Roadha Mihaaru
300 މިލިއަން ޑޮލަރުގެ ކްރޮސްރޯޑްސް ހުޅުވައިފި

300 މިލިއަން ޑޮލަރުގެ ކްރޮސްރޯޑްސް ހުޅުވައިފި

19 ސެޕްޓެމްބަރ 2019

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއު، އެނބޫދޫ ފަޅު ހިއްކައިގެން ހެދި ހިތްގައިމު، ކްރޮސްރޯޑްސް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއު، އެނބޫދޫ ފަޅު ހިއްކައިގެން ހެދި ހިތްގައިމު، ކްރޮސްރޯޑްސް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މާލޭގެ ދެކުނު ފަރާތުން ފުރަތަމަ އަށް އޮންނަ ބޮޑު ފަޅުގައި ޖުމްލަ ނުވަ ރަށް ހިމެނޭ ގޮތަށް ޑިޒައިންކުރި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ދެ ރިސޯޓް ކަމަށް ވާ ހާޑް ރޮކް ހޮޓެލް އާއި ހިލްޓަންގެ ސައި މޯލްޑިވްސް ލެގޫން ވެސް، މިއަދު ނައިބު ރައީސް ފައިސަލް ނަސީމް ޝަރަފުވެރިކޮށްދެއްވި ހަފުލާއަށް ފަހު ރަސްމީކޮށް ހުޅުވުނީ އެވެ.

މީގެ ތެރެއިން ހާޑް ރޮކްގައި 178 ރޫމް، ހިލްޓަންގެ ސައި ލެގޫންގައި 198 ރޫމް ތަރައްގީކޮށްފައިވެ އެވެ.

ލޯންޗެއްގައި 15 ވަރަކަށް މިނެޓް ތެރޭ ދެވޭ ކްރޮސްރޯޑްސްގައި އެއް ފަހަރާ 30 ޔޮޓް ބަނދަރުކުރެވޭ ޔޮޓް މެރީނާއެއް ހިމެނެ އެވެ. މި ޔޮޓް މެރީނާ އިން ކްރޮސްރޯޑްސްގެ މަލަމަތި ވަރަށް ހިތްގައިމުކޮށްދެ އެވެ. އެތަނުގެ ވަށައިގެން ހުންނަނީ ފިހާރަތަކަށް ހާއްސަ އިމާރާތްތަކެވެ.

ރީނދުލާއި ނުލާއި އަޅި ކުލަ އާއި އޮރެންޖް ކުލައިގެ ރެސްޓޯރެންޓްތަކާއި ފިހާރަތަކުގެ އިމާރާތްތައް ހިމެނޭ "ދަ މެރީނާ އެޓް ކްރޮސްރޯޑްސް" އޮންނާނީ އެންމެންނަށް ވެސް ހުޅުވާލައިފަ އެވެ. އާންމުންނާއި ކުޑަކުދިންނަށް ހާއްސަ ކޮށްފައިވާ ތަންތަން މި ސަރަހައްދުގައި ގިނަ އެވެ. އެގޮތުން މޯލްޑިވްސް ޑިސްކަވަރީ ސެންޓަރުން ދިވެހިންގެ ސަގާފަތާއި ތަރިކަ އާއި އާދަކާދަތައް ކިޔައިދެ އެވެ.

ކްރޮސްރޯޑްސްގެ މެރީނާ ސަރަހައްދު-- ފޮޓޯ:ހުސައިން ވަހީދު/ މިހާހު

ކްރޮސްރޯޑްސްގެ މެރީނާ ސަރަހައްދު-- ފޮޓޯ:ހުސައިން ވަހީދު/ މިހާހު

މާލެ އާއި ކްރޮސްރޯޑްސްއާ ދެމެދު ހާއްސަ ފެރީތަކެއް ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން ރޭގަނޑު 12އާ ދެމެދު އޮންނާނެ އެވެ.

މިއަދު ހުޅުވި ތަންތަނުގެ ތެރޭގައި ކަނޑުގެ ދިރުންތަކަށް ހާއްސަ މެރިން ޑިސްކަވަރީ ސެންޓަރު ވެސް ހިމެނެ އެވެ. މިތަނުގައި ތައިލެންޑްގެ ތަޖުރިބާކާރެއްގެ އެހީގައި މުރަކައަށް ހާއްސަ ލެބޯރެޓްރީއެއް ހުރެ އެވެ.

ހާޑް ރޮކް ރިސޯޓަށް ދާން އޮންނަ ފާލަން -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ހާޑް ރޮކް ރިސޯޓަށް ދާން އޮންނަ ފާލަން -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ބައްދަލުވުންތަކާއި ހަފްލާތަކަށް ހާއްސަ ކޮށްފައިވާ ކްރޮސްރޯޑްސް އިވެންޓް ހޯލާއި ދުނިޔޭގެ މަޝްހޫރު ބީޗް ކްލަބުން ހިންގާ ކެފޭ ޑެލްމާގެ ހިދުމަތް ވެސް އެތަނުން ލިބޭނެ އެވެ. މެރީނާ ސަރަހައްދުގެ އެންމެ ހާއްސަ އެއް ތަނަކީ ކުޑަކުދިންނަށް ހާއްސަ ކޮށްފައިވާ "ކޮއިމަލާ އެންޑް މާލިމީސް ޖޫނިއާ ބީޗް ކްލަބް އެންޑް ކޭމްޕް" އެވެ. އެއީ ކުޑަކުދިންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ.

ތައިލެންޑް ކުންފުންޏެއްގެ ބޮޑު އިންވެސްޓްމަންޓެއް

ކްރޮސްރޯޑްސް ތަރައްގީކުރަނީ ތައިލެންޑުގައި ފުޅާ ދާއިރާއެއްގައި ރިއަލްއެސްޓޭޓްގެ ވިޔަފާރި ކުރާ ސިންހާ އެސްޓޭޓުންނެވެ. މުޅި މަޝްރޫއު ނިމޭ އިރު ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ފުރަތަމަ ފިޔަވަހި ނިންމާލީ 33 މަސް ދުވަހުންނެވެ.

ކްރޮސްރޯޑްސްގެ ހުރިހާ ރަށެއް ނިމޭ އިރު އެތަނުގައި 1،300 ޓޫރިސްޓް އެނދު ހުންނާނެ އެވެ. އަދި 3،000 ވަޒީފާ އުފެދޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.