Roadha Mihaaru

ޔާމީންގެ ޝަރީއަތަށް އާ ހެއްކި ބަލައިގަތުމާ ގުޅޭ މައްސަލަ ހުކުމާ ހަމައަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ ތެރެއިން ފަހުން ލިބުނު ހެކިތަކުގެ ގޮތުގައި ދައުލަތުން ހުށަހެޅި ކަންކަން ބަލައިނުގަނެ، އެއްފަރާތް ކުރަން ހައި ކޯޓުން އެންގި އެންގުން ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

އާ ހެކި ބަލައިގަތުމާ ގުޅޭ މައްސަލަ ހުކުމާ ހަމައަށް
ނާޒިމް ހަސަން
ނާޒިމް ހަސަން

20 ޖެނުއަރީ 2025

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ ތެރެއިން ފަހުން ލިބުނު ހެކިތަކުގެ ގޮތުގައި ދައުލަތުން ހުށަހެޅި ކަންކަން ބަލައިނުގަނެ، އެއްފަރާތް ކުރަން ހައި ކޯޓުން އެންގި އެންގުން ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީންގެ މައްޗަށް ހިންގި ޝަރީއަތުގައި ހެކިންގެ ހެކިބަހާ ގުޅޭ ކަންތައްތަކާ ގުޅޭ ގޮތުން އާ ހެކި ދައުލަތުން ހުށަހެޅި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހުށަހެޅި އެ ހެކިތައް އޭރު ކްރިމިނަލް ކޯޓުން ބަލައިގަތެވެ. ނަމަވެސް، މައްސަލައިގެ އިސްތިއުނާފުގައި ހައި ކޯޓުން ކަނޑައަޅާފައިވަނީ ކްރިމިނަލް ކޯޓުން ފަހުން ހުށަހެޅި ހެކިތައް ބަލައިގަތީ ގޯސްކޮށް ކަމަށެވެ.

ހައި ކޯޓުން ވަނީ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލްކޮށް، އާ ހެކިތައް އެއް ފަރާތްކުރުމަށް ފަހު، އަލުން ޝަރީއަތް ހިންގަން އަމުރުކޮށްފަ އެވެ. އެހެންވެ، އާ ހެކި އެއްފަރާތް ކުރަން ހައި ކޯޓުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ އެވެ.

މި މައްސަލާގައި ދައުލަތުން އާ ހެކި ހުށަހަޅަން ބޭނުންވީ، ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ދިފާއީ ހެއްކެއް ކަމަށްވާ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ދެއްވި ހެކި ބަހަކީ ކަނޑައެޅިގެން ދޮގެއް ކަން ސާބިތު ކުރުމަށް ކަމަށް ބުނެ އެވެ. އޭސީސީގެ ތަހުގީގަށް ލިބުނު ރައީސް އޮފީހުގެ ސިޓީތަކަކާއި އިކޮނޮމިކް ކައުންސިލްގެ ސޮއިކޮށްފައިވާ ޔައުމިއްޔާއަކާއި އެއާ ގުޅޭ ތަހުލީލެއް ވެސް ހުށަހަޅަން އެދުނެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ، ޝަރީއަތުގެ ކޮންމެ މަރުހަލާއެއްގައި ވެސް ހެކި ހާމަކުރަން ފުރުސަތު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެބައޮތް ކަމަށެވެ. އާ ހެކިތަކެއް ހުށަހަޅަން ޖެހުނު ސަަބަބަކީ ހެކިވެރިއެއް ސީދާ ކަނޑައެޅިގެން ދޮގު ހެދިކަން އެނގި ހުރެ، އެކަން ސާބިތު ކުރަން ބޭނުންވާތީ ކަމަށް ވިދާޅުވި އެވެ.

އެ ފުރުސަތު ނުދީފި ނަމަ އިންސާފުވެރިކަން ގެއްލިގެންދާނެ ކަމަށާއި އެއީ މިހާރު ވެސް ހާމަކޮށްފައި ހުރި ހެކިތަކެއް ކަމުން، އެ އަށް ރިއާޔަތް ކުރުމުގެ ފުރުސަތު ދަށު ކޯޓަށް ދޭން ޖެހޭނެ ކަމަށް ޝަފީއު ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި، ތަހުގީގު މަރުހަލާގައި ހަނު ހުރުމަށް ފަހު، ޝަރީއަތުގައި ދިފާއުއެއްގެ ގޮތުގައި ޑޮލަރު މާރުކުރީ ކަމަށް ބުނުމަކީ ދިފާއުގައި ހުށަހެޅި ހެކިތަކާ މެދު ޝައްކު އުފެދޭ ކަމެކެވެ.

ދައުލަތުން އާ ހެކިތަކެއް ތައާރަފް ކުރަން ފުރުސަތު ލިބުނީ ވެސް އެހެންވެ ކަމަށް ވަކީލް ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ އާ ހެކިތައް ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ އެއާ ގުޅޭ ގޮތުން ވާހަކަ ދައްކަން ދަށު ކޯޓުން ފުރުސަތު ދީފައި ނެތުމުން ކަމަށާއި އެއީ އިޖުރާތް ފުރިހަމަ ނުވެ އޮތުން ކަމަށެވެ. އެހެންކަމުން، އެ އިޖުރާއަތް ފުރިހަމަ ކުރަން ދަށު ކޯޓަށް ފުރުސަތު ދެވެން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގީ ވެސް ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދީފައި ނެތުމުން ކަމަށް ވާތީ، އެ އިޖުރާއަތް ރަނގަޅު ކުރަން ފުރުސަތު ދިން ގޮތަށް، އާ ހެއްކާ ގުޅޭ އިޖުރާއަތް ވެސް ރަނގަޅު ކުރެވޭނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

އެހެން ނޫން ނަމަ، އޮންނާނީ ވަރަށް ނާއިންސާފެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީންގެ ވަކީލް ހަމްޒާ ލަތީފް ވަނީ ދައުލަތުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވައި، ދައުލަތުން އެދޭ ގޮތަށް އެ ކަން ފަހިކޮށް ނުދިނުމަށް ސުޕްރީމް ކޯޓުގައި އެދިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ވަގުތެއްގައި ވެސް ހެކި ހުށަހެޅިދާނެ ކަމަށް ގަބޫލު ކުރުމަކީ މި ޒަމާނުގައި ޝަރީއަތް ކުރުމުގެ ވިސްނުމެއް ނޫނެވެ. ޝަރީއަތް ކުރުމުގެ މަރުހަލާތަކަކީ ވަކި ގޮތަކަށް ބަހާލާފައިވާ ކަމެއް ކަމަށާއި ހެކި ހާމަކުރުން އޮތީ އިބްތިދާއީ މަރުހަލާގައި ކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ފަހުން ހެކި ހާމަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހަމްޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޝަރީއަތް ނިމުމަށް ފަހު ވެސް ހެކި ހުށަހަޅަން ފުރުސަތު އޮތީ ވެސް ވަރަށް ހައްސާސީ ހާލަތެއްގައި އެކަންޏެވެ. އެއީ އިންސާފަށް ކޮންމެހެން ވާސިލްވާން މުހިންމު ހެއްކެއް ކަމަށްވާ ނަމަ ނުވަތަ ޑީއެންއޭ ފަދަ ހެއްކެއް ތައާރަފްވާ ހާލަތުގަ އެވެ. އެކަމަކު، މި މައްސަލާގައި ދައުލަތުން އާ ހެކިތަކެއް ހުށަހަޅާފައިވަނީ މައްސަލައިގެ ހަގީގަތެއް ސާބިތު ކުރަން ނޫން ކަމަށާއި އެއީ ހަމައެކަނި ހެއްކެއް ދެއްކި ވާހަކަތަކެއް ނަފީ ކުރަން ހުށަހެޅި ހެކިތަކެއް ކަން ހަމްޒާ ވެސް ފާހަގަކުރެއްވި އެވެ.

ހަމްޒާ ވިދާޅުވީ ޔާމީންގެ ފަރާތްޕުޅުން ދިފާއުގައި ޑޮލަރު މާރުކުރީ ކަމަށް ވިދާޅުވީ ވެސް އިބްތިދާއީ މަރުހަލާގައި ކަމަށާއި އެއާ ގުޅިގެން ތަފްސީލު ހާމަކުރަން އެދުމުގެ ފުރުސަތު އިބްތިދާއީ މަރުހަލާގައި ވެސް ދައުލަތަށް އޮތް ކަމަށެވެ. ނަމަވެސް، އެކަން ނުކޮށް ދައުލަތުން ދޫކޮށްލުމަށް ފަހު، އާ ހެކި ހުށަހަޅަން ޖެހުނީ މާ ފަހުން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ހަމްޒާ ވިދާޅުވި އެވެ.

ދައުލަތުން އެދޭ ގޮތަށް ހެކި ހުށަހަޅަން ކޮންމެ މަރުހަލާއެއްގައި ދެވޭ ގޮތަށް މާނަކޮށްފި ނަމަ، މިކަން ވާނީ ނިމުމެއް ނެތް ކަމެއް ކަމަށް ހަމްޒާ ވިދާޅުވި އެވެ. އެހެންވެ، މި މައްސަލާގެ އިސްތިއުނާފު ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގައި އޭނާ އެދިވަޑައިގަތެވެ.

ހަމްޒާ ވިދާޅުވީ ދައުލަތުން ލޫޕް ހޯލެއްގެ ތެރޭގައި މައްސަލަ ކުރިއަށް ގެންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މި ރޯލާކޯސްޓާގެ ތެރޭގައި އޭނާގެ މުވައްކިލް ޔާމީން މިހާރު ވަރުބަލިވެފައިވާ ކަމަށެވެ. މިގޮތަށް މީހުން ވަރުބަލިކޮށްލައި، ދައުލަތުން ކުރާ ދައުވާތަކަށް އިއުތިރާފު ކޮށްގެން ޝަރީއަތް ކުރި ޒާމާން ގޮސްފި ކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ.

ޝަރީއަތުން ބައެއް ކަންކަން ސާފުކުރުމަށް ފަހު، މިއަދުގެ އަޑުއެހުން ނިންމައިލި އެވެ. ދެން އޮންނާނީ މި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ އަޑުއެހުން ކަން އިއުލާން ކުރި އެވެ.

އާރަށުގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަލުން ވަނީ ފަށައިފަ އެވެ. ނަމަވެސް، ސުޕްރީމް ކޯޓުގައި އާ ހެކިތަކުގެ މައްސަަލަ ނުނިމި އޮއްވައި ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ޔާމީންގެ ވަކީލުން ވަނީ ވިިދާޅުވުމުން، އެކަމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ވަނީ ސުޕްރީމް ކޯޓުން މައްސަލަ ނިމެންދެން ޝަރީއަތް މަޑުޖައްސާލަން ނިންމައިފަ އެވެ.

ޔާމީންގެ ފަރާތްޕުޅުން ވަނީ ދައުވާތައް ރިވިއުކޮށް ދޭން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފަ އެވެ.

ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް އެ މައްސަލާގައި އިއްވި ޖަލު ހުކުމް ހައި ކޯޓުން އޮތީ ބާތިލްކޮށްފަ އެވެ.