Roadha Mihaaru

އަމާންކަން ގެއްލޭ ވާހަކަތައް މާނަކުރާ މާއްދާ ބާތިލްކުރި މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފި

އަމާން ގެއްލޭ ވާހަކަތައް މަނާކޮށްފައި އޮތް އާންމު ގާނޫނުތަކެއް ގާނޫނުގެ މާއްދާތަކެއް ހައި ކޯޓުން ބާތިލް ކުރުމުން އެކަމާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

އަމާންކަން ގެއްލޭ ވާހަކަތަކުގެ މައްސަލަ ދޫކޮށްލައިފި
ނާޒިމް ހަސަން
ނާޒިމް ހަސަން

23 ޖެނުއަރީ 2025

އަމާން ގެއްލޭ ވާހަކަތައް މަނާކޮށްފައި އޮތް އާންމު ގާނޫނުތަކެއް ގާނޫނުގެ މާއްދާތަކެއް ހައި ކޯޓުން ބާތިލް ކުރުމުން އެކަމާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

ހައި ކޯޓުން 2023 ވަނަ އަހަރު ބާތިލް މާއްދާއެއް ކަމަށް ކަނޑައަޅާފައިވަނީ އާންމު ގާނޫނުތަކެއް ގާނޫނުގެ އަށް ވަނަ މާއްދާގެ (2) ވަނަ ނަންބަރެވެ. އެ ބަޔާންކޮށްފައިވަނީ މީހުންގެ ބުއްދިއަށް ފެންނަ ކަންތައް ދުލުން ނުވަތަ ގަލަމުން ފާޅު ކުރުމުގައި ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ބުނާ ތިން ކަމެކެވެ.

އޭގެ ތެރެއިން ދެވަނަ ކަމަކީ އަމަންއާންމަށް ގެއްލުމެއް ލިބިދާނެ ވާހަކަ އެވެ. އެ މާއްދާއަކީ ބާތިލް މާއްދާއެއް ކަމަށް ކަނޑައަޅައިދޭން 2022 ވަނަ އަހަރު ތެރޭ ހައި ކޯޓަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އާއި ޝިފްޒާން އަހުމަދު އަދި އަހުމަދު އިބްރާހިމްގެ ފަރާތުންނެވެ.

މި މައްސަލާގައި ހައި ކޯޓުގައި ދައުލަތުން ބުނެފައިވަނީ ގާނޫނުއަސާސީއާ ފުށުއަރާ ކުރީގެ ގާނޫނުތަކުގެ މާއްދާތަކުގެ ލިސްޓްގައި އެ މާއްދާ ވެސް ލިސްޓްކޮށްފައިވާ އޮތް ނަމަވެސް އެ ގާނޫނު އަދި ގާނޫނުގެ ބައެއް ވެސް އިސްލާހުކޮށްފައިނުވާ ކަމަށެވެ.

ދައުލަތުން އެދިފައިވަނީ ގާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަންބަރުގެ ދަށުން އާންމު ގާނޫނުތަކެއް ގާނޫނުގެ އަށް ވަނަ މާއްދާގެ (2) ވަނަ ނަންބަރު އިސްލާހުކުރަން ފުރުސަތު ލިބޭ ގޮތަށް އެ މައްސަލަ ނިންމައިދިނުމަށެވެ.

ގާނޫނުއަސާސީގެ އެ މާއްދާގައި ބުނަނީ ގާނޫނުއަސާސީއާ ތައާރުޒްވާ ކަމަށް ކޯޓުން ނިންމައިފައިވާ ގާނޫނެއް ނުވަތަ ގަވާއިދެއް އިސްލާހުކުރާންޖެހޭ އިދާރާއަކުން އެކަންކުރުމަށް ފުރުސަތު ދިނުމަށްޓަކައި ކޯޓުން ކަނޑައަޅާ ޝަރުތުތަކެއްގެ މަތީން ވަކި މުއްދަތަކަށް ކޯޓުގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެވިދާނެ ކަމަށެވެ.

ނަމަވެސް މައްސަލަ ހުށަހެޅި ފަރާތުން އެދުނީ އެ މާއްދާއަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބަޔާން ކުރާ ހިޔާލު ފާޅުކުރުމުގެ ހައްގާ ހިލާފް މާއްދާއެއް ކަމަށްވާތީ އެ މާއްދާ ބާތިލްކޮށް ދިނުމަށެވެ. ނަމަވެސް ހައި ކޯޓުން ނިންމާފައިވަނީ އެ މާއްދާއަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާ ހިލާފް މާއްދާއެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ނަމަވެސް، އެ ނަންބަރަކީ ގާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން ބާތިލް ނަންބަރެއް ކަމަށް ކަނޑައެޅި އެވެ.

ހައި ކޯޓުގެ އެ ނިންމުން ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެވެ. އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ބަންޑާރަ ނައިބު އޮފީހުގެ ވަކީލް މުހައްމަދު ޒަޔާން ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރުމަށްފަހު އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.

އެ މައްސަލަ ރައްދުވާ ފަރާތްތަކުގެ ވަކީލް ޝައްފާން މުހައްމަދު ވިދާޅުވީ މައްސަލަ އަނބުރާ ގެންދަން އިއުތިރާޒު ނުކުރާ ކަމަށާއި އަދި ދައުލަތުގެ އެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ.

އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ "އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓާލަން" ނަމުގައި 2022 ވަނަ އަހަރު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރު ބާތިލް ކުރުމަށް ހުށަހެޅި މައްސަލާގެ ތެރެއިންނެވެ. އެ މައްސަލާގެ ތެރެއިން "އިންޑިއާ އައުޓް" ގަރާރުގެ ނަމުގައި މަޝްހޫރުވި އެ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު އެއްޗެއް ކަމަށް ކަނޑައަޅައިދޭން އެ މައްސަލާގައި އެދުނެވެ.

ނަމަވެސް ހައި ކޯޓުން ނިންމާފައިވަނީ އެ ގަރާރުގެ މައްސަލައަކީ އެ ކޯޓުގެ އިހްތިސޯސް ތެރޭ ހިމެނޭ ފަދަ މައްސަލައަކަށް ނުވާތީ، އެ ކޯޓުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ ނިންމުން އިސްތިއުނާފު ކޮށްފައެއް ނުވެ އެވެ. އެހެންވެ، އެ ގަރާރު އަދިވެސް ދެމި އެބައޮތެވެ.