Roadha Mihaaru

އެވަޓަން އަށް ކާމިޔާބު ދުވަސްތަކެއް އަލުން ގެނެވޭނެ: މޮއިސް

ކުރީގެ ކާމިޔާބު ދުވަސްތައް އެވަޓަން އަށް އަލުން ގެނެވޭނެކަމަށް 12 އަހަރަށް ފަހު އެ ކްލަބްގެ ކޯޗު ކަމުގެ މަގާމަށް އެނބުރި އައި ޑޭވިޑް މޮއިސް ބުނެފި އެވެ.

އެވަޓަންއަށް އަލުން ކާމިޔާބު ގެނެވޭނެ: މޮއިސް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

14 ޖެނުއަރީ 2025

ކުރީގެ ކާމިޔާބު ދުވަސްތައް އެވަޓަން އަށް އަލުން ގެނެވޭނެކަމަށް 12 އަހަރަށް ފަހު އެ ކްލަބްގެ ކޯޗު ކަމުގެ މަގާމަށް އެނބުރި އައި ޑޭވިޑް މޮއިސް ބުނެފި އެވެ.

މޮއިސް ވަނީ 2002-2013 އަށް އެވަޓަންގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފަ އެވެ. އޭނާގެ ކޯޗުކަމުގެ ފުރަތަމަ ސީޒަނުގައި އެ ކްލަބް ގަދަ ހަތަރަކަށް ގެންގޮސްދިނެވެ. އެއީ 37 އަހަރުތެރޭ ގަދަ ހަތަރެއްގައި އެ ކްލަބް ނިންމާލި ހަމައެކަނި ފަހަރުވެސް މެ އެވެ. އަދި 2009 ގެ އެފްއޭ ކަޕް ފައިނަލަށް އެ ކްލަބް ގެންގޮސްދިނެވެ.

އޭނާ ހޭދަ ކުރި 11 އަހަރުގެ ތެރޭގައި ނުވަ ފަހަރަށް ލީގުގެ ގަދަ އަށެއްގައި އެ ކްލަބް ބާއްވައި ދިނެވެ.

އޭނާ 2013 ގައި އެ ކްލަބް ދޫކޮށްލީ، އެލެކްސް ފާގަސަން ރިޓަޔާ ކުރުމުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ކަމާ ހަވާލުވުމުގެ ގޮތުންނެވެ. ހަ އަހަރުގެ އެއްބަސްވުމުގައި ސޮއި ކުރި ނަމަވެސް ޔުނައިޓެޑް ވީ މޮއިސް އަނދަވަޅަކަށް ވެއްޓުނު ކްލަބަކަށެވެ.

އެވަޓަންގެ ކޯޗުކަމުން ޝޯން ޑައިޗް ވަކި ކުރުމަށް ފަހު އެވަޓަންގެ އާ މެނޭޖުމެންޓުން ނިންމީ ކޯޗުކަމާ ދުރުގައި ހުރި މޮއިސް ގެނައުމަށެވެ.

މިދިޔަ ސީޒަނަށް ފަހު ވެސްޓްހޭމްގެ މަގާމު ދޫކޮށްލި މޮއިސް މީގެ ދުވަސްކޮޅެއް ކުރިން ދިން އިންޓަވިއުގައި ބުނެފައި ވަނީ ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތް ކުރާ ކްލަބަކާ ދެން އޭނާ ހަވާލު ނުވާނެ ކަމަށެވެ.

އެކަމަކު އެވަޓަން އޮތީ 16 ވަނައިގަ އެވެ. އެ ޓީމަށް އޮތް އެންމެ ބޮޑު މަސައްކަތަކީ ރެލިގޭޝަން ޒޯނަށް ފުރޮޅާނުލައި ސަލާމަތްވުމެވެ.

"އަހަންނަށް ހުށަހެޅުންތަކެއް ލިބިފައި ހުރި. އެކަމަކު މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ނިންމައި އަހަރެން އެ ފުރުސަތުތައް ދޫކޮށްލީ. އެކަމަކު އެވަޓަންގެ ވަޒީފާ ހުށަހެޅީމަ އަހަންނަށް އެނގޭ މިއީ ދޫކޮށްލެވޭވަރަށް ވުރެ ބޮޑު ހުށަހެޅުމެއްކަން،" މޮއިސް ބުންޏެވެ.

"އަހަރެން ބޭނުން އަނެއްކާވެސް (މި ކްލަބާ އެކު) މިކަން ކުރެވޭނެކަން ދައްކަން. އަހަރެން ޖެހޭނެ އަހަންނަށް މިކަންވާނެކަން އަނެއްކާވެސް ސާބިތުކޮށް ދޭން."

މޮއިސް ބުނީ އޭނާ މިހާރު ހަވާލުވާ އެވަޓަންގައި އޮތީ 2002 ގައި އޭނާ ހަވާލުވި އިރު އޮތް ހާލަތެއް ނޫން ކަމަށެވެ.

"މިއީ އެހެން އެވަޓަންއެއް. އަހަންނަކަށް ނޭނގެ އެވަޓަން އަށް މި ލިބުނީ ކުރީގެ ޑޭވިޑް މޮއިސް ކަމެއް ވެސް،" ސްކޮޓްލެންޑަށް ނިސްބަތްވާ ތަޖުރިބާކާރު ކޯޗު ބުންޏެވެ.

އޭނާ ބުނީ އިނގިރޭސި ފުޓްބޯޅައިގައި 1000 މެޗުގައި އޭނާ އަށް އެކިގޮތްގޮތުން މަސައްކަތް ކުރެވިފައިވުމުން، ވިސްނުން ތަރައްގީވެ އާ ވިސްނުމުގައި މަސައްކަތް ކުރާނެ ގޮތްތައް ދަސްވެފައިވާ ކަމަށެވެ.

އެވަޓަންގައި އޭނާގެ ދެ ވަނަ ދައުރުގެ ކޯޗުކަމުގެދަށުން އެވަޓަން ކުޅޭ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެ ރޭ ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.