Roadha Mihaaru
ޣިޔާސުއްދީން ސްކޫލާ ހަމައަށް ތާރު އަޅައިފި

އަމީނީމަގުގައި ޣިޔާސުއްދީން ސްކޫލާ ހަމައަށް ތާރު އަޅައިފި

02 އޯގަސްޓް 2023

އަމީނީމަގުގައި ބިލަބޮންގް ސްކޫލާ ހިސާބުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް ތާރު އަޅައި މިއަދު ނިންމާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަމީނީމަގުގައި ބިލަބޮންގް ސްކޫލާ ހިސާބުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް ތާރު އަޅައި މިއަދު ނިންމާލައިފި އެވެ.

އެ މަސައްކަތްކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނީ އަމީނީމަގު ސެގްމެންޓް 8 އަދި 9 ގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ އާދިއްތަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ތާރު އަޅާފައިވާ އޮތް ބައި އާންމުންނަށް ހުޅުވާލުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

"ތާރު އެޅުމުގެ މަސައްކަތް ފެށިފައި ވަނީ ރޭގެ ވަގުތެއްގައި އަދި މަސައްކަތް ނިންމާލެވިފައި ވަނީ މިއަދު،" އެ ކުންފުނިން ބުންޏެވެ.

އަމީނީ މަގުގައި ޣިޔާސުއްދީން ސްކޫލާ ހަމައަށް ތާރު އަޅައި ނިންމާލައިފައި.-- ފޮޓޯ: އާރުޑީސީ

އަމީނީ މަގުގައި ޣިޔާސުއްދީން ސްކޫލާ ހަމައަށް ތާރު އަޅައި ނިންމާލައިފައި.-- ފޮޓޯ: އާރުޑީސީ

އެ ސަރަަހައްދު ހުޅުވާލުމުން، އަމީނީ މަގުގެ އެންމެ ބާރުބޮޑު ހިސާބާއި ބޮޑު ބައެއްގައި ތާރު އަޅައި ނިންމައިލެވުނީ އެވެ. އޭރުން ބާކީ އޮންނާނީ އިސްކަންދަރު ކޮށިން ފެށިގެން ދިރާގު ހެޑް އޮފީހާ ހިސާބަށް ތާރު އެޅުމެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރު އޮކްޓޯބަރުގަ އެވެ.