Roadha Mihaaru
ބެންކޮކް އެއާވޭސް އިން ބެންކޮކަށް ދަތުރެއް ދެނީ

ވެކޭޝަންސް އެކްސްޕޯ އަށް ދާ މީހުންނަށް ބެންކޮކްގެ ދެކޮޅު ޓިކެޓް

02 ޖުލައި 2017

އަންނަ ހަފުތާގައި ފަށާ ވެކޭޝަންސް އެކްސްޕޯ އަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ދެ މީހަކަށް ދެކޮޅު ޓިކެޓް ދިނުމަށް ބެންކޮކް އެއާވޭސް އިން ނިންމައިފި އެވެ.

އަންނަ ހަފުތާގައި ފަށާ ވެކޭޝަންސް އެކްސްޕޯ އަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ދެ މީހަކަށް ދެކޮޅު ޓިކެޓް ދިނުމަށް ބެންކޮކް އެއާވޭސް އިން ނިންމައިފި އެވެ.

އަންނަ ބުރާސްފަތިދުވަހުން ފެށިގެން ހޮނިހިރުދުވަހުގެ ނިޔަލަށް ނެޝަނަލް އާޓް ގެލަރީގައި އޮންނަ ވެކޭޝަންސް އެކްސްޕޯގައި ބައިވެރިވާ އެ އެއާލައިނުން ވަނީ ބެންކޮކަށް ދެ މީހަކަށް ދެކޮޅު ޓިކެޓްގެ އިތުރުން މެހުމާނުން ހިތްހަމަޖައްސައި ދިނުމުގެ ގޮތުން ކޮންމެ ދުވަހަކު ޓްރެވަލް ކުއިޒެއް ވެސް ކުރިއަށް ގެންދަން ނިންމައިފަ އެވެ. މި ކުއިޒް ކާމިޔާބުކުރާ މީހުންނަށް ވެސް އިނާމު ލިބޭނެ ކަމަށް ބެންކޮކް އެއާވޭސް އިން ބުނެ އެވެ.

ރާއްޖެ އާއި ބެންކޮކާ ދެމެދު ކޮންމެ ދުވަހަކު ދަތުރުކުރާ އެއާލައިންގެ ޓިކެޓްގެ އަގުތަކާއި އަދި އެނޫން ވެސް ބައެއް މައުލޫމާތު ވެކޭޝަންސް އެކްސްޕޯގައި ދިނުމަށް ވަނީ ނިންމައިފަ އެވެ.

ހައި ރައިސް އިން އިންތިޒާމުކުރާ ވެކޭޝަންސް އެކްސްޕޯ އާންމުންނަށް ހުޅުވާލާނީ އަންނަ ބުރާސްފަތިދުވަހުގެ މެންދުރު ފަހު 2:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.

ވެކޭޝަންސް އެކްސްޕޯގެ ކޯސްޕޮންސަރަކަށް ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑް ވެސް މިހާރު ވަނީ ހަމަޖެހިފަ އެވެ.

މި އެކްސްޕޯގެ މަގްސަދަކީ ދަތުރުފަތުރުކުރުމާ ބެހޭ މައުލޫމާތު ދިވެހިންނާއި ރާއްޖޭގައި ވަޒީފާ އަދާކުރާ ބޭރު މީހުންނާ ހިއްސާކުރުމެވެ. ރާއްޖޭގެ ސަރަހައްދުތަކަށް ދަތުރުކުރަން އެންމެ ފަސޭހަ އަދި ފައިސާގެ ގޮތުން އެންމެ އެކަށޭނެ ގޮތްތަކުގެ މައުލޫމާތު ވެސް އެކްސްޕޯ އަށް ދާ މީހުންނަށް ދޭނެ އެވެ. ރާއްޖެ އިން ބޭރަށް ދާން ރާވާ މީހުންނަށް ވެސް މި އެކްސްޕޯ އިން ޗުއްޓީގެ ޕެކޭޖްތަކުގެ މައުލޫމާތު ސާފުކުރެވޭނެ އެވެ. އެކްސްޕޯގެ ސަބަބުން ރާއްޖޭގައި ދަތުރުފަތުރުކުރުން ފަސޭހަވެ، ޓޫރިޒަމްގެ ސިނާއަތު ވެސް ކުރިއަރާނެ ކަމަށް ހައިރައިސް އިން އުންމީދު ކުރެ އެވެ.