Roadha Mihaaru
އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ފަށަނީ

އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ފަށަނީ

04 ޑިސެމްބަރ 2023

ތާރު އަޅައިގެން ހަދަމުން އަންނަ އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތާރު އަޅައިގެން ހަދަމުން އަންނަ އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ފެށުމާ ގުޅޭ ގޮތުން، އެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އެކު މިނިސްޓްރީން މިއަދު ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި ނިންމާފައި ވަނީ އަމީނީ މަގުގެ އެންމެ ފަހު ސެގްމަންޓް، 12 އަދި 13 ގައި މަސައްކަތް އަވަހަށް ފެށުމަށް ކަމަށެވެ. އަދި އެ މަސައްކަތް ބާރު ސްޕީޑުގައި ނިންމުމުގެ މަސައްކަތް އާރުޑީސީން ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަމީނީ މަގުގެ ނުނިމި އޮތް ބަޔަކީ އެ މަގުގެ އެންމެ ބާރުބޮޑު އެއް ސަރަހައްދެވެ. އެހެންވެ، އާންމުންނަށް ދަތިނުވާނެ ގޮތަށް މަސައްކަތް ފެށުމަށް އާރުޑީސީއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"... އަމީނީ މަގުގެ ޓްރެފިކް ފްލޯ އަށާއި ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ބަސް ރޫޓުތަކަށް ދިމާވެދާނެ ދަތިތަކަށް ޓްރެފިކް ބަލަހައްޓާ ފުލުހުންގެ އެހީގައި ހައްލެއް ގެނައުމަށް މި ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ،" އެ ބަޔާނުގައި ބުންޏެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ޖުލައި ތިނެއްގަ އެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރުގަ އެވެ. އެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމަން ކުރީގެ ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، ވެރިކަން ނިމުނީ އެ މަސައްކަތް ނުނިމި އެވެ.