Roadha Mihaaru

ތުލުސްދޫގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ކައުންސިލްގެ ބޮޑު ޓީމެއް ތައިލެންޑަށް

ޓޫރިޒަމް ޕްރޮމޯޓުކުރަން ކ. ތުލުސްދޫ ކައުންސިލްގެ ބޮޑު ވަފުދެއް ތައިލެންޑަށް އިއްޔެ ހިނގައްޖެ އެވެ.

ތުލުސްދޫ ޕްރޮމޯޓްކުރަން ކައުންސިލްގެ ޓީމެއް ތައިލެންޑަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

22 ޖެނުއަރީ 2025

ޓޫރިޒަމް ޕްރޮމޯޓުކުރަން ކ. ތުލުސްދޫ ކައުންސިލްގެ ބޮޑު ވަފުދެއް ތައިލެންޑަށް އިއްޔެ ހިނގައްޖެ އެވެ.

ތައިލެންޑުގެ ރޯޑްޝޯގައި ބައިވެރިވުމަށް ހަފުތާއަކަށް ކުރާ ދަތުރުގައި ކައުންސިލްގެ ރައީސާއި ނައިބު ރައީސް ހިމެނޭގޮތަށް ހަތަރު ކައުންސިލަރުންނާއި އިދާރީ ތިން މުވައްޒަފުން ބައިވެރިވެ އެވެ.

އެ މުވައްޒަފުންގެ ޓިކެޓާއި ހުރުމާއި ކެއުމުގެ ހަރަދު ކައުންސިލުން ހަމަޖެއްސުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ. އެކަމަކު، އިތުރު ތަފްސީލެއް ނުލިބެ އެވެ.

ތުލުސްދޫއަކީ ލޯކަލް ޓޫރިޒަމްގައި ކުރިއަރުމުން އަންނަ އެއް ރަށެވެ. އެ ރަށުގައި މިހާރު ވެސް 30 އަށްވުރެ ގިނަ ގެސްޓްހައުސް ހިންގަ އެވެ.

ޓޫރިޒަމް ޕްރޮމޯޓުކުރަން ތުލުސްދޫ ކައުންސިލްގެ ޓީމެއް ތައިލެންޑަށް ދިޔައިރު، މިދިޔަ ނޮވެމްބަރު މަހު ބޭއްވި ވޯލްޑް ޓްރެވެލް މާކެޓުގައި އައްޑޫ ޕްރޮމޯޓުކުރަން ސިޓީ ކައުންސިލްގެ ބޮޑު ވަފުދެއް އިނގިރޭސިވިލާތަށް ދިއުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

އެ ދަތުރުގައި ބައިވެރިވި 10 މީހުންގެ ދަތުރަށް ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ.