Roadha Mihaaru

ފަނޑިޔާރަށް ފެންނަ ގޮތަށް ނިންމައިދޭށޭ ބުނެ ވަކާލާތު ކުރުމަކީ އިހުގެ ކަމެއް: ފަނޑިޔާރު ސުއޫދު

ކޯޓުގައި ވަކި ސްޑޭންޓެއް ނުނަގައި، ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ހުކުމްކޮށްދޭން ދައުލަތުން އެދުމަކީ މި ޒަމާނުގައި ވަކާލާތުކުރާ ގޮތެއް ނޫން ކަމަށާއި އެއީ އިހު ޒަމާނުގައި އެކަން ކޮށް އުޅުނު ގޮތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ފެންނަ ގޮތަކަށް ނިންމަން ވަކާލާތެއް ނުކުރެވޭނެ: ސުއޫދު
ނާޒިމް ހަސަން
ނާޒިމް ހަސަން

16 ޖެނުއަރީ 2025

ކޯޓުގައި ވަކި ސްޑޭންޓެއް ނުނަގައި، ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ހުކުމްކޮށްދޭން ދައުލަތުން އެދުމަކީ މި ޒަމާނުގައި ވަކާލާތުކުރާ ގޮތެއް ނޫން ކަމަށާއި އެއީ އިހު ޒަމާނުގައި އެކަން ކޮށް އުޅުނު ގޮތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ފިލިޕިންސްގެ ކޮލެޖެއް ކަމަށްވާ، އެލްޑާސްގޭޓްގެ ސަނަދު ލިބޭ ގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގާ ޕީއެޗްޑީ ކޯހެއްގެ ކިޔެވުން ބަޔަކު ފެށީ 2016 ގައި އެ ކޯސް އެމްކިއުއޭ އިން ގަބޫލުކުރާކަން އެންގުމުންނެވެ. އަދި އެ ކޯސް ގަބޫލުކުރުން އެމްކިއުއޭ އިން 2018 ގައި ހުއްޓާލިޔަސް، އެހާތަނަށް ކިޔަވަމުންދިޔަ މީހުންގެ ސެޓްފިކެޓް ގަބޫލުކުރާނެ ކަން ވެސް އެންގި އެވެ.

އެކަމަކު އެ މީހުން ކިޔަވާ ނިންމުމަށް ފަހު 2021 ވަނަ އަހަރު ސެޓްފިކެޓް ވެލިޑޭޓްކުރަން ހުށަހެޅުމުން އެކަމަށް އެމްކިއުއޭ އިން ދެކޮޅު ހެދި އެވެ. އެ މައްސަލަ ތިން މީހެއްގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ނިންމީ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރެވެން ނެތް ކަމަށެވެ. ނަމަވެސް އެ މައްސަލަ އެ މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ހުކުމްކުރީ އެ ތިން މީހުންގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.

މި މައްސަލަ ހައި ކޯޓުގައި ކުރިއަށްދިޔައިރު ދައުލަތުން ވަކި ސްޑޭންޓެއް ނުނަގައި އެދުނީ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ހުކުމްކޮށްދިނުމަށެވެ.

ނަމަވެސް، ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށް، ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ވިދާޅުވެ ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުން މިއަދު ވަނީ ވަކާލާތު ކުރައްވައިފަ އެވެ. އެކަމާ ގުޅިގެން، މައްސަލަ ބައްލަވާ ބެންޗުގައި އިންނެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސުވާލުތަކެއް ދައުލަތާ އަމާޒު ކުރެއްވި އެވެ.

"ސާފުކޮށް ކީއްވެގެންތޯ ހައި ކޯޓުގައި ވިދާޅުނުވީ ހާލަތު މި ހުރި ގޮތުން މި ކޮލިފިކޭޝަންތައް ނެތޭ ރިކޮގްނައިސްކުރެވޭކަށް. އެ ޕޮޒިޝަން ކީއްވެގެންތޯ ނުނެންގެވީ. ދަށު އެއްވެސް މަރުހަލާއެއްގައި ވަކާލާތު ނުކުރައްވައި، ފަނޑިޔާރަށް މި ޖެހެނީ ގެސް ކުރައްވަން ތިކޮޅުން ބޭނުންވާ ގޮތެއް. ތިކޮޅުން ނަންގަވާނެ ގާނޫނީ ޕޮޒިޝަނެއް. އެހެންވީމާ ހައި ކޯޓުން މިފަހަރު އެ ބޭފުޅުންނާ އެއްކޮޅަށް މައްސަލަ ނިމިގެންދިޔައީމާ ތިޔަ ވިދާޅުވަނީ ގާނޫނާ ހިލާފޭ ނިންމުން،" ފަނޑިޔާރު އެއްސެވި އެވެ.

"މީގަ ލޮޖިކަކީ ކޮބައިތޯ؟ ދައުލަތުގެ ފަރާތުން ޝަރީއަތަށް ވަޑައިގެން ވަކި ޕޮޒިޝަނެއް ނުނަންގަވައި ފަނޑިޔާރު ވަކި ގޮތަކަށް ނިންމީ، ފަނޑިޔާރަށް ފެނިވަޑައިގަންނަވާ އެންމެ އިންސާފުވެރި ގޮތަށް ނިންމަވާށޭ ބުނީމަ އެ އޮތީ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމަވާފައި. އެހެންވީމަ ކޮބައިތޯ މީގަ ގާނޫނީ އިޝޫއަކީ."

ޖަވާބުގައި ބަންޑާރަ ނައިބު އޮފީހުގެ ވަކީލް ވިދާޅުވީ ހައި ކޯޓުގެ ނިންމުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ގާނޫނެއްގައި ކަނޑައަޅާފައިވާ ކަންތައްތަކެއްގެ މަގުސަދާ ހިލާފުވުން ކަމަށެވެ. ނަމަވެސް، ހައި ކޯޓުގައި ސަނަދު ވެލިޑޭޓްނުކޮށްދޭން ދައުލަތުން އެދިފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ އޭރުގެ ދައުލަތުގެ ސްޓޭންޑް ކަމަށް ވެސް ވިދާޅުވި އެވެ.

ވަކީލު އެހެން ވިދާޅުވުމުން ފަނޑިޔާރު ސުއޫދު ވަނީ އެގޮތަށް ވަކާލާތު ނުކުރައްވަން އެދިވަޑައިގެންފަ އެވެ.

"ދައުލަތުން ދެން ކުރިއަށް އޮތް ތަނުގައި ތިހެން ގިނަގިނައިން ވަކާލާތު ނުކުރެއްވިއްޔާ ރަނގަޅު ވާނީ. މި ދެންނެވީ ވަރަށް އިހުގައި ފަނޑިޔާރުން އުނދޯލީގައި ތިއްބަވައިގެން ޝަރީއަތް ކުރެއްވި ޒަމާނުގައި އެތަނަށް ހާޒިރުވެ ނައިބުގެއަށް ގޮސް ފަނޑިޔާރަށް ފެންނަ ގޮތަކަށް ނިންމަވަދެއްވާށޭ. އެއީކީ އަނެއްހެން މިހާރު ޝަރީއަތް ކުރާ ގޮތެއް ނޫން،" ފަނޑިޔާރު ވިދާޅުވި އެވެ.

"އެހެންވީމަ އެގޮތަށް ކުރަންޏާ ވަރަށް އުނދަގޫވާނެ އަޅުގަނޑުމެންނަށް. މަރުހަލާތައް ތަރުތީބު ކުރެވިފައި މިވަނީ ވަކި ގޮތްތަކަށް. ދަށު ކޯޓުގައި ނުނަގާ ވާހަކައެއް އަލުން ނުދެކެވުމާއި ދަށު ކޯޓުގައި ދެކެވުނު ވާހަކައިގެ ހަތަރު ފާރުގެ ތެރޭގައި އިސްތިއުނާފީ ކަންކަން ކުރިއަށް ގެންދިޔުމުގެ އިޖުރާއަތެއް މި އޮތީ."

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު، އިތުރު ކަންކަން ސާފު ކުރަން އެހެން އަޑުއެހުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ.