Roadha Mihaaru

ސްޓެލްކޯގެ ކުރީގެ އެމްޑީ ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓައިފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

15 ޖެނުއަރީ 2025

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

އޭސީސީގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އިއްޔެ އެވެ.

ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އޮފިޝަލް ވިދާޅެއްނުވެ އެވެ.

ޝަރީފްގެ ޕާސްޕޯޓު ހިފެހެއްޓިއިރު، ސްޓެލްކޯ އަށް ހަތް މިލިއަން ޑޮލަރުގެ ގެއްލުންވާ ގޮތަށް އެއްބަސްވުމެއްގައި ޝަރީފް ސޮއިކުރި ކަމަށް ބުނާ މައްސަލައެއް އޮތީ އޭސީސީއަށް ހުށަހަޅުއްވައިފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ސްޓެލްކޯގެ ކުރީގެ މެނޭޖުމަންޓުން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީސީ) އަށް ބަދަލުގެ ގޮތުގައި 7.8 މިލިއަން ޑޮލަރު (120 މިލިއަން ރުފިޔާ) ދިނުމަށް ސެޕްޓެމްބަރު، 2023 ގައި އެއްބަސްވުމެއްގައި ސޮއިކުރި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް ވެސް މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު ވަނީ ގެނެސްފަ އެވެ.

ސެޓްލްމަންޓް އެއްބަސްވުމުގައި ޝަރީފު ސޮއި ކުރެއްވީ، ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރައިވެޓައިޒޭޝަން ބޯޑުގެ އެންގުމާ ހިލާފަށް އަދި ސްޓެލްކޯ އަށް ގެއްލުންވާ ގޮތަށް ކަމަށް ވެސް މަޖިލީހަށް ހުށަހެޅި މައްސަލާގައިވެ އެވެ.

އެކަން ކޮށްފައި ވަނީ ކުންފުނީގެ ބޯޑުގެ ޑިރެކްޓަރުންނަށް އޮޅުވާލައިގެން ކަމަށް ގަބޫލު ކުރެވޭތީ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ސްޓެލްކޯ އިން އޭސީސީގައި ޖުލައި މަހު ވަނީ އެދިފަ އެވެ.

އެނގިފައިވާ ގޮތުގައި، މި ސެޓްލްމަންޓް އެގްރީމަންޓުގައި ސޮއިކޮށްފައި އޮތުމުން މި ފައިސާ ނުދީ ވާނެ ގޮތެއް ނެތެވެ. ޝަރީފު މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮވިޑް-19 ގެ ދުވަސްވަރުގެ ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި ކަމަށް ބުނެ ކަމަށް އެނގިފައިވެ އެވެ.