްފޯމަރުތަކަކަށް ބަޔަކު ރޭ ގެއްލުން ދީފި އެވެ.

ކަރަންޓު ޓްރާންސްފޯމަރުތަކަކަށް ގެއްލުން ދީފި
އިފްރާޒް އަލީ
އިފްރާޒް އަލީ

11 ޖެނުއަރީ 2025

ހުޅުމާލެ 2 ގައި ހުންނަ ސްޓެލްކޯގެ ކަރަންޓު ޓްރާންސްފޯމަރުތަކަކަށް ބަޔަކު ރޭ ގެއްލުން ދީފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ 2 ގައި ހުންނަ ހައި-ވޯލްޓޭޖް (އެޗްވީ) ދެ ޓްރާންސްފޯމަރަކަށް ބަޔަކު ގަސްދުގައި ގެއްލުން ދިނުމުގެ ސަބަބުން ކަރަންޓު ވިއުގައަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

އެ ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުރި ތަނަކީ ބައުންޑަރީ ފާރެއް ލައި، ޑަބަލް ލޮކެއް ވެސް ލައި ސެކިއުރިޓީ ވަރުގަދަކޮށްފައި ހުރި ތަނަކަށް ވިޔަސް އެ ތަނަށް ވަން ބަޔަކު ގޭޓުތައް ހަލާކުކޮށް، ތަޅުތައް ހަލާކުކޮށް، އަދި އެޗްވީ ސިސްޓަމަށް ގެއްލުންދީފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.

ހުޅުމާލެ 2 ގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުން ދީފައި.-- ފޮޓޯ: ސްޓެލްކޯ

ހުޅުމާލެ 2 ގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުން ދީފައި.-- ފޮޓޯ: ސްޓެލްކޯ

ފަހުމީ ވިދާޅުވި ގޮތުގައި، އެ ތަނަށް ގެއްލުން ދިނުމަށް އެޗްވީ ސްވިޗުތައް ނިއްވާލާފައި ހުރި ގޮތުން ޔަގީންވާ ގޮތުގައި އެކަމުގައި ބައިވެރިވި ބަޔަކީ ޓްރާންސްފޯމަރު ސިސްޓަމްތަކާއި އޮޕަރޭޝަންތަކުގެ ޓެކްނިކަލް މައުލޫމާތު އެނގޭ ބައެކެވެ.

އޭނާ ވިދާޅުވީ މި ފަދަ މުހިންމު ވަސީލަތްތަކަށް ގެއްލުން ދިނުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި ކަރަންޓުން ޖެހުމާއި ބޮޑެތި އަނިޔާތައް ލިބުމާއި އަދި މަރުވުމުގެ ނުރައްކާ ވެސް ކުރިމަތިވެދާނެ ކަމަށެވެ. އޭގެ ގެއްލުން ލިބޭނީ ހަމައެކަނި އެ ކަން ކުރާ މީހުންނަށް ނޫން ކަމަށާއި އެންމެންނަށް ވެސް ނުރައްކާ އެބައޮތް ކަމަށް ފަހުމީ ވިދާޅުވި އެވެ.

"ޓްރާންސްފޯމަރުތަކަށް ގެއްލުން ދޭން އުޅެނިކޮށް މިދިޔަ އަހަރު ބަޔަކު މަރުވި އިރު، މި ކަހަލަ އަމަލުތަކުގެ ސަބަބުން އަނެއްކާވެސް އެ ކަހަލަ ހިތާމަވެރި ހާދިސާއެއް ހިނގައިފާނެ،" ފަހުމީ ވިދާޅުވި އެވެ.

"މި ހާދިސާއިން ފާހަގަކޮށްދެނީ އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި ފުރާނަ ރައްކާތެރިކުރުމަށާއި މުހިންމު ވަސީލަތްތައް ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން. މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާއިރު، ކުރިމަގުގައި މި ކަހަލަ ކަންކަން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާނެ."

ހުޅުމާލެ 2 ގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުން ދީފައި.-- ފޮޓޯ: ސްޓެލްކޯ

ހުޅުމާލެ 2 ގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުން ދީފައި.-- ފޮޓޯ: ސްޓެލްކޯ

ހުޅުމާލެ 2 ގައި ހުންނަ ހިޔާގެ ތިންވަނަ ޓަވަރުގެ ކައިރީގައި ހުންނަ ޓްރާންސްފޯމަރު ސްޓޭޝަނެއްގެ ތެރެއިން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހިގެން މިދިޔަ އަހަރުގެ މާޗު މަހުގައި މީހަކު މަރުވި އެވެ. އަދި އޭގެ ފަހުން ވެސް ހަމަ ހުޅުމާލެ 2 ގެ ޓްރާންސޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފަ އެވެ.