Roadha Mihaaru

ފިއްޓޭ އަލުން އެމްޑީޕީއަށް؛ އީސީން ބުނީ ވަގު ފޯމު ހުށަހެޅި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް

ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ)ގެ ޕާޓީ ބަދަލުކުރުމަށް ޕީއެންސީގެ ނަމުގައި ހުށަހެޅި ފޯމު ޕްރޮސެސްކުރީ އެލާޓް ސިސްޓަމްގެ މައްސަލައަކުން ކަމަށާއި ވަގު ފޯމު ހުށަހެޅި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ފިއްޓޭގެ ނަމުގައި ވަގު ފޯމު ހުށަހެޅި މީހުންނަށް ފިޔަވަޅު އަޅަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

13 ޖެނުއަރީ 2025

ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ)ގެ ޕާޓީ ބަދަލުކުރުމަށް ޕީއެންސީގެ ނަމުގައި ހުށަހެޅި ފޯމު ޕްރޮސެސްކުރީ އެލާޓް ސިސްޓަމްގެ މައްސަލައަކުން ކަމަށާއި ވަގު ފޯމު ހުށަހެޅި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ފިއްޓޭ "މިހާރު" އަށް ވިދާޅުވީ، ޕާޓީ ބަދަލުކޮށްފައިވާ ކަން މިއަދު ފާހަގަވީ، ވައިކަރަދޫގެ ގިނަ ބަޔަކަށް ނޭނގި ޕާޓީ ބަދަލުކުރުމުގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން ބެލި ބެލުމުން ކަމަށެވެ. އެއީ، އޭނާ އަށް އެނގިވަޑައިގެން ހިނގާފައިވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން އީސީން ނެރުނު ބަޔާނުގައި ބުނީ ޒިޔާދަށް އެނގިވަޑައިގަތުމެއް ނެތި ޕީއެންސީއަށް ރަޖިސްޓްރީކުރަން ފޯމު ހުށަހެޅިކަން އެ ކޮމިޝަންގެ ސަމާލުކަމަށް ގެނައުމުން، އެ ފޯމު ބާތިލްކޮށްފައިވާ ކަމަށެވެ. އެހެންވެ، އޭނާގެ ޕާޓީގެ މެމްބަޝިޕް ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީއަކުން ވަކި ކޮށްފި ނަމަ މަޖިލިހުގެ މެންބަރުކަމުން ވަކިވާ ގޮތަށް މި ފަހުން ވަނީ ގާނޫނު އަސާސީ ވެސް އިސްލާހުކޮށްފަ އެވެ.

އީސީން ބުނީ ޒިޔާދަށް އެނގިވަޑައިގަތުމެއް ނެތި ޕީއެންސީއަށް ރަޖިސްޓްރީކުރަން ފޯމު ހުށަހަޅާފައިވާތީ އެކަމުގެ ޒިންމާވާ މީހުންގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް މި ކޮމިޝަނުން މި ދަނީ ކުރަމުންނެވެ. އަދި މި ފަދަ ކަމެއް އިތުރަށް ތަކުރާރުނުވާނެ ފަދައިން އިދާރީ އަދި ގާނޫނީ އިންތިޒާމުތައް ހަމަޖައްސާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ބަޔާނުގައިވެ އެވެ.

އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ "މިހާރު" އަށް ވިދާޅުވީ އިންތިހާބީ މަގާމުތަކުގައި ތިބޭ ބޭފުޅުން ސިޔާސީ ޕާޓީތަކަށް ވަނުމަށް ފޯމު ހުށަހެޅުމުން އީސީގެ އަމިއްލަ ބޭނުމަށް އެލާޓްވާނެ ނިޒާމެއް އޮންނާނެ ކަމަށެވެ.

ނަމަވެސް، 19 ވަނަ މަޖިލީހުގެ ދައުރު ހަމަވުމުން، އެ ލިސްޓުން ހުރިހާ ބޭފުޅުން ވަކިކޮށް، 20 ވަނަ މަޖިލީހުގެ މެމްބަރުން އެ ލިސްޓުގައި އަލުން ހިމެނިއަސް، ޒިޔާދަކީ ދެ ވަނަ ދައުރަށް އިންތިހާބުވި މެމްބަރަކަށް ވުމުން އޭނާގެ ނަން އުނިވީ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.

"ނަވާރަ ވަނަ މަޖިލީހުގެ ލިސްޓުން އުނިކުރީމަ ކޮމިޝަނަށް އެލާޓްނުވީ،" އޭނާ ވިދާޅުވި އެވެ.