Roadha Mihaaru

ފެހުރިހި ބަލަން ޓޫރިސްޓުން ގެންދާ ނަމަ ބުރަފަތީގައި ގާޑު އެޅުވުން މަޖުބޫރުކޮށްފި

"ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ސަރަހައްދަށް ފެހުރިހި ބަލަން ޓޫރިސްޓުން ގޮވައިގެން ދާ ނަމަ އެ އުޅަނދެއްގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އެޅުވުން ސަރުކާރުން މަޖުބޫރުކޮށްފި އެވެ.

އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އެޅުވުން މަޖުބޫރުކޮށްފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

01 ފެބުރުއަރީ 2025

"ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ސަރަހައްދަށް ފެހުރިހި ބަލަން ޓޫރިސްޓުން ގޮވައިގެން ދާ ނަމަ އެ އުޅަނދެއްގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އެޅުވުން ސަރުކާރުން މަޖުބޫރުކޮށްފި އެވެ.

މީގެ ހަ އަހަރު ކުރިން 2009 ގައި ހިމާޔަތްކުރި ސަމްޕާއަކީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެކެވެ. އެއީ ފެހުރިހި ކާނާ ހޯދަން ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފެހުރިހި އުޅޭ ސަރަހައްދެވެ.

އެ ސަރަހައްދަށް ޓޫރިސްޓުން ގޮވައިގެން ގޮސް އުޅެނިކޮށް އެކި ކަހަލަ ހިތާމަވެރި ހާދިސާތައް ހިނގާފައި ވެ އެވެ. މި ފަހުން ވެސް ވަނީ ޓޫރިސްޓެއްގެ ގައިމަތިން ލޯންޗެއް ދިއުމުގެ ސަބަބުން އެ މީހާ މަރުވެފަ އެވެ.

އެންވަޔަރަންމަންޓަލް މިނިސްޓްރީން މިއަދު އާންމުކުރި ޕްލޭންގައި ވަނީ، ފެހުރިހި ބަލަން ޓޫރިސްޓުން ގޮވައިގެން ސަންޕާ އަށް ދާ ކޮންމެ އުޅަނދެއްގެ ބުރަފަތީގައި ކުރިއަށް އޮތް ތިން މަސް ތެރޭގައި ޕްރޮޕެލާ ގާޑު އެޅުވުން ލާޒިމްކޮށްފަ އެވެ. އަދި އެ ޕްލޭނަށް އަމަލުކުރަން ފަށާތާ 12 މަސް ތެރޭގައި އެހެނިހެން އުޅަނދުތަކުން ވެސް ގާޑު ހަރުކުރުން ވަނީ މަޖުބޫރު ކޮށްފަ އެވެ.

ޕްލޭންގައި މަޖުބޫރު ކޮށްފައިވާ އެއް ކަމަކީ ސަމްޕާ ސަރަހައްދުގައި ސްނޯކަލް އަދި ޑައިވިން އަށް މީހުން ގެންދާ އުޅަނދުތައް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގައި ރަޖިސްޓަރީ ކުރުމެވެ. "ވަންގަވް" މެދުވެރިކޮށް އެ އުޅަނދުތައް އީޕީއޭގައި ރަޖިސްޓަރީ ވާން ދީފައި ވަނީ މިއަދުން ފެށިގެން ތިން މަސް ދުވަހެވެ.

އދ. އަތޮޅުގެ ވޭލް ޝާކް ޕޮއިންޓަށް ފެހުރިހި ބަލަން ދިޔަ ޓޫރިސްޓުންތަކެއް ތޮއްޖެހިފައި -- ވީޑިއޯ ސްކްރީންޝޮޓް: ޖެފް ރޯޒް / ޓުވިޓާ

އދ. އަތޮޅުގެ ވޭލް ޝާކް ޕޮއިންޓަށް ފެހުރިހި ބަލަން ދިޔަ ޓޫރިސްޓުންތަކެއް ތޮއްޖެހިފައި -- ވީޑިއޯ ސްކްރީންޝޮޓް: ޖެފް ރޯޒް / ޓުވިޓާ

އެ ސަރަހައްދުގެ މޫދަށް އެންމެ ގިނަވެގެން އެއްފަހަރާ ފައިބައިގެން އުޅެވޭނީ 60 މީހުންނަށެވެ. އަދި ސަމްޕާ ސަރަހައްދަށް ފައިބައިގެން އުޅެވޭނީ އެންމެ ކައިރީގައި އޮންނަ ހަތަރު އުޅަނދަކުން ކަމަށް ވެސް ޕްލޭނުގައި ވެ އެވެ.

މުޅި އަހަރު އެއްކޮށް ފެހުރިހި ފެންނަ "ސަމްޕާ" ސަރަހައްދުގެ ބޮޑުމިނަކީ 140 ކިލޯމީޓަރެވެ.

ފެހުރިހީގެ ވަށައިގެންވާ 250 މީޓަރުގެ ސަރަހައްދަކީ ކޮންޓެކްޓް ޒޯން ކަމަށާއި އެ ޒޯނުގައި ހަރަކާތްތެރިވެވޭނީ ފަހަރަކު ތިން އުޅަނދަށް ކަމަށް އުސޫލުގައި ވެ އެވެ. އެ ކޮންޓެކްޓް ޒޯނުގައި ގަޑިއަކު ފަސް ނޮޓަށް ވުރެ ބާރުމިނުގައި އުޅަނދު ދުއްވުމަކީ މަނާ ކަމެކެވެ. ފެހުރިހީގެ 50 މީޓަރު ބައުންޑްރީ ތެރޭގައި އުޅަނދުތަކުގެ ބާރުމިން ބަހައްޓަން ވާނީ ގަޑިއަކު ދެ ނޮޓުގަ އެވެ. ނަމަވެސް، ސަލާމަތީ ހާލަތްތަކުގައި ކޮންޓެކްޓް ޒޯނު ނުކުތުމަށް ގަޑިއަކު ފަސް ނޮޓަށް ވުރެ ބާރަށް ދުއްވަން ޖެހިއްޖެ ހާލަތުގައި އެ ޒޯނުން ވީހާ ވެސް އަވަހަކަށް ނުކުމެވޭނެ އެވެ.

ފެހުރިއްސަކީ ޖުލައި 2016 ގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ރެޑް ލިސްޓް އޮފް ތުރެޓަންޑް ސްޕީޝީސްގައި ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރުމެއް ކަމަށް ކަނޑައަޅާފައިވާ ދިރުމެކެވެ.