ކޮންމެ ވެރިކަމެއް ބަދަލުވާ އިރަށް ކުރިން ސޮއިކޮށްފައި ހުންނަ އެއްބަސްވުންތައް އުވާލަނީ އެވެ. ބައެއް އެއްބަސްވުންތައް އުވާލާ އިރު ސަރުކާރުން ބުނެފައި އޮންނަނީ ދޭން ޖެހޭ ބަދަލެއް ދޭނެ ކަމަށެވެ. ފާއިތުވި 10 ވަރަކަށް އަހަރު ދައުލަތުން އެގޮތަށް ދޭން ޖެހުނު ފައިސާގެ އަދަދު ފަސް ބިލިޔަން ރުފިޔާއާ ގާތް ކުރެ އެވެ. އެކަމަކު މި މައްސަލައަށް ނިމުމެއް ނެތެވެ.
23 އެޕްރީލް 2019
ކޮންމެ ވެރިކަމެއް ބަދަލުވާ އިރަށް ކުރިން ސޮއިކޮށްފައި ހުންނަ އެއްބަސްވުންތައް އުވާލަނީ އެވެ. ބައެއް އެއްބަސްވުންތައް އުވާލާ އިރު ސަރުކާރުން ބުނެފައި އޮންނަނީ ދޭން ޖެހޭ ބަދަލެއް ދޭނެ ކަމަށެވެ. ފާއިތުވި 10 ވަރަކަށް އަހަރު ދައުލަތުން އެގޮތަށް ދޭން ޖެހުނު ފައިސާގެ އަދަދު ފަސް ބިލިޔަން ރުފިޔާއާ ގާތް ކުރެ އެވެ. އެކަމަކު މި މައްސަލައަށް ނިމުމެއް ނެތެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގަން އިންޑިއާގެ ޖީއެމްއާރާ ހަވާލުކުރި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އުވައިލުމުން އެ ކުންފުންޏަށް ދިވެހި ދައުލަތުން 4.1 ބިލިޔަން ރުފިޔާ ދައްކަން ޖެހުނެވެ. އެ ފައިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން، އެއްވެސް ޖެހިލުމެއް ނެތި، ދިނެވެ.
ހަމަ އެގޮތަށް ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރަން މެލޭޝިއާގެ ނެކްސްބިޒްއާ އެކު، ނަޝީދުގެ ސަރުކާރުން ކުރި އެއްބަސްވުން ވެސް އުވާލި އެވެ. އޭގެ ބަދަލެއްގެ ގޮތުން 231.3 މިލިޔަން ރުފިޔާ ދައުލަތުން ދައްކަން ޖެހުނެވެ.
އޭގެ ފަހުން މިހާރު މި ފެންނަނީ ސުވާލު އުފެދޭ އެތައް މައްސަލަތަކެއްގައި ދައުލަތުން ބޮޑެތި އަދަދުތަކުން ފައިސާ ދޭން ޖެހޭ ގޮތަށް ހުކުމް އަންނަ ތަނެވެ. ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) އިން އަމިއްލަ ކުންފުންޏެއް ކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް 78 މިލިޔަން ރުފިޔާ ދޭން ޖެހުމަކީ އޭގެ އެއް މިސާލެވެ. އޭގެ ތެރެއިން 30 މިލިއަން މިހާރު ވަނީ ދީފަ އެވެ.
ދެން މިދިއަ ހަފުތާގައި މި އިވުނީ އަނެއް ބޮޑު ހަބަރެވެ. ދީބާޖާ އިންވެސްޓްމަންޓް ނަމަކަށް ކިޔާ އާދައިގެ ކުންފުންޏަކާ އެކު އެމްޑީޕީ ސަރުކާރުން ވީ އެއްބަސްވުމެއް ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލައިގައި ދައުލަތުން 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ދަމަހައްޓައިފަ އެވެ.
އާންމުން ފިއްކަނޑައިގެން ދާ ވަރުގެ މި ބޮޑު އަދަދު އެރި ގޮތެއް ވެސް ނޭނގެ އެވެ. އަދި އުތުރު ޕްރޮވިންސްގައި އެ ކުންފުނިން ފެރީގެ ޚިދުމަތް ދޭން ކުރި އިންވެސްޓްމެންޓެއް ވެސް ފެންނާކަށް ނެތެވެ. ހޭދައެއް ނުކޮށް އެކަމަކު ބަދަލެއްގެ ގޮތުން އެހާ ބޮޑު އަދަދުތަކެއްގެ ފައިސާ ރައްޔިތުންގެ މާލިއްޔާ އިން ދޭން ޖެހުމުން، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭޖީ ނިންމަވާފައި ވަނީ އަލުން އެ ހުކުމް މުރާޖައާ ކުރަން ސުޕްރީމް ކޯޓަށް ހުށައެޅުއްވުމަށެވެ.
ރިފްއަތު ވިދާޅުވީ ދައުލަތުގެ މާލިއްޔަތާ ގުޅޭ ކަންކަމުގައި އާންމު މަސްލަހަތު ވަރަށް ބޮޑަށް ޝާމިލްވާ އިރު، ކޯޓުތަކުން މައްސަލަތައް މައުޟޫއީ ގޮތެއްގައި ބަލައި ނިންމުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެފަދަ ބޮޑު އަދަދެއް އޮންނަން ވާނީ އޮޑިޓަރެއްގެ ރިޕޯޓަށް ބަލާފައި ނުވަތަ ތަފްސީލީ ގޮތެއްގައި އެކަންކަން އިވިލުއޭޓް ކުރުމަށް ފަހު ކަމަށްވާ އިރު، ސިވިލް ކޯޓާއި ސުޕްރީމް ކޯޓުން، ދީބާޖާ މައްސަލާގައި، ހުކުމް ކުރީ އެކަންކަމަށް އެއްވެސް ވަރަކަށް ރިއާޔަތްނުކޮށް ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.
"އެހެންވީމަ އެއީ އޭގެ ޒާތުގައި މައްސަލައެއް،" ރިފްއަތު ވިދާޅުވި އެވެ. އޭޖީގެ އިތުރުން، ތަޖުރިބާކާރު ގާނޫނީ ވަކީލު އަދި އެމްޑީޕީ ސަރުކާރުގައި އެޓާނީ ޖެނެރަލްކަން ވެސް ކުރެއްވި ހުސްނުއް ސުއޫދު ވެސް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމް މުރާޖައާކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އޭނާ ގަބޫލުކުރައްވާ ގޮތުގެ އިތުރު ތަފުސީލަކަށް ވަޑައެއް ނުގަންނަވަ އެވެ.
ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާއަށް އިންތިހާބު ވެފައިވާ އަހްމަދު އުޝާމަކީ އެޓާނީ ޖެނެރަލް އޮފީހުގައި މަސައްކަތްކުރެއްވި އިރު ދީބާޖާގެ މައްސަލާގައި އުޅުއްވި ބޭފުޅެކެވެ. އޭނާ ވިދާޅުވީ ދީބާޖާ އިންވެސްޓްމަންޓުން ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ހުށަހެޅި މައްސަލައިގައި ނުރަނގަޅު ކަންތައްތަކެއް އުޅޭކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމް ކުރުމުގެ ކުރިން ރިފްއަތުގެ ސަމާލުކަމަށް އެކަން ގެންނެވި ކަމަށް ވެސް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވި ގޮތުގައި މިދިޔަ ޑިސެމްބަރު މަހު އޭރު ސިވިލް ކޯޓުގެ ގާޒީިއެއް އޭނާ އަށް ގުޅުއްވައި އެ މައްސަލައާ ގުޅޭ މައުލޫމާތު ހޯދަން ސުވާލުކުރެއްވި ކަމަށެވެ. އެ ގާޒީގެ ވާހަކަތައް ހުރި ގޮތުން އެއީ ނުރަނގަޅު ކަމެއްކަން ފާހަގަކުރެވިގެން ރިފްއަތާ އެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން އެ ގާޒީއަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އެ މައްސަލައާ ގުޅޭ ގޮތުން ސިވިލް ކޯޓުގެ ގާޒީއެއް ބަލަން ޖެހޭ ކަންކަން ހުންނާނެ ކަމަށް ގަބޫލެއް ނުކުރެވެއޭ. އެހެންވެ އެކަމުގައި ނުރަނގަޅު ކަންތައްތަކެއް އުޅޭތީ އެކަން އޭޖީއަށް ދެންނެވިން،" އުޝާމް ވިދާޅުވި އެވެ.
މިފަދަ މައްސަލަތަކުގައި ކޯޓުތަކުން ހަމައެކަނި އަދަދުތަކެއްގެ މައްޗަށް ނުބަލައި، އެއީ އެ ކުރި ކަމަކާ އެކަށީގެންވާ ބަދަލެއްތޯ، މިހާރަށް ވުރެ ބޮޑަށް ވިސްނަން ޖެހޭނެ ކަމަށް، ގާނޫނީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ގަބޫލުކުރައްވަ އެވެ.
ބޮޑެތި އަދަދުތަކުން ބަދަލު ހޯދަން ކުންފުނިތަކުން ކޯޓަށް ދާނެ އެވެ. އަދި އެއްބަސްވުމެއް އުވާލާއިރު ދޭން ޖެހޭ ބަދަލެއް ވެސް އޮންނާނެ އެވެ. އެކަމަކު އެއީ އޭގެ ޒާތުގައި ހައްގު އެއްޗެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާ އިރު، އެ ކުންފުނިތަކުން ކުރީ ކޮން ކަމެއްތޯ، ނުވަތަ އިންވެސްޓްކުރީ ކޮން އެއްޗެއްތޯ ބެލުމުގެ ޒިންމާ، ކޯޓުތަކުގެ ބޮލުގައި ވެސް އެޅެ އެވެ. ސަބަބަކީ މި ދައްކަނީ މުޅި ރައްޔިތުންގެ ހައްގެއްގެ ވާހަކަ ކަމަށް ވާތީ އެވެ.
ބައެއް އާންމުންގެ ނަޒަރުގައި އެއްބަސްވުންތައް އުވާލާ ވެރިންގެ ވެސް ޒިންމާއެއް އޮންނަން ޖެހެ އެވެ. ދީބާޖާއަށް ފައިސާ ދައްކަން ޖެހުނު ހަބަރަށް އާއްމުން ކޮށްފައިވާ ކޮމެންޓްތަކުން އެކަން އެނގެ އެވެ.
"ވަހީދުއާ ހަވަލުކުރަން ވީނު ތި ލާރި ދައްކަން. އޭނާ ބުނެގެންނު ބާތިލްކުރީ،" ކިއުންތެރިޔަކު "މިހާރު"އަށް ކުރި ކޮމެންޓެއްގައި ވެ އެވެ.
"މައްސަލަތަކުގައި އުސޫލުތަކާ ހިލާފެވެގެން ދައުލަތުގެ މާލިއްޔާއިން ފައިސާދޭކަށް ނުޖެހޭނެ. ވަރުވަރުން މަގާމު ދީފައި، އިއްޒަތާ ނުކުޅަދާނަ ބޮޑު މުސާރަ ދީފައި މީހުން ތިބެނީ މިކަހަލަ ކަންކަން ވިޔަނުދޭން ޒިންމާކޮށްފައި،" އެހެން ކޮމެންޓެއްގައި ވެ އެވެ.
"ތިފައިސާ ދޭން ޖެހޭނީ މަގާމުތަކުގައި ޒިންމާ ނުނަގާ ތިބި ވެރިން. ދައުލަތެއް ނުދާން ކުށްކުރަމުންނެއް. [ތިއީ] ދައުލަތުގެ ފައިސާ ބަޔަކު ބޭނުންކުރަން ކުޅޭ ބޮޑެތި އުކުޅުތައް."
"ދީބާޖާ މައްސަލާގައި ނުރަނގަޅު ކަންތައްތަކެއް ހިނގި"
ދީބާޖާގެ ހުކުމް މުރާޖައާ ކުރަންޖެހޭ: ސުއޫދު
ދީބާޖާ މައްސަލާގައި ކުރި ހުކުމް މުރާޖައާ ކުރަން އެދެނީ
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން ފާސްކޮށްފި
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން އެދެނީ
ދީބާޖާގެ ބަދަލާ މެދު ޔައުގޫބުގެ ތުހުމަތު!
"ދީބާޖާ މައްސަލަ ސުޕްރީމްކޯޓަށް ހުށަހެޅިތޯ ބަލަންޖެހޭ"
ދީބާޖާ މައްސަލައިގެ ހުކުމް ތަންފީޒު މަރުހަލާ ފަށަނީ
ދީބާޖާގެ މައްސަލަ ހައްލުކުރަން އޭޖީން އެދުނު ސިޓީއެއް
ދީބާޖާ އަށް ދައުލަތުން 348 މިލިއަން ދޭން ޖެހިއްޖެ