Roadha Mihaaru
ފްލެޓް ރޭޓުން ކަރަންޓު ބިލް 30-50 ޕަސެންޓު ކުޑަވޭ

ފްލެޓް ރޭޓެއް ކަނޑައެޅުމުން ކަރަންޓު ބިލް 30-50 ޕަސެންޓް ކުޑަވާނެ: ޝަރީފް

24 ސެޕްޓެމްބަރ 2023

ކަރަންޓަށް ބިލްކުރާ ބޭންޑް ފްލެޓް ރޭޓަކަށް ހެދުމުން ގޭބިސީތަކުގެ މިހާރުގެ ކަރަންޓް ބިލުން 30-50 ޕަސެންޓު ކުޑަވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކަރަންޓަށް ބިލްކުރާ ބޭންޑް ފްލެޓް ރޭޓަކަށް ހެދުމުން ގޭބިސީތަކުގެ މިހާރުގެ ކަރަންޓް ބިލުން 30-50 ޕަސެންޓު ކުޑަވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގެ ހުރިހާ ގޭބިސީތަކެއްގެ ކަރަންޓު ބިލަށް ވެސް، ކިތަންމެ ގިނައިން ބޭނުންކުރިޔަސް، ބޭންޑުތަކަށް ޗާޖުކުރާ ރޭޓް ބަދަލު ނުވެ އެއް ރޭޓަކުން ބިލްކުރަން ނިންމަވައި އެކަން އިއުލާން ކުރައްވައިފަ އެވެ.

އެ ބަދަލާ ގުޅޭ ގޮތުން ޝަރީފް "މިހާރު" އަށް ވިދާޅުވީ މި އަހަރު ހޫނު މޫސުމުން ފެށިގެން އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ ކަރަންޓު ބިލް ބޮޑުވުމުގެ މައްސަލަ ކަމަށާއި މިހާރު މި އަންނަ ބަދަލާ އެކު އެ މައްސަލަ އެއްކޮށް ހައްލުވެގެން ދާނެ ކަމަށެވެ.

ޓެރިފް ބޭންޑްތަކަށް ކަނޑައަޅާފައިވާ އަގުތައް

ޓެރިފް ބޭންޑްތަކަށް ކަނޑައަޅާފައިވާ އަގުތައް

ޝަރީފް ވިދާޅުވި ގޮތުގައި މީގެ ކުރިން، ގޭބިސީތަކަށް ގާތްގަނޑަކަށް ހަތް ބޭންޑް ކަނޑައަޅާފައި އޮންނަ ކަމަށެވެ. ކަރަންޓު ބޭނުންކުރާ ވަރަކަށް ކޮންމެ ބޭންޑަކަށް އިތުރުވަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ބިލް ވަރަށް ބޮޑުވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް މިހާރު އެ ވަނީ ފްލެޓް ރޭޓެއް ކަނޑައަޅަން ނިންމަވާފައި. އެކަމުގެ ސަބަބުން ކަރަންޓު ބިލް 30-50 ޕަސަންޓުގެ އަދަދަކުން ކުޑަ ވާނެ." ޝަރީފް ވިދާޅުވި އެވެ.

ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް: އޭނާ ވިދާޅުވީ ބިލްކުރާ ގޮތް ބަދަލުކުރުމުން ޝަކުވާތައް ހައްލުވާނެ ކަމަށް. -- ފޮޓޯ: މިހާރު

ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް: އޭނާ ވިދާޅުވީ ބިލްކުރާ ގޮތް ބަދަލުކުރުމުން ޝަކުވާތައް ހައްލުވާނެ ކަމަށް. -- ފޮޓޯ: މިހާރު

އޭނާ ވިދާޅުވީ މިއީ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ އަދި ދިރިއުޅުމަށް ބޮޑެތި ލުއި ފަސޭހަތަކެއް އަންނާނެ ޕޮލިސީއެއް ކަމަށެވެ.

"ސަރުކާރުން މިހާރު މި ނިންމެވީ ތާރީހީ ނިންމެވުމެއް. މިހާތަނަށް އެވަރުގެ ނިންމުމެއް އެއްވެސް ބަޔަކު ނެތް ނިންމާފައެއް،" ޝަރީފް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގެ ކަރަންޓް އެވްރެޖުކޮށް ބޭނުން ކުރާ މިންވަރު-- ފޮޓޯ: މިހާރު

މާލެ ސަރަހައްދުގެ ކަރަންޓް އެވްރެޖުކޮށް ބޭނުން ކުރާ މިންވަރު-- ފޮޓޯ: މިހާރު

ސްޓެލްކޯ އިން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ރޭޓެއް ކަނޑައެޅުމުގެ މަސައްކަތް ކަމަށާއި އެކަމާ ގުޅިގެން ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގައި ކަރަންޓްގެ އަގުތައް ކަނޑައަޅާ ޓެރިފް ރޭޓުތަކަށް އެންމެ ބޮޑު ބަދަލެއް ގެނެސްފައި ވަނީ 2009 ވަނަ އަހަރު އެވެ. އޭގެ ކުރިން ތިން ބޭންޑަކަށް ކަރަންޓުގެ އަގުތައް ހުއްޓެވެ. ސަރުކާރުން 2009 ވަނަ އަހަރު ގެނައި ބަދަލުގައި ވަނީ ހަތް ބޭންޑަކަށް ކަރަންޓު ޓެރިފް ބައިކޮށްފަ އެވެ. އޭގެ ފަހުން 2016 ވަނަ އަހަރާއި 2019 ވަނަ އަހަރު ކަރަންޓުގެ އަގުތަކަށް ޑިސްކައުންޓްތަކެއް ގެނެސް މާލެ އާއި ރަށްރަށުގެ އަގުތައް އެއް ހަމައަކަށް ގެނައި ނަމަވެސް ޖުމްލަކޮށް މާ ބޮޑު ބަދަލެއް ޓެރިފްތަކަށް ގެނެސްފައެއް ނުވެ އެވެ.