ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން ގާނޫނުން މަނާ ނުވާތީ، ކަސްޓަމްސް އިން ކުރިން ހިފެހެއްޓި ރޯލިން ޓޮބޭކޯގެ ޝިޕްމަންޓުތައް ދޫކޮށްލައިފި އެވެ.
22 ޖެނުއަރީ 2025
ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން ގާނޫނުން މަނާ ނުވާތީ، ކަސްޓަމްސް އިން ކުރިން ހިފެހެއްޓި ރޯލިން ޓޮބޭކޯގެ ޝިޕްމަންޓުތައް ދޫކޮށްލައިފި އެވެ.
މި ޝިޕްމަންޓްތައް ކުރިން ހިފެހެއްޓީ، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާކަމެއް ކަމަށް ވާތީ، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާނަމަ ހިފަހައްޓަން ހެލްތު މިނިސްޓްރީން ކަސްޓަމްސް އަށް އެންގުމުންނެވެ.
ނަމަވެސް، ކަސްޓަމްސްގެ އިސް އޮފިޝަލަކު މިއަދު "މިހާރު"އަށް ވިދާޅުވީ ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެއަށް އެތެރެ ކުރުމަކީ މަނާ ކަމެއް ކަމަށް ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ކަމަށެވެ. މަނާކޮށްފައި އޮތީ ދުންފަތުގެ ބާވަތެއް ރާއްޖޭގައި އުފެއްދުން ކަމަށާއި އެހެންވެ، އެއީ ގާނޫނާ ހިލާފް ކަމަކަށް ނުވާތީ، ކަސްޓަމްސް އިން ކުރިން ހިފަހައްޓާފައިވާ ދުންފަތް އުފެއްދުމަށް ބޭނުންކުރާ ތަކެތީގެ ޝިޕްމަންޓުތައް މިހާރު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަސްޓަމްސްއަކީ ގާނޫނު ތަންފީޒުކުރާ މުއައްސަސާއެއް. ކަސްޓަމްސް އިން އަބަދުވެސް ބަލަނީ، ގާނޫނަކަށް ތައާރަޒުވޭތޯ ނުވަތަ ގާނޫނަކާ ހިލާފުވޭތޯ. އަޅުގަނޑުމެން ބެލިބެލުމުން އެއްވެސް ގާނޫނަކާ ތައާރަޒު ނުވާތީ، އެ ޝިޕްމަންޓު ދޫކޮށްލީ،" އޮފިޝަލް ވިދާޅުވި އެވެ.
"ރާއްޖެއަށް އެތެރެ ކުރުމާއި އުފެއްދުމާ، ދެކަމެއް ދެއްތޯ މި އުޅެނީ. ރާއްޖެއަށް އެ ބާވަތުގެ އެއްވެސް އެއްޗެއް އެތެރެކުރުން ގާނޫނުގައި މަނަލެއް ނުކުރޭ. އެހެންވީމަ، ގާނޫނުގައި އެގޮތަށް ކަނޑައެޅިގެން މަނާ ނުކުރާތީވެ އަޅުގަނޑުމެން [ރޯލިން ޓޮބޭކޯގެ ޝިޕްމަންޓުތައް] ދޫކޮށްލަން ނިންމީ."
ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ބޭނުން ކުރުން މަނާކޮށް، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ ނޮވެމްބަރު މަހު ވަނީ އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހާ ހަވާލާދީ، ބިޑި އަދި ސުއްޓާ ފަދަ ދުންފަތުގެ ބާވަތްތައް އަމިއްލަ އަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ކަސްޓަމްސްއަށް އެންގި ނަމަވެސް، އެ ބާވަތުގެ ތަކެތި ރާއްޖެއަށް އެތެރެ ނުކުރެވޭނެ ކަމަށް އެ އިސްލާހުގައި ކަނޑައެޅިގެން ބުނެފައެއް ނެތެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު، ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި އޭގެ ވިޔަފާރިކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އަދި ބޮޑެތި ޖޫރިމަނާތައް އަންނަ ގޮތަށް ވޭޕާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާ އެކު، އިލެކްޓްރޯނިކް ސިނގިރޭޓް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުމާއި ރާއްޖެ އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
ސަރުކާރުން ވަނީ ސިނގިރޭޓާއި ބިޑީގެ ޑިއުޓީ ވެސް 50 ޕަސެންޓް ބޮޑުކޮށްފަ އެވެ.
ސެޒޭޝަން ފަރުވާއަށް ބޭނުންވާ ބާވަތްތައް އެތެރެކުރެވޭ
ދުންފަތް އުފައްދާ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާ!
ދުންފަތާ ގުޅޭ ލުއިތައް އަންނަ ނޮވެމްބަރު މަހާ ހަމައަށް
ސިނގިރޭޓު އެތެރެކުރި އަދަދު 200 ޕަސެންޓް މައްޗަށް
އެޕާޓްމަންޓުން 49،000 ސިނގިރޭޓު ފޮށި ފެނުނު
ބޮންޑެޑް ވެއާހައުސްއިން ސިނގިރޭޓު ނެރުމުން ދައުވާކުރަނީ
ސިނގިރޭޓު ސްމަގުލް: 46 މިލިއަންގެ ބޮޑު މުއާމަލާތެއް
ސިނގިރޭޓް ބުއިން ހުއްޓާލާނަން: އާމިރް
ސިނގިރޭޓްތައް ގެއްލުމުން 40 މިލިއަން ދައްކަންޖެހިއްޖެ
ބެލްޖިއަމްގައި ޑިސްޕޮސަބްލް އީ-ސިނގިރެޓް މަނާކޮށްފި