Roadha Mihaaru
ރިޕޯޓާ އެކު އަންނަ އަހަރުގެ ފޮތްތައް ވެސް ދެނީ

ރިޕޯޓް ފޮތާ އެކު އަންނަ އަހަރުގެ ފޮތްތައް ވެސް ލިބޭނެ: އެޑިއުކޭޝަން

20 އޮކްޓޯބަރ 2019

މި އަހަރުގެ ފަހު ޓާމްގެ ރިޕޯޓް ފޮތް ދޭ ދުވަހު އަންނަ އަހަރުގެ ފޮތް ބައި ވެސް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ ފަހު ޓާމްގެ ރިޕޯޓް ފޮތް ދޭ ދުވަހު އަންނަ އަހަރުގެ ފޮތް ބައި ވެސް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު ވިދާޅުވީ އަންނަ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ސްކޫލުތަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަންނަ އަންގާރަ ދުވަހާ ހަމައަށް މާލޭ ސަރަހައްދުގެ ސްކޫޫލުތަކަށް ފޮތްތައް ބެހުމަށް ފަހު ރަށްރަށަށް ފޮތްތައް ފޯރުކޮށްދޭން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ބޭނުންވާ ފޮތްތައް ސްކޫލްތަކަށް ބަހަންވެގެން ނަގަނީ .-- ފޮޓޯ: އަހުމަދު ރިޔާޒު/ ޓްވިޓާ

އަންނަ އަހަރަށް ބޭނުންވާ ފޮތްތައް ސްކޫލްތަކަށް ބަހަންވެގެން ނަގަނީ .-- ފޮޓޯ: އަހުމަދު ރިޔާޒު/ ޓްވިޓާ

ރިޔާޒު ވިދާޅުވީ މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމުމުގެ ކުރިން ސަރުކާރު ސްކޫލުތަކުގެ ހުރިހާ ދަރިވަރުންނަށް ފޮތްތައް ދޭނެ ކަމަށެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފަހު ޓާމުގެ ރިޕޯޓު ފޮތް ދޭނީ ނޮވެމްބަރު 21 ގަ އެވެ. އަހަރުގެ ބޮޑު ޗުއްޓީއަށް ފަހު ކިޔެވުން ފަށަން ހަމަޖައްސާފައިވަނީ ޖެނުއަރީ 12، 2020 ގަ އެވެ.

"އިރާދަކުރެއްވިއްޔާ ނޮވެމްބަރު 21 ވަނަ ދުވަހު ދަރިވަރުންނަށް އަންނަ އަހަރުގެ ފޮތްތައް ލިބޭނެ،" ރިޔާޒު ވިދާޅުވި އެވެ.

ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނަށް ކިޔަވަން ބޭނުން ހުރިހާ އެއްޗެއް ދެނީ ސަރުކާރުންނެވެ. އެކަމަކު ކިޔެވުން ފެށޭ އިރު ބައެއް ޓެކްސްޓް ފޮތްތައް ނުލިބުމުގެ ޝަކުވާ ދޭތެރެދޭތެރެ އިން ދިމާވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އަންނަ އަހަރު އެ މައްސަލަ ދިމާނުވެ ފޮތްތައް ލިބޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.