Roadha Mihaaru
ސީއެންއެންގެ ޕްރެޒެންޓަރަކު އިންސާނެއްގެ ސިކުނޑި ކައިފި

ސީއެންއެންގެ ޕްރެޒެންޓަރަކު އިންސާނެއްގެ ސިކުނޑި ކައިފި

12 މާޗް 2017

ސީއެންއެން އިން ދެއްކުމަށް ހަދާ ޑޮކިއުމެންޓްރީއެއްގެ މަންޒަރުތަކެއް ނެގުމުގެ ތެރޭގައި ޕްރެޒެންޓަރު އިންސާނެއްގެ ސިކުނޑި ކާތަން ފެނި އޭނާއަށް އެތައް ބައެއްގެ ނުރުހުން އަމާޒުވެއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ސީއެންއެން އިން ދެއްކުމަށް ހަދާ ޑޮކިއުމެންޓްރީއެއްގެ މަންޒަރުތަކެއް ނެގުމުގެ ތެރޭގައި ޕްރެޒެންޓަރު އިންސާނެއްގެ ސިކުނޑި ކާތަން ފެނި އޭނާއަށް އެތައް ބައެއްގެ ނުރުހުން އަމާޒުވެއްޖެ އެވެ.

ސީއެންއެންގެ އާ ސީރީޒެއް ކަމަށްވާ "ބިލީވާ"ގެ ފުރަތަމަ އެޕިސޯޑްގައި ޕްރެޒެންޓަރު ރޭޒާ އަސްލާން ވަނީ އިންޑިއާގައި އުޅޭ އަގްހޯރީ ކިޔާ ބަޔަކާ ބައްދަލުކޮށްފަ އެވެ. އިންޑިޔާގެ ވަކި ސަރަހައްދެއްގައި ދިރިއުޅޭ މި މީހުންނަކީ އެމީހުން ގަބޫލުކުރާ ވަކި ގޮތްތަކަކަށް އުޅޭ ތަފާތު ދީނެއްގެ ބައެކެވެ. މި މީހުންނަކީ ހިންދޫން ނަމަވެސް އެ ދީނުގެ އުސޫލުތަކެއް ނުގެންގުޅެ އެވެ. އެމީހުންނަކީ އެމީހުންނަށް ޚާއްސަ އާދަޔާޚިލާފު އާދަކާދަތަކެއް ގެންގުޅޭ ބައެކެވެ. މަރުވާ އިންސާނުންގެ މަސް ކެއުންން ފަދަ ނުބައި އާދަތައް މި މީހުން ގެންގުޅެ އެވެ.

ޑޮކިއުމެންޓްރީ ތައްޔާރުކުރުމަށް އަގްހޯރީންނާ އެކު އަސްލާން ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ އަގްހޯރީންގެ އަޅުކަމެއްގައި، އިންސާނެއްގެ ބޮލުގެ ނާށިގަނޑަށް ރާ އަޅައިގެން ބޮއެ އަދި އަންދާލާފައިވާ އިންސާނެއްގެ ސިކުނޑީގެ ބައެއް ކައިފަ އެވެ. ޕްރެޒެންޓަރު މި ހުރިހާ ކަމެއް ވެސް ކުރީ އަގްހޯރީން ކުރާ ކަންކަން ތަޖުރިބާކުރުމުގެ ތެރޭގަ އެވެ. އެ މީހުން ވަނީ އަސްލާންގެ މުޅި ގައިގައ، އިންސާނުން އަންދާފައިވާ އަޅި ވެސް އުނގުޅައިފަ އެވެ.

"މަރުވެފައިވާ އިންސާނެއްގެ ސިކުނޑީގައި ލަނީ ކޮން ރަހައެއްކަން އެނގެން ބޭނުންތަ؟ އެއީ ޗާކޯލް ރަހަ. އެ ވަނީ ރަނގަޅަށް މުރަނަ ވަންދެން އަންދާލާފައި،" ފޭސްބުކް ޕޭޖްގައި އަސްލާން ފަހުން ލިޔެފައިވެ އެވެ.

ރޭޒާ އަސްލާންގެ ޓުވީޓާއި އެ ޓުވީޓަށް ފާޑު ކިޔައި މީހަކު ކޮށްފައިވާ ޓުވީޓެއް

ފާޑުކިޔާމީހުން ވަރަށް ބޮޑަށް މި ޕްރޮގްރާމާ ދެކޮޅަށް ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ބޮޑަށް ހިތްހަމަނުޖެހިގެން އުޅެނީ ހަމައެކަނި އަގްހޯރީ ސެކްޓަށް އެ ޕްރޮގްރާމްގައި އަމާޒުކޮށްފައި ވާތީ އެއީ ހިންދީންނަށް ދިން ހަމަލާއެއް ކަމަށް ބުނެ އެވެ.

ވޮޝިންޓަން ލޮބީ ގްރޫޕެއް ކަމަށްވާ ޔޫއެސް އިންޑިއާ ޕޮލިޓީކަލް އެކްޝަން ކޮމިޓީން ބުނި ގޮތުގައި މި ޕްރޮގްރާމްގެ ސަބަބުން އެމެރިކާގައި އިންޑިޔާ މީހުންނަށް ދޭ ހަމަލާތައް އިތުރުވެގެން ގޮސްފައިވާ ކަމުގެ ރިޕޯޓްތައް އަންނަނީ ލިބެމުންނެވެ. އަދި މި ޝޯގައި ހިންދޫންނަކީ މިނިމަސް ކާ ބައެއްގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށް ވެސް އެ ކޮމިޓީން ބުންޏެވެ.

މި ޝޯ ދެއްކުމުގެ ސަބަބުން ގިނަ ބަޔެއްގެ ރުޅި ސީއެންއެން އަށް ވެސް ވަނީ އަމާޒުވެފަ އެވެ. އިންސާނުންގެ މަސް ކާތަން ޝޯގައި ދައްކާފައިވާތީ މިއަށް ވުރެ ދަށު ދަރަޖައިގެ ކަމެއް ނޯންނާނެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

ނަމަވެސް ސީއެންއެން އިން މިކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ޝޯ އަށް ތައުރީފުކޮށް ބުނެފައި ވަނީ މިއީ ގިނަ ބަޔަކު ބެލި ވަރަށް މަތީ ރޭޓިންގްސް އެއް ލިބިފައިވާ ޕްރޮގްރާމެއް ކަމަށެވެ.