Roadha Mihaaru

ވޭޕްގެ ބޮޑު ޝިޕްމެންޓް ގެނައީ ޑިޓަޖެންޓްގެ ނަމުގައި ފުޅިފުޅީގައި ބަންދުކޮށްގެން

ވޭޕްކުރަން ބޭނުންކުރާ ތަކެތި، ރާއްޖެ އަށް އެތެރެކުރުން މަނާކުރި ފަހުން ވަގަށް އެތެރެކުރި އެންމެ ބޮޑު ޝިޕްމެންޓް ގެނައީ ޑިޓާޖެންޓް ފުޅިތަކެއްގައި ބަންދު ކޮށްގެން، ޑިޓާޖެންޓްގެ ނަމުގައިކަން އެނގިއްޖެ އެވެ.

ބޮޑު ވޭޕްޝިޕްމަންޓް ގެނައީ ޑިޓަޖެންޓް ފުޅިތަކެއްގައި
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

11 ޑިސެމްބަރ 2025

ވޭޕްކުރަން ބޭނުންކުރާ ތަކެތި، ރާއްޖެ އަށް އެތެރެކުރުން މަނާކުރި ފަހުން ވަގަށް އެތެރެކުރި އެންމެ ބޮޑު ޝިޕްމެންޓް ގެނައީ ޑިޓާޖެންޓް ފުޅިތަކެއްގައި ބަންދު ކޮށްގެން، ޑިޓާޖެންޓްގެ ނަމުގައިކަން އެނގިއްޖެ އެވެ.

ކަސްޓަމްސް އިން އިއްޔެ ބުނި ގޮތުގައި މި ތަކެތި ފެނުނީ ކަނޑުމަގުން ގެނައި ޝިޕްމަންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ފާހަގަކުރެވިގެން މިދިޔަ ބުރާސްފަތި ދުވަހު އެ ޝިޕްމަންޓް ފާސްކުރި އިރު ކަމަށެވެ.

މިކަމާ ބެހޭ ތަފްސީލު ކަސްޓަމްސް އިން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް މައުލޫމާތު އެނގޭ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ވޭޕް ކުރުމަށް ބޭނުންކުރާ ތަކެތި ފޮރުވާފައި ހުރީ ޑިޓާޖެންޓް ފުޅިތަކެއްގަ އެވެ. އަދި އެ ޝިޕްމަންޓުގައި ނެޕީ ފަދަ އެހެން ބައެއް ބާވަތްތައް ވެސް ހުރި ކަމަށްވެ އެވެ.

މި ތަކެތި ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ "ސެރެނިޓީ ބްލޫ" ކިޔާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ނަމުގަ އެވެ. މިއީ 2020 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެކެވެ.

ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި މި ޝިޕްމަންޓުގެ ތެރެއިން 10،800 ވޭޕް ކާޓްރިޖް ހޯދައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އެ އިދާރާ އިން ބުނި ގޮތުގައި މި ތަކެތީގެ އަގު ރާއްޖޭގައި މިހާރު މި ބާވަތުގެ ތަކެތި ކަޅު ބާޒާރުގައި ވިއްކާ ރޭޓުން ބަލާއިރު 2.7 މިލިއަން ރުފިޔާއަށް އަރާނެ އެވެ.

ރާއްޖެ އަށް ވޭޕާއި އެއާ ގުޅުން ހުރި އާލާތްތައް އެތެރެކުރުން މަނާކުރީ ނޮވެމްބަރު 15، 2024 ގަ އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި، މިއީ ވޭޕް މަނާކުރި ފަހުން އެއް އަހަރުގެ ތެރޭގައި ކަސްޓަމްސް އިން ހިފެހެއްޓި ވޭޕްގެ އެންމެ ބޮޑު ޝިޕްމަންޓެވެ. އަދި އެކި އޮޕަރޭޝަންތަކުން މިހާތަނަށް 66،000 އަށް ވުރެ ގިނަ ވޭޕް އަތުލައިގެންފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އަށް ކަސްޓަމްސް އިން އޯގަސްޓް މަހު ދީފައިވާ މައުލޫމާތުގައިވާ ގޮތުން މިދިޔަ ޖޫން މަހުގެ 15 އާ ހަމައަށް 69 މީހަކު ވަނީ ވޭޕް އެތެރެކޮށްގެން ޖޫރިމަނާކޮށްފަ އެވެ. އެ ޖޫރިމަނާގެ ޖުމްލަ 400 މިލިއަނަށް ވުރެ މައްޗެވެ.