މާލޭގެ ކެފޭއެއްގައި ކާއެއްޗެހި ވިއްކަން ބަހައްޓާ ރެކު ތެރޭގައި މީދާތަކެއް އުޅޭ ވީޑިއޯއެއް މިއަދު ދައުރުވާން ފަށައިފި އެވެ.
27 ޖެނުއަރީ 2025
މާލޭގެ ކެފޭއެއްގައި ކާއެއްޗެހި ވިއްކަން ބަހައްޓާ ރެކު ތެރޭގައި މީދާތަކެއް އުޅޭ ވީޑިއޯއެއް މިއަދު ދައުރުވާން ފަށައިފި އެވެ.
އަހުމަދު ނާހިލް ނަމަކަށް ކިޔާ ޒުވާނަކު ފޭސްބުކްގައި އާއްމުކުރި ވީޑިއޯއިން ފެންނަނީ ކަލާފާނު ހިނގުމުގައި ހިންގާ "ސްޓާ ލައިޓް ކެފޭ"ގެ ރެކު ތެރޭގައި މީދާތައް ދުވެދުވެ އުޅޭ މަންޒަރެވެ. ތައްޓަކަށް އަޅާފައި ހުރި ބިސްތަކެއްގައި އަދި ރެކު ތެރޭގައި މީދާތައް ދޫލާ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.
ބެލެވޭ ގޮތުގައި ކެފޭ ތެރޭގައި މީދާތައް އުޅުނީ މީހުން ވެސް ތިބި ގަޑިއެއްގަ އެވެ. ކޮމެންޓެއްގައި ނާހިލް ޕޯސްޓުކުރި އިތުރު ވީޑިއޯއެއްގައި ފެންނަނީ، ޓީވީން ފުޓްބޯޅަ މެޗެއް އަޅުވާފައި ވަނިކޮށް އެ ޓީވީ ކައިރީގައި މީދަލެއް ދުވެ އުޅޭ ތަނެވެ. މިދިޔަ ހަފުތާގައި ނެގި އެ ވީޑިއޯގައި މީދާ ހިފަން މީހަކު މަސައްކަތްކުރާތަން ވެސް ފެނެ އެވެ.
ނާހިލް "މިހާރު"އަށް ބުނީ ސްޓާ ލައިޓް ކެފޭއަކީ ރައްޓެހިންނާއެކު އޭނާ އަބަދު ވެސް ކޮފީ ބޯން ދާ ތަނެވެ. އެގޮތަށް ދާއިރު، ދޭތެރެ ދޭތެރެއިން މީދާ ފެންނަތާ އަަހަރަކަށް ވުރެ ގިނަ ދުވަސްވުމުން އޭގެ ޝަކުވާ، ކެފޭގެ ވެރިފަރާތަށް ވެސް ކޮށްފައިވާ ކަމަށް ބުންޏެވެ.
މިދިޔަ ހަފުތާގައި ވެސް ކޮފީ ބޯން ތިއްބައި މީދާ ދުވެ އުޅޭ ވީޑިއޯ ނަގައި، އެއާއެކު ކަންބޮޑުވުންތައް ހިއްސާކުރިއަސް އެއްވެސް ކަމެއް ނުކުރާ ކަމަށް ބުންޏެވެ.
"އެހެން ހުއްޓާފައި ރޭގައި ކެފޭ ބަންދުކުރި ފަހުން މި ފެނުނީ އެ ތަނުގެ ތެރެއިން އަނެއްކާ ވެސް މީދާތައް. ކެފޭގެ ތެރެއިން ވިއްސަށްވުރެ ގިނައިން މީދާ ފެނުނު،" ނާހިލް ބުންޏެވެ.
"ކޮފީއަށް ދާ މީހުންނަށް ވުރެ އެ ތަނުގައި މީދާ މިހާރު ގިނަ."
ސްޓާ ލައިޓް ކެފޭގެ ބޭރު.-- ފޮޓޯ: ނާހިލް
އެ ކެފޭގެ ވެރިމީހާ ބުނިގޮތުގައި އެ ތަނުގެ ތެރެއިން މީދަލެއް ފެންނަތާ ދެތިން ރޭ ވެއްޖެ އެވެ. އެހެންވެ، އެކަން ރަނގަޅުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ. ސޯޝަލް މީޑިއާގައި އެ ވީޑިއޯ ދައުރުވުމުން މިއަދު ކެފޭ ބަންދުކޮށް، ބާގަނޑުތައް ބައްދަމުން އަންނަ ކަމަށް އޯނަރު ބުންޏެވެ. "ކެފޭ ހަދާފައި އިން ގޭގެ މަތީގައި އުޅޭ މީދާތަކެއް ކަމަށް ބެލެވެނީ އެއީ،" އޭނާ ބުންޏެވެ.
މާލޭގައި ހިންގާ ކެފޭ/ރެސްޓޯރެންޓްތައް ސާފުތާހިރުކަމުގެ މިންގަނޑަށް ފެތޭތޯ ދޭތެރެއަކުން އިންސްޕެކްޓް ކުރެ އެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބަލާ ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތިގެން، ބައެއް ތަންތަން ބަންދު ވެސް ކުރެ އެވެ.
ކެފޭއެއްގެ ތެރޭގައި މީދާތަކެއް އުޅޭ ވީޑިއޯއެއް ދައުރުވާން ފެށިއިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ހިންގާ އޮޕަރޭޝަނުގެ ތެރެއިން، އިމިގްރޭޝަނުން އަންނަނީ ނުތާހިރުކޮށް ކާ އެއްޗެހި ހަދާ ތަންތަން ހޯދައި، އެކަމުގައި އުޅޭ ބިދޭސީން އަތުލައިގަންނަމުންނެވެ.
މީދާ ފެނުނު ކެފޭ ހިންގަން އަލުން ހުއްދަ ދީފި
ނުތާހިރުކަމުން މާލޭގެ ތިން ތަނެއް ބަންދުކޮށްފި
ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރަނީ
އުސޫލާ ހިލާފުވާ ހުރިހާތަނެއް ވަގުތުން ބަންދުކުރަނީ
އިޝްތިހާރަކަށް ވާނީ "އެންމެ މޮޅު" ފަދަ އިބާރާތާ އެކު
ގޭހަށްދޭ އިންޖެކްޝަނެއްގައި މައްސަލަ ހުރުމުން މަނާކޮށްފި
މާސްޓާފުޑްސްގެ ސޯސްއެއް ބޭނުން ނުކުރަން އަންގައިފި
ކާބޯތަކެތީގެ އިޝްތިހާރުކަމަށް ބަލާނެގޮތް ސާފުކޮށްްދީފި
ހުއްދަ ނުނަގާ ކާބޯތަކެތި އިޝްތިހާރުކުރުން މަނާކޮށްފި
ކާބޯތަކެތީގެ ވަގުތީ ގަވާއިދަށް އަމަލުކުރަން ވަގުތު ދީފި