ފެހުރިހި ބަލަންދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އަޅުވަން ޖެހޭ ގޮތަށް ހަދައި، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ އުސޫލަށް އަމަލުކުރަން ޖެހޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
18 ޖެނުއަރީ 2025
ފެހުރިހި ބަލަންދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އަޅުވަން ޖެހޭ ގޮތަށް ހަދައި، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ އުސޫލަށް އަމަލުކުރަން ޖެހޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ތޯރިގު ރޭ އެހެން ވިދާޅުވީ، އދ. އަތޮޅުގައި އޮންނަ ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) އަކީ ޓޫރިސްޓުންގެ މެދުގައި އެންމެ "ހޮޓް ސްޕޮޓް" ކަމަށް ވާއިރު އެ ތަނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. އެއީ ފެހުރިހި ބެލުމަށްޓަކައި ކޮންމެ އަހަރަކު ވެސް އެތައް ހާސް ޓޫރިސްޓުންނެއް ޒިޔާރާތްކުރާ ސަރަހައްދެކެވެ.
އެކަމަކު "ސަމްޕާ" މެނޭޖު ކުރުމަށް އެކި ސަރުކާރުތަކުން މަސައްކަތް ކޮށްފައި ވިޔަސް މިހާތަނަށް ނަތީޖާއެއް ނެރެވިފައި ނުވާ ކަމަށް ތޯރިގު ވިދާޅުވި އެވެ.
އެ ސަރަހައްދަށް އެއްފަހަރާ ސަތޭކައެއްހާ ޓޫރިސްޓުން ފަައިބައި ފެހުރި ބަލަން އުޅެ އެވެ. އެކަމަކު، އެ މީހުންނަށް އަޅާލާނެ ބަޔަކު ގިނަ ފަހަރަށް ކައިރީގައި ނުތިބޭ ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ. އެއްވެސް އުސޫލެއް ނެތި އެކަން ކުރަމުން ގެންދާއިރު ގެސްޓުން ފީނަމުން ދަނިކޮށް އެ ސަރަހައްދަށް ލޯންޗުތަކާއި ސަފާރީތައް ވަދެ ހަދަ އެވެ.
ކަނޑު އުޅަނދުތަކުގެ ބުފަރަތީގައި ޖެހުމުގެ ހާދިސާތަކުގައި މި ފަހުން ދެ ޓޫރިސްޓަކު މަރުވިއިރު، ފެހުރިހީގެ ގައިގައި ބުރަފަތިން ޖެހި ކޮށާލައި އެކި ޒަހަމްތައް ލިބިފައި ހުންނަ މަންޒަރު ވެސް ފެންނަ ކަމަށް ތޯރިގު ވިދާޅުވި އެވެ.
އެހެންވެ، މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މަސައްކަތް ކުރީ "ސަމްޕާ" ހިމެނޭ ސަރަހައްދުގެ ރަށްތަކުގެ ކައުންސިލުތަކާއި އާންމުންނާއި ގެސްޓް ހައުސްތަކާއި ރިސޯޓުތަކުގެ އިތުރުން ސަފާރީތައް ހިންގާ ފަރާތްތަކާއި އެކި އެސޯސިއޭޝަންތަކާ މަޝްވަރާކޮށް، އެ ސަރަހައްދު ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ކަމަށް ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، ބުރަފަތީގައި ގާޑު އަޅުވައިގެން އެ ސަރަހައްދަށް ވަންނަން ޖެހޭ ގޮތަށް ހަދާފައިވާ ގަވާއިދު ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އާންމު ކުރާނެ އެވެ. އެ ގަވާއިދަށް ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި އަމަލުކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
ޓޫރިސްޓުން ގޮވައިގެން ގޮސް އުޅޭ ގޮތް މޮނިޓާ ކުރުމަށް ހާއްސަ ލޯންޗެއް ވެސް އެ ގަވާއިދުގެ ދަށުން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތިން މަސް ދުވަހު އުޅަނދުތައް ރަޖިސްޓްރީ ކުރެވި، އުޅަނދުގެ ތިބޭ މީހުންނަކީ ޓްރެއިން ވެފައި ތިބި ބަޔަކަށް ހެދި، ބުރަފަތީގައި ގާޑާ އެއްޗެހި އެޅުވި މި ސޭފް، ސެކިއުއާ ތަނަކަށް ހެދިގެން، ވޭލް ޝާކް ބެލޭނެ އިންތިޒާމު ހަމަޖެއްސޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ އެ ގަވާއިދުގެ ދަށުން ޓޫރިސްޓުން ގޮވައިގެން ފެހުރިހި ބަލަންދާ އުޅަނދުތައް ވެސް ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށެވެ. ދޯނީގައި ތިބޭ މީހުންނަކީ ވެސް ތަމްރީނު ވެފައިވާ ބަޔަކަށް ވާން ޖެހެ އެވެ. އެ ސަރަހައްދުގައި ލޯންޗު ދުއްވޭނެ ސްޕީޑުތައް ވެސް ގަވައިދުގައި ހިމެނޭނެ އެވެ. އަދި ކޮންމެ ގައިޑަކާ އެކު، ފެހުރިހި ބަލަން އެއްފަހަރާ ފަސް ޓޫރިސްޓުންނަށް ކަމަށް ގަވާއިދު ވަނީ ހިމަނައިފަ އެވެ.
އެ ގަވާއިދަށް އަމަލު ނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް މިނިސްޓަރު ދެއްވި އެވެ. އެކަމާ ގުޅޭ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ތޯރިގު ވިދާޅުވެ އެވެ.
މުޅި އަހަރު އެއްކޮށް ފެހުރިހި ފެންނަ "ސަމްޕާ" ސަރަހައްދުގެ ބޮޑުމިނަކީ 140 ކިލޯމީޓަރެވެ.
ފެހުރިއްސާއި އެ ތަކެތީގެ މާހައުލުތައް ހިމާޔަތްކޮށް، ރައްކާތެރިކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި އެންމެ ފުރަތަމަ އާންމުކުރީ ޖޫން 5، 2009 ގަ އެވެ. އެ އުސޫލަށް މިހާރު ބޮޑު ބަދަލެއް ގެނެސް މިދިޔަ އަހަރު ވަނީ އާ އުސޫލެއް އާންމުކޮށްފަ އެވެ.
އެ އުސޫލުގައި ވަނީ ފެހުރިހީގެ ތަބީއަތު ދަމަހައްޓައި އެ ތަކެއްޗަށާއި މާހައުލަށް ބުރޫނާރާނެހެން ކަނޑު އުޅަނދުފަހަރުތަކުގެ ހަރަކާތްތައް ބަހައްޓަންވީ ގޮތް ވެސް ބަޔާންކޮށްފަ އެވެ.
ފެހުރިހީގެ ވަށައިގެންވާ 250 މީޓަރުގެ ސަރަހައްދަކީ ކޮންޓެކްޓް ޒޯން ކަމަށާއި އެ ޒޯނުގައި ހަރަކާތްތެރިވެވޭނީ ފަހަރަކު ތިން އުޅަނދަށް ކަމަށް އުސޫލުގައި ވެ އެވެ. އަދި އެ ކޮންޓެކްޓް ޒޯނުގައި ގަޑިއަކު ފަސް ނޮޓަށް ވުރެ ބާރުމިނުގައި އުޅަނދު ދުއްވައިގެން ނުވާނެ އެވެ. ފެހުރިހީގެ 50 މީޓަރު ބައުންޑްރީ ތެރޭގައި އުޅަނދުތަކުގެ ބާރުމިން ބަހައްޓަން ވާނީ ގަޑިއަކު ދެ ނޮޓުގަ އެވެ. ނަމަވެސް، ސަލާމަތީ ހާލަތްތަކުގައި ކޮންޓެކްޓް ޒޯނު ނުކުތުމަށް ގަޑިއަކު ފަސް ނޮޓަށް ވުރެ ބާރަށް ދުއްވަން ޖެހިއްޖެ ހާލަތުގައި އެ ޒޯނުން ވީހާ ވެސް އަވަހަކަށް ނުކުމެވޭނެ އެވެ.
ފެހުރިއްސަކީ ޖުލައި 2016 ގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން)ގެ ރެޑް ލިސްޓް އޮފް ތުރެޓަންޑް ސްޕީޝީސްގައި ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރުމެއް ކަމަށް ކަނޑައަޅާފައިވާ ދިރުމެކެވެ.
އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އެޅުވުން މަޖުބޫރުކޮށްފި
ރާއްޖޭގައި ފެހުރިއްސަށް ގޯނާކުރުން އިތުރުވޭ: މިނިސްޓަރު
ދެ މިނިސްޓްރީ ރަނގަޅަށް ބެލެހެއްޓޭނެ: ތޯރިގް
ލަނޑުދަނޑިތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އެހީދޭންޖެހޭ
ޕަރީފެންގަނޑުގައި ވިއުއިން ޕްލެޓްފޯމެއް ހަދަނީ
ފެހުރިހި ހިމާޔަތްކުރުމާ ގުޅޭ އާ އުސޫލެއް ހަދައިފި
1.3 މިލިއަން ގަސް އިންދަން ޝައުގުވެރިކަން ފާޅުކޮށްފި
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ
ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ގާނޫނުގެ ދަށަށް
20 ރަށެއްގެ ނަރުދަމާ އެއްބަސްވުން ބާތިލު:އޭސީސީ