Roadha Mihaaru

ޓީމުގެ ބައްދަލުވުމަށް ގަޑިޖެހުމުން ބާސާގެ ކީޕަރު ބެންޗަށް ބަދަލުކޮށްފި

ޓީމުގެ ބައްދަލުވުމަށް ގަޑިޖެހިގެން ދިއުމުން ބާސެލޯނާގެ ގޯލްކީޕަރު އިނާކީ ޕެނާ ބެންޗަށް ބަދަލުކޮށްފި އެވެ.

ބާސާގެ ކީޕަރު ގަޑިޖެހުމުން ބެންޗަށް ބަދަލުކޮށްފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

12 ޖެނުއަރީ 2025

ޓީމުގެ ބައްދަލުވުމަށް ގަޑިޖެހިގެން ދިއުމުން ބާސެލޯނާގެ ގޯލްކީޕަރު އިނާކީ ޕެނާ ބެންޗަށް ބަދަލުކޮށްފި އެވެ.

ބާސާގެ އެއް ވަނަ ކީޕަރު އެންޑްރޭ ޓާ ސްޓެގަން އަށް އަނިޔާވުމުން، ފުރުސަތު ދޭން ފެށި ޕެނާ އަށް އެންމެ ފަހުން ބާސާ ކުޅުނު ދެ މެޗުގައި ފުރުސަތެއް ނުދެ އެވެ.

ޓާސްޓެގަން އަށް އަނިޔާވުމުން ބާސާއިން ވަނީ ކުޅުން ހުއްޓާލައިގެން ހުރި ކީޕަރު ވޮޒިއެޗް ޝެޒުނީ ސޮއި ކުރުވައިފަ އެވެ.

ޕޮލެންޑްގެ ކުރީގެ ގައުމީ ކީޕަރު ޝެޒްނީ އަށް ބާސާއިން ދިނީ ބަދަލު ކީޕަރެއްގެ ރޯލެވެ. ސްޕެނިޝް ސުޕަ ކަޕުގައި ބާސާގެ ގޯލް ބަލަހައްޓަނީ އޭނާ އެވެ.

އޭގެ ފަހުން ސްޕެނިޝަ ސުޕަ ކަޕުގެ ސެމީ ފައިނަލު މެޗުގައި ވެސް ގޯލް ބެލެހެއްޓުމުގެ ފުރުސަތު ދިނީ ޔުވެންޓަސްގެ ގޯލް ކުރިން ބެލެހެއްޓި ޝެޒްނީ އަށެވެ.

"ތިން ވަނަ ފަހަރު އެ މީހުން [ޕެނާ އާއި ޑިފެންޑަރު ޖޫލް ކުންޑޭ] ޓީމުގެ ބައްދަލުވުމަށް ގަޑިޖެހިގެން ހާޒިރުވި،" ސުޕަ ކަޕުގެ ފުރަތަމަ މެޗުގައި ޕެނާ އަށް ފުރުސަތު ނުދިން ސަބަބާ ބެހޭގޮތުން ފްލިކް ބުންޏެވެ.

ފައިނަލު މެޗުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ޕެނާ އަށް ފުރުސަތު ދޭން ކަމުގެ ޔަގީންކަމެއް ބާސާގެ ކޯޗު ހެންސީ ފްލިކް ނުދެ އެވެ.

"ކަލޭމެންނަށް އެނގޭތަ އަހަރެން މީ މެޗުގެ ކުރިން ފުރަތަމަ 11 އާ ބެހޭގޮތުން ވަހަކަ ދައްކާ މީހެއް ނޫން. އަހަރެން އެކަމެއް ނުކުރާނަން،" ފްލިކް ބުންޏެވެ.

ސައުދީ އަރަބިއާގެ ޖިއްދާގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މެންދަމު 12 ޖަހާއިރު އެވެ.