Roadha Mihaaru

އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ޔޫއޭއީ އާއި ތައިލެންޑަށް ފޮނުވަން ފަށައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާ ކުރުމަށް ޔޫއޭއީ އާއި ތައިލެންޑަށް ފޮނުވަން މިއަދު ފަށައިފި އެވެ.

ބޭހަށް ޔޫއޭއީ އާއި ތައިލެންޑަށް ފޮނުވަން ފަށައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

15 ޖެނުއަރީ 2025

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާ ކުރުމަށް ޔޫއޭއީ އާއި ތައިލެންޑަށް ފޮނުވަން މިއަދު ފަށައިފި އެވެ.

އާސަންދަގެ ހިދުމަތް ދިނުމަށް ޔޫއޭއީގެ އެއް ހޮސްޕިޓަލާއި ބެންކޮކްގެ ދެ ހޮސްޕިޓަލަކާ އެކު އާސަންދަ ކުންފުނިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއީ، ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލާއި ބެންކޮކް ހޮސްޕިޓަލާ އެކުގަ އެވެ.

އާސަންދައިން މިއަދު މީޑިއާތަކަށް މައުލޫމާތު ދިނުމަށް ބޭއްވި ސެޝަނެއްގައި ބުނީ މި ވަގުތު ޔޫއޭއީ އަށް ފޮނުވާނީ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ ބަލި މީހުން އެކަނި ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ ޔޫއޭއީގެ ހެލްތު ކައުންސިލުން ކަނޑައަޅާފައި އޮންނަ ހާއްސަ މިންގަނޑެއްގެ ތެރެއިން ފަސްޓް ޑިގްރީ ޑޯނާ ނޫނަސް، ދިވެއްސެއް ނުވަތަ މުސްލިމަކު ކަމުގައިވާ ނަމަ، ދުރު މީހަކަށް ވެސް ކިޑްނީ ޑޮނޭޓްކުރުމުގެ ހުއްދަ އެ ގައުމުގައި ދޭތީ ކަމަށް އާސަންދައިން ބުންޏެވެ.

"... ފުރަތަމަ އިސްކަންދިނުމަށް ހަމަޖެހިފައި ވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލި މީހުންގެ ތެރެއިން ފަސްޓް ޑިގްރީ ޑޯނާއެއް (އާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް) ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަހައްމަލު ކުރަމުން ދާ ފަރާތްތަކަށެވެ،" ޔޫއޭއީ އާއި ތައިލެންޑުގައި އާސަންދައިގެ ހިދުމަތް ފެށުމުން އާސަންދައިން ނެރުނު ނޫސްބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ މިހާތަނަށް އާސަންދަ އަށް އެމްޕެނަލް ކުރެވިފައިވާ ގައުމުތަކުގެ އުސޫލުތައް ކަނޑައެޅިފައިވާ ގޮތުން، ކިޑްނީ ޑޯނަރަކީ ފަސްޓް ޑިގްރީ ޑޯނާއަކަށް ވުން އެ ގައުމުތަކުގެ ގާނޫނާއި ގަވާއިދުތަކުން ލާޒިމުވާތީވެ، ފަރުވާ ކުރިއަށް ގެންދެވިފައި ނުވާ މީހުން ތިބި ކަމަށެވެ. އެހެންވެ، އާސަންދަ ސްކީމަށް އިތުރު ކުރާ މި އެމްޕެނަލްމަންޓާ އެކު، މި ކަހަލަ ހާލަތުގައި ތިބި މީހުންނަށް ކިޑްނީ ޓްރާންސްޕްލާންޓް ހަދަން މަގުފަހިވާނެ ކަމަށް ބުންޏެވެ.

ފަރުވާއަށް ތައިލެންޑަށް ފޮނުވުމުގައި މި ވަގުތު އިސްކަންދޭނީ އެއް ބައްޔަކަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާކުރަން ޖެހި، ބަލި ފަސޭހަ ނުވެފައި ތިބޭ މީހުން ކަމަށް ވެސް އާސައިންދައިން ބުންޏެވެ.

"ދެވަނަ ބަޔަކީ، ރާއްޖެ، އިންޑިޔާ ނުވަތަ ސްރީ ލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާދެވުނު ނަމަވެސް އެ ފަރާތެއްގެ ބަލި ހަލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކެވެ. އެފަދަ ފަރާތްތަކަށް ކަމާ ބެހޭ ޑޮކްޓަރުންގެ ޓީމްގެ ފަންނީ ލަފައާ އެކު، ބަލިމީހާ ރިފާ ކުރާނެ މަރުކަޒު މި ކުންފުނިން ކަނޑައަޅާ އެ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާއަށް އެހީ ފޯރުކޮށްދެވޭނެ އެވެ،" އެ ބަޔާނުގައިވެ އެވެ.

އާސަންދައިން ބުނީ ބޭސްފަރުވާއަށް ޔޫއޭއީ އާއި ތައިލެންޑަށް ވެސް ފޮނުވާނީ މިހާރު ވެސް އެ ސްކީމްގެ ދަށުން އިންޑިއާ އާއި ސްރީ ލަންކާއަށް ދިވެހިން ފަރުވާއަށް ފޮނުވަމުން އަންނަ އުސޫލުން، ރިފަރަލް ނިޒާމުގެ ތެރެއިން ކަމަށެވެ.

އާސަންދައިގެ އުސޫލުގެ ދަށުން މިހާރު ވެސް އެހެން ގައުމުތަކަށް ބޭސްފަރުވާއަށް ދާއިރު ދޭ ފަރުވާގެ ހަރަދާއި ދެކޮޅު ޓިކެޓާއި ހުރުމާއި ކެއިންބުއިމުގެ ހަރަދު ވެސް ލިބޭނެ އެވެ. އަދި ޔޫއޭއީ އަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ދާ ބަލި މީހާގެ އިތުރުން ޑޯނާ އަށް ވެސް ޓިކެޓާއި ހުރުމުގެ ހަރަދު ހަމަޖައްސައިދޭނެ އެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ބަލިތަކަށް ވެސް އެ ދެ ގައުމުން އާސަންދައިގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބުންޏެވެ.

ތައިލެންޑާއި ދުބާއީން ދިވެހިންނަށް އާސަންދަ ސްކީމުގެ ދަށުން ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވާކަން ރައީސް ޑރ. މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އޭރު ރައީސް ވިދާޅުވީ އާސަންދަ އަކީ "ހަމައެކަނި ވަކި ދިމާއެއްގައި" އޮންނަ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ ހިދުމަތަކަށް ވާން އެ މަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންވެ، ފެންވަރު ރަނގަޅު ގައުމުތަކަށް އާސަންދައިގެ ހިދުމަތް ފުޅާކުރައްވާނެ ކަމަށް ވިދާޅުވި ރައީސް އެވެ.

އާސަންދައިގައި ބޭރުގެ 57 ހޮސްޕިޓަލެއް ވަނީ އެމްޕެނަލް ވެފަ އެވެ. އޭގެ ތެރެއިން، މިހާތަނަށް ފަރުވާއަށް ފޮނުވަމުން ދިޔައީ ލަންކާ އަދި އިންޑިއާއަށެވެ. އެއީ ލަންކާގެ އަށް ހޮސްޕިޓަލާއި އިންޑިއާގެ 49 ހޮސްޕިޓަލަކަށެވެ.