ރ. ރަސްމާދޫގެ ނަމާ ގުޅުވައިގެން މުޅި ރާއްޖެ އަށް މަޝްހޫރު އެންޓަނާއާ ގުޅޭ މައްސަލައެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް މި ރަށުން މިއަދު ގެނެސްފި އެވެ.
22 ޖެނުއަރީ 2025
ރ. ރަސްމާދޫގެ ނަމާ ގުޅުވައިގެން މުޅި ރާއްޖެ އަށް މަޝްހޫރު އެންޓަނާއާ ގުޅޭ މައްސަލައެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް މި ރަށުން މިއަދު ގެނެސްފި އެވެ.
ރަސްމާދު އަށް މުވާސަލާތީ ހިދުމަތް ދޭން ފަށައި އެންޓަނާ ބެހެއްޓީ 2005 ވަނަ އަހަރު އޭރުގެ ވަތަނިއްޔާއާ ހަވާލުކޮށްގެންނެވެ. އޭރުގެ އެޓޯލް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ވަތަނިއްޔާ އަށް ނުވަތަ މިހާރުގެ ނަމުން ނަމަ އުރީދު އަށް އެ ބިން ދޫކުރީ 15 އަހަރަށެވެ.
އެކަމަކު އެ އެއްބަސްވުމުގެ މުއްދަތު ހަމަވިތާ ހަތަރު އަހަރު ވީއިރު ރަސްމާދޫގެ ރައްޔިތުން ބޭނުންވަނީ އެ އެންޓަނާ އެހެން ތަނަކަށް ބަދަލުކުރާ ގޮތަށް ނޫނީ އެއްބަސްވުން އާ ނުކުރާށެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވަމުން ކައުންސިލްގެ ރައީސް މުހައްމަދު އާސިފު ވިދާޅުވީ، އުރީދޫ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާ އެކު މަޝްވަރާތަކެއް ކޮށްފައިވިޔަސް އެކަމަށް އަދި އަލިމަގެއް ނުފެންނަ ކަަމަށެވެ.
"ހަތަރު އަހަރު ކޮޅެއް މެދެއް ނުފެނި މިދަނީ،" އެ މަޝްވަރާތަކުން ނަތީޖާއެއް ނެރެވިފައި ނުވާކަން ފާހަގަކުރައްވައި އާސިފް ވިދާޅުވި އެވެ.
"ދެހާސް ފަސްވަނަ އަހަރު ވަތަނިއްޔާއާ އެކު، އެޓޯލް މިނިސްޓްރީއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން 15 އަހަަރަށް ދިން ބިން [މުއްދަތު] ހަމަވެފައި އޮވެ އަޅުގަނޑުމެން ކައުންސިލަށް އައިއިރު ވެސް. އެކަމަކު ތިޔަތާ ބަހައްޓައިގެން އެއްބަސްވުން އާ ނުކުރާށޭ ރައްޔިތުން މި ބުނަނީ،" އޭނާ ވިދާޅުވި އެވެ.
ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަސްމާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިއަދު ބޭއްވި ބައްދަލުވުމުގައި އެ މައްސަލަތަކާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވީ އެކަން ހައްލު ކޮށްދެއްވާނެ ކަމަށެވެ. މާލެ ވަޑައިގެން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ފައްޓަވާނެ ކަމަށާއި އަންޓަނާ ހުރި ތަން ބަދަލުކުރަން ބޭނުންވާ ފައިސާ ވެސް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރަސްމާދޫ އެންޓަނާގެ މައްސަލަ ހައްލުކޮށްދޭނަން. އުރީދުއާ ވާހަކަ ދައްކައިގެން، މާލެ ގޮސް ދެ މައްސަލަ ހައްލުކުރަން މި އޮތީ. އެންޓަނާ ހުރި ތަނުން ބަދަލުކުރަން ބޭނުުންވާ ފައިސާގެ މައްސަލަ ބަލައި ހައްލު ކޮށްދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މުޅި ރ. އަތޮޅުގައި ވެސް ރަސްމާދޫ މަޝްހޫރު ވެފައި ވަނީ އެ ރަށުގެ އެ އެންޓަނާ އިންނެވެ. އެކަން މަޝްހޫރުވީ އަތޮޅު ތެރޭގެ ރަށްތަކުގައި އެންޓަނާ ހަރުކުރަމުންދިޔައިރު ރަސްމާދޫގައި ހަރުކުރި އެންޓަނާ، އެހެން ރަށްތަކުގެ އެންޓެނާ އަށް ވުރެ ދިގު ކަމަށް ބެލެވިގެން ކުރި ސަމާސާ އަކުންނެވެ.
ރަސްމާދޫ ކައިރިން ދަތުރުކޮށްފައި ދާއިރު ވެސް އެ ރަށުގެ ނަމާ ގުޅުވައިގެން އެ އެންޓަނާ ފެނޭތޯ މީހުން މަޖާކޮށް ހަދަ އެވެ.
ރަސްމާދޫ އެންޓަނާގެ އިތުރުން، މި ރަށަށް ބޭނުންވާ އިތުރު ކަންކަން ވެސް ކޮށްދެއްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ މަޝްރޫއުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދެއްވައި ހައުސިން ޔުނިޓް އަޅާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ ރަސްމާދޫގެ ހެލްތު ސެންޓަރުގައި ލެބޯރެޓަރީއެއް ގާއިމު ކުރުމާއި ސްކޫލުގެ އިމާރާތުގެ މަސައްކަތް ވެސް ނިންމަވައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މަޑުއްވަރިއަށް އުފުލަންދޫ އަދި މީދު އަށް ތާވަތާ ދީފި
"މިއަހަރު މުޅި ރާއްޖެއަށް ފެރީގެ ހިދުމަތް ދެވޭނެ"
މަރާމާތުތަކަށް ޕަބްލިކްސްވޯކްސް ޔުނިޓުތަކެއް ގާއިމްކުރަނީ
މަސައްކަތްކުރަނީ އުއްމީދުތައް ހާސިލްކޮށްދޭން: ރައީސް
"އުނގޫފާރުގައި 500 ހައުސިން ޔުނިޓު އަޅައިދޭނަން"
އުނގޫފާރުގައި އައިޑީކާޑު ޕްރިންޓްކުރަން ފަށައިފި
ރ. އަތޮޅުގެ 11 ރަށަކަށް ރައީސް ފުރާވަޑައިގެންފި
ފްލެޓަށް އެދުނު އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ
އަންގާރައިން ފެށިގެން މަސްކޭސް ދޭނީ މިފްކޯ ފިހާރަތަކުން
ދިވެހި އަންހެނުންނަށްޓަކައި ގައުމު ފަހުރުވެރިވޭ: ރައީސް