Roadha Mihaaru
1.3 މިލިއަން ގަސް އިންދަން ޝައުގުވެރިކަން ފާޅުކޮށްފި

އަމިއްލަ ފަރާތްތަކުން 1.3 މިލިއަން ގަސް އިންދަން ޝައުގުވެރިކަން ފާޅުކޮށްފި

11 ޖުލައި 2024

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެކި ރަށްރަށުގައި 1.3 މިލިއަން ގަސް އިންދަން އަމިއްލަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެކި ރަށްރަށުގައި 1.3 މިލިއަން ގަސް އިންދަން އަމިއްލަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ މި އަހަރުގެ ތިމާވެށީގެ ދުވަހާ ދިމާކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށި ފަސްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި، އެ ދުވަހު އެކަނި ވެސް 300،000 އަށް ވުރެ ގިނަ ގަސް އިންދާފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަމިއްލަ ފަރާތްތަކުން މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޖެހެނީ މިނިސްޓްރީގެ ވެބްސައިޓްގައިވާ ފޯމެއް ފުރާށެވެ. އަދި އިންދަން ގަސްތުކުރާ ގަސްތަކުގެ އަދަދާއި ގަހުގެ ބާވަތާއި ގަސް އިންދާ ލޮކޭޝަން އެނގޭނެ ގޮތަށް ޕްލެޖެއް ކުރަން ޖެހެ އެވެ.

"މިހާތަަނަށް އެކި ފަރާތްތަކުން ވަނީ 1.3 މިލިއަނަށް ވުރެ ގިނަ ގަސް އިންދަން ޕްލެޖުކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ތޯރިގް އިބްރާހިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ތޯރިގް އިބްރާހިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތޯރިގް ވިދާޅުވި ގޮތުގައި ގަސް އިންދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ރިސޯޓްތަކާއި މަދަނީ ޖަމިއްޔާތަކާއި އަދި ސްކޫލްތައް ވެސް ހިމެނެ އެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރައީސް މުއިއްޒު އިއުލާންކުރެއްވީ، މިދިޔަ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި "ކޮޕް28"ގައި ދެއްވި ތަގުރީރުގަ އެވެ.

މި ޕްރޮގްރާމްގައި އިސްކަންދެނީ ރާއްޖެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ ގަސްތައް އިންދުމަށެވެ.