Roadha Mihaaru
ކްލީކް ކޮލެޖުގެ ސްކޯލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ކްލީކް ކޮލެޖުގެ ސްކޯލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

27 އޯގަސްޓް 2019

ކްލީކް ކޮލެޖުން ހިންގާ ކޯސްތަކާއި ހާއްސަ ސްކޯލާޝިޕް އަދި ލޯނު ސްކީމަށް ކުރިމަތިލާން އެތަނުން ހުޅުވާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކްލީކް ކޮލެޖުން ހިންގާ ކޯސްތަކާއި ހާއްސަ ސްކޯލާޝިޕް އަދި ލޯނު ސްކީމަށް ކުރިމަތިލާން އެތަނުން ހުޅުވާލައިފި އެވެ.

ކްލީކް ކޮލެޖުގެ ސްކޯލާޝިޕް އަދި ލޯނު ސްކީމުގައި ބައިވެރިވެވޭނީ އަންނަ މަހު އެ ކޮލެޖުގައި ފަށާ ކޯސްތަކުން ޖާގަ ހޯދާފައިވާ ދަރިވަރުންނަށެވެ. އަދި އަންނަ މަހުގެ ހައަކާ ހަމަ އަށް އެ ފުރުސަތުތަކަށް ހުށަހެޅޭނެ ކަމަށް އެތަނުން ބުންޏެވެ.

އެ ކޮލެޖުން ބުނި ގޮތުގައި އެ ތަނުން ދޭ ފުލް ސްކޯލާޝިޕާއި ޕާޝަލް ސްކޯލާޝިޕް ލިބޭނީ އެ ކޮލެޖުގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށެވެ. ފުލް ސްކޯލާޝިޕް ދޭން ހަމަޖައްސާފައި ވަނީ ކްލީކުން ހިންގާ ސެޓްފިކެޓް ލެވެލް، ޑިޕްލޮމާ، އެޑްވާންސް ޑިޕްލޮމާ އަދި ޑިގްރީ ޕްރޮގްރާމްތަކަށެވެ. މި ފަދަ ސްކޯލާޝިޕްތަކަށް 10 ޖާގަ ކަނޑައަޅާފައިވާ އިރު، ބައިނަލްއަގްވާމީ އެއްވެސް ކޯހެއް ފުލް ސްކޯލާޝިޕްގެ ދަށުން ނުކިޔެވޭނެ އެވެ.

ނަމަވެސް އެތަނުން ހިންގާ ބައިނަލްއަގްވާމީ ކޯސްތަކަށް ޕާޝަލް ސްކޯލާޝިޕް ލިބޭނެ ކަމަށް ކްލީކް ކޮލެޖުން ބުންޏެވެ. މި ސްކޯލާޝިޕް ލިބޭ ދަރިވަރުންގެ ކޯސް ފީގެ 25 ޕަސެންޓު މާފުކޮށްދޭނެ އެވެ.

މެލޭޝިއާގެ ސެގީ ޔުނިވާސިޓީ އާއި އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވް (އޭބީއޭ) އަދި އެސޯސިއޭޝަން އޮފް ޗާޓާޑް އެކައުންޓްސް (އޭސީސީއޭ) އާ ގުޅިގެން ކްލީކް ކޮލެޖުން ހިންގާ ޑިގްރީ އަދި މާސްޓާސް ކޯސްތަކުން ކިޔަވާ ދަރިވަރުންނަށް ޕާޝަލް ސްކޯލާޝިޕް ލިބޭނެ ކަމަށް އެތަނުން ބުންޏެވެ. މި ސްކޯލާޝިޕަށް ކަނޑައަޅާފައި ވަނީ 20 ޖާގަ އެވެ.

ކްލީކް ކޮލެޖުގެ ލޯނު ސްކީމުގެ ދަށުން ކިޔަވާ ދަރިވަރުންނަށް، ކޯހުގެ މުއްދަތުގައި ދައްކަން ޖެހޭނީ ކޯސް ފީގެ 50 ޕަސެންޓެވެ. ބާކީވާ އަދަދު ދައްކަން ޖެހޭނީ ކޯސް ފުރިހަމަކުރުމުންނެވެ. މިއީ އިންޓަރެސްޓް ނުނަގާ ލޯނެއް ކަމަށާއި އެ ކޮލެޖުން ހިންގާ ހުރިހާ ކޯސްތަކެއްގައި ވެސް ލޯނުގެ ދަށުން ކިޔެވޭނެ ކަމަށް އެތަނުން ބުންޏެވެ.

ލޯނު އަދި ސްކޯލާޝިޕަށް ކުރިމަތިލާން ބޭނުންވާ ފޯމު އެ ކޮލެޖުގެ ރިސެޕްޝަނުން ބަލައިގަންނާނެ އެވެ.