Roadha Mihaaru

ކެމްބްރިޖު މުގައްރަރަށް ކިޔަވައިދޭ ފޮތްތައް ލިޔުމުގެ ފުރުސަތު ހުޅުވާލައިފި

ކެމްބްރިޖު އިންޓަނޭޝަނަލް (ސީއައިއޭ) ލެވެލް އަށް ކިޔަވައިދޭ ފޮތް ލިޔުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

ކެމްބްރިޖުގައި ކިޔަވައިދޭ ފޮތްތައް ލިޔަން ހުޅުވާލައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

23 ޖެނުއަރީ 2025

ކެމްބްރިޖު އިންޓަނޭޝަނަލް (ސީއައިއޭ) ލެވެލް އަށް ކިޔަވައިދޭ ފޮތް ލިޔުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ހުޅުވައިލީ ގައުމީ މަންޙަޖުގައި ހިމެނޭ ކީ-ސްޓޭޖު 4 (ގްރޭޑް 9 އަދި 10) ގެ ކެމްބްރިޖު އިމްތިހާނުގެ މުގައްރަރުތަކަށް ބޭނުންވާ ފޮތްލިޔުމާއި އެ ފޮތްތަކުގެ ޑިޖިޓަލް ކޮންޓެންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު އެ ކަމަށް ޝަރުތުހަމަވާ ހުރިހާ އެންމެންނަށް މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ.

މަސައްކަތާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް އޮތް ނަމަ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ކުރިން އީ-މެއިލް ކުރަން މިނިސްޓްރީން ވަނީ އެދިފަ އެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ މަހުގެ 13 ވަނަ ދުވަހު ކަމަށާއި އެ ދުވަހު މެންދުރު 2:00 ގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ ހަފުތާފައި ވިދާޅުވީ، ސީއައިއޭ ޓެސްޓު ރާއްޖޭގައި ހަދާތާ 23 އަހަރު ވެފައިވާއިރު އެކަމަށް ބޭނުންވާ ފޮތްތައް ގެންނަނީ ބޭރުން ކަމަށެވެ.

އެހެންވެ އެކަން ބަދަލު ކުރަން ކެމްބްރިޖު މުގައްރަރަށް ފޮތްތައް ލިޔަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"ފަރުދެއްގެ ގޮތުގައި ވެސް އަދި ޓީމެއްގެ ގޮތުގައި ވެސް ފޮތާއި ޑިޖިޓަލް ކޮންޓެންޓު ތައްޔާރުކޮށް، ވިއްކަން ހުށަހެޅިދާނެ. މިކަމުގައި ތަޖުރިބާ ހުރި މުދައްރިސުން އިސްނެގުން އެދެން،" މިނިސްޓަރު ވިދާޅުވި އެވެ.

ކެމްބްރިޖު އިމްތިހާނުގެ މުގައްރަރަށް، ފެންވަރު ރަނގަޅު ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓު އުފެއްދުމުގެ ގާބިލުކަން ރާއްޖޭގެ ޓީޗަރުންގެ ކިބައިގައި ހުރިކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ދިވެހި ޓީޗަރުންނަށް އެކަށީގެންވާ އަގެއްގައި އެފަދަ ފުރުސަތެއް ހުޅުވާލައިފި ނަމަ އޭގެ ފައިދާ ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އޭގެ ސަބަބުން ފޮތް ގަންނަން ބޭރު ގައުމުތަކަށް ކުރާ ހޭދަ ގައުމުގެ ތެރޭގައި ހިފެހެއްޓުމާއި އެފަދަ ފޮތް ލިޔުމުގެ ހުނަރުވެރިކަން އިތުރުވުގެން ދާނެ ކަމަށް ވެސް އިސްމާއިލް ގަބޫލު ކުރައްވަ އެވެ.

މިހާރު ބޭރުން ގަނެގެން ދަރިވަރުންނަށް ފޯރުކޮށްދޭ ފޮތްތައް ބޭނުންނުކުރުމުގެ ސަބަބުން ސްކޫލުތަކުން ނޯޓު ޕްރިންޓު ކުރުމަށް ކުރާ ހޭދަ ކުޑަވެ، ތިމާވެއްޓާއި ރައްޓެހި އާދަކާދަތައް އަށަގަންނެވުމަށް އިތުރު ބާރަކަށް އެކަން ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޔުނިވާސިޓީ އޮފް ލަންޑަން އެގްޒަމިނޭޝަން އެންޑް އެސެސްމެންޓް ކައުންސިލް (ޔޫއެލްއީއޭސީ)ގެ އިމްތިހާނު ރާއްޖޭގައި ދޭން ފެށީ 1968ގަ އެވެ. އޭގެ ފަހުން 2001 ވަނަ އަހަރު އެޑެކްސެލް އަށް ރިބްރޭންޑް ކުރުމާ ހަމައަށް ކުރިއަށް ގެންގޮސް ސީއައިއޭ އެގްޒަމިނޭޝަނަށް ރާއްޖޭން ބަދަލުވީ 2002 ވަނަ އަހަރު އެވެ.