ހުޅުމާލެ 2 ގައި ހުންނަ ކަރަންޓު ޓްރާންސްފޯމަރުތައް މޮނިޓާކުރަން ސީސީޓީވީ ކެމެރާ ހަރުކުރުމުގެ ހުއްދަ ސްޓެލްކޯ އަށް ލިބިއްޖެ އެވެ.
16 ޖެނުއަރީ 2025
ހުޅުމާލެ 2 ގައި ހުންނަ ކަރަންޓު ޓްރާންސްފޯމަރުތައް މޮނިޓާކުރަން ސީސީޓީވީ ކެމެރާ ހަރުކުރުމުގެ ހުއްދަ ސްޓެލްކޯ އަށް ލިބިއްޖެ އެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މިއަދު "މިހާރު" އަށް ވިދާޅުވީ އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުންނަ އެ ޓްރާންސްފޯމަރުތައް މޮނިޓާކުރުމަށް ސީސީޓީވީ ހަރުކުރުމުގެ ހުއްދައަށް އެ ކުންފުނިން އެދިފައިވާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެ ހުއްދައަށް އެންމެ ފުރަތަމަ އެދުނީ އެޗްޑީސީގެ ކުރީގެ އެމްޑީ ހުންނަވަނިކޮށް ކަމަށާއި އެކަމަކު އެކަން އޭރު ކާމިޔާބު ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ހުންނެވި އެޗްޑީސީގެ އާ އެމްޑީއާ މަޝްވަރާ ކުރެވި، އެ ހުއްދަ ލިބި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ފަށަން އުޅެނީ،" އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ 2 އަށް ކަރަންޓު ދިނުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 70 މިލިއަން ޑޮލަރަށް ޗައިނާގެ ކުންފުންޏަކާ އެވެ. މިއަދާ ހަމައަށް ވެސް އެ މަސައްކަތް އެއްކޮށް ނިންމައެއް ނުލެވެ އެވެ. އޭރު ސްޓެލްކޯ އިން ބިޑްކުރުމުން ވެސް އެ ކުންފުންޏަށް އެ މަސައްކަތް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. އަދި މަސައްކަތް ނުނިމޭތީ، އެ ނެޓުވޯކް ރަސްމީކޮށް ސްޓެލްކޯއާ އަދި ހަވާލުކޮށްފައި ވެސް ނުވެ އެވެ.
މި ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ވަރަށް ބޮޑުވެފައިވާއިރު، އޭގެ ކައިރީގައި އެއްވެސް ކަހަލަ ސެކިއުރިޓީއެއް ނުވަތަ ސީސީޓީވީ ކެމެރާއެއް ވެސް ނުހުރެ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް މީހަކު ވަނީ ކަރަންޓު ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ، އޭގައި ހުރި ކޭބަލްތައް ބުރިކޮށްލައިގެން ވަގަށް ގެންދަން އުޅެފަ އެވެ. ކޭބަލްތައް ބުރިކުރުމާ އެކު ކަރަންޓު ކެނޑުމުން، އެ ސަރަހައްދުގައި ހުރި ސްޓެލްކޯގެ މުވައްޒަފަކު އެތަނަށް ދިޔައިރު ދެ ވަގުން އެތަނުގައި ތިބި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެފައިވެ އެވެ.
އެ މީހުން ހުއްޓުވަން އެ މުވައްޒަފު މަސައްކަތް ކުރުމުން އެ މީހުންގެ އަތުގައި އޮތް ރެންޗަކުން ޖަހައި، މާރާމާރީ ވެސް ހިންގި އެވެ. އެ މާރާމާރީގައި އެ މުވައްޒަފުގެ ބޮލާއި އަނގަމަތި ފަޅައިގެން ގޮސްފައިވެ އެވެ.
ޓްރާންސްފޯމަރުތަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހިގެން މިދިޔަ އަހަރު މީހަކު މަރު ވެސް ވި އެވެ.
ސްޓެލްކޯ އިން ބަލަހައްޓާ މާލެ އާއި ހުޅުމާލެ 1 ގެ ޓްރާންސްފޯމަރުތައް ހުންނަނީ ވަރަށް އުސްކޮށް ފާރު ރާނައި އެތެރެއަށް ނުވަދެވޭ ގޮތަށް ތަޅުލާފައި ހުންނަ ތަންތަނުގަ އެވެ. އަދި އެ ތަންތަނުގައި ސީސީޓީވީ ކެމެރާ ހަރުކޮށްގެން ބަރާބަރަށް މޮނިޓާކުރެ އެވެ. ސްޓެލްކޯގެ މުވައްޒަފަކަށް ވެސް އެ ތަނަށް ވަދެވެނީ ހާއްސަ ޕްރޮސީޖާއެއްގެ ދަށުން ސޭފްޓީ ޕްރިކޯޝަންތައް ނަގައިގެންނެވެ.
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ހުޅުމާލެ 2 ގެ ބޮޑު ބަޔަކަށް އަލުން ކަރަންޓު ދީފި
މުވައްޒަފުންނަށް ދިމާވާ ނުރައްކާތައް ބަލާނަން: ފަހުމީ
ކަރަންޓު ޓްރާންސްފޯމަރުތަކަކަށް ގެއްލުން ދީފި
ހިޔާ އަށް ކަރަންޓު ދޭން ގިނަ ވަގުތުތަކެއް ނަގާނެ
ހިޔާގެ ހުރިހާ ޓަވަރަކަށް ކަރަންޓާއި ފެން އަލުން ދީފި
ހިޔާ ފްލެޓްތަކުން ކަރަންޓާއި ފެން ކެނޑިއްޖެ
ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ފަށައިފި
ކަރަންޓުގެ މަސައްކަތް ނިންމައި އެޗްޑީސީއާ ހަވާލުކޮށްފި
ސްޓެލްކޯގެ ފްލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ