Roadha Mihaaru

މިއަހަރު މުޅި ރާއްޖެއަށް ފެރީގެ ހިދުމަތް ދޭން ފަށާނެ: ރައީސް

ހައި ސްޕީޑް ފެރީން ރާއްޖެ ގުޅާލުމަށް ސަރުކާރުން ފަށާފައިވާ އާރްޓީއެލް ފެރީގެ ހިދުމަތުގެ ދަށުން މި އަހަރު މުޅި ރާއްޖެއަށް ފެރީގެ ހިދުމަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

"މިއަހަރު މުޅި ރާއްޖެއަށް ފެރީގެ ހިދުމަތް ދެވޭނެ"
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

06 ފެބުރުއަރީ 2025

ހައި ސްޕީޑް ފެރީން ރާއްޖެ ގުޅާލުމަށް ސަރުކާރުން ފަށާފައިވާ އާރްޓީއެލް ފެރީގެ ހިދުމަތުގެ ދަށުން މި އަހަރު މުޅި ރާއްޖެއަށް ފެރީގެ ހިދުމަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މި އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް އާރުޓީއެލް ހިދުމަތް ފަށާނެ ކަމަށެވެ. ދެން އެންމެ އަވަހަށް އެ ހިދުމަތް ފެށޭނީ ޖޫން މަހުގެ ތެރޭގައި ރ. އަތޮޅުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ބ. އަތޮޅުގައި ޖުލައި މަހުގެ ތެރޭގައި އެ ހިދުމަތް ފަށާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ކަނޑުމަގުން ދަތުރުފަތުރު ކުރުމުގެ ނިޒާމު ފުޅާކޮށް ހަލުވިކޮށް ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތެއް ފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތު. އެހެންކަމުން، މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރުޓީއެލްގެ ފެރީގެ ހިދުމަތް ދޭން ފަށާނެ." ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި އާރުޓީއެލްގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް މި ސަރުކާރުން ވެސް ކުރަމުން އަންނައިރު، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވަނީ ނ. އަތޮޅާއި ރ. އަތޮޅުގެ އިތުރުން ބ. އަތޮޅުގައި އާރުޓީއެލްގެ ފެރީގެ ހިދުމަތް ފެށުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

ކުރިން ނިންމާފައި އޮތީ އެ ތިން އަތޮޅުގައި ވެސް މިދިޔަ އަހަރު އެ ހިދުމަތް ފަށާ ގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުމަށް ބާއްވާ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުމަށް ބާއްވާ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ.

މިހާރު އާރުޓީއެލް ހިދުމަތް ދެމުންދަނީ ހއ. އަތޮޅާއި އާއި ހދ. އަތޮޅާއި އަދި ށ. އަތޮޅާއި ނ. އަތޮޅުގެ އިތުރުން ގއ. އަތޮޅާއި އާއި ގދ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީ އަދި ޅ. އަތޮޅުގަ އެވެ. އެ ހިދުމަތް ދިނުމަށް 25 އުޅަނދެއް ބޭނުންކުރެ އެވެ.

ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެ އުފެދިފައިވާ އޮންނަ ގޮތުން އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުންތަކަށް ދަތުރުކުރަން ޖެހޭއިރު ދަތުރުފަތުރު ކުރެވޭނެ ފަސޭހަ ނިޒާމެއް އޮންނަން ޖެހޭ ކަމަށެވެ. އެއީ ފަތުރުވެރިކަން ކުރިއެރުވުމަށް ވެސް މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި އޮކްޓޫބަރު މަހުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވައި، އައްޑޫ ސިޓީގެ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް މިއަހަރު ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެއާޕޯޓުގެ މަސައްކަތް މިއަހަރު ފެށޭނެ ރަށްތައް:

- ފ. ނިލަންދޫ

- ތ. ގުރައިދޫ

- ތ. ވިލުފުށި

- އއ. މަތިވެރި

- ގދ. ކާޑެއްދޫ

- ގއ. ވިލިނގިލި

- ށ. މިލަންދޫ

- ށ. ކޮމަންޑޫ

- ށ. ބިލެއްފަހި

- ރ. އަލިފުށި

- ރ. ފައިނު

- ހއ. ދިއްދޫ

- ބ. ތުޅާދޫ

- ލ. ކައްދޫ

ރައީސް ވިދާޅުވި ގޮތުގައި އެ ރަށްރަށުގައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް މިއަހަރު އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ދާނެ އެވެ. އަދި ހދ. ކުޅުދުއްފުށްޓާއި ށ. ފުނަދޫ އެއާޕޯޓުގެ ހިދުމަތް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް މިއަހަރު ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.