Roadha Mihaaru

ގާފަރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

ކ. ގާފަރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ގާފަރުގައި ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

28 ޖެނުއަރީ 2025

ކ. ގާފަރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަގުމަތިން ހިނގާފައި ދިޔަ ބަންގްލަދޭޝް މީހަކަށް ހެނދުނު 7:00 ހާއިރު ހަމަލާދީން މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ރަށުން "މިހާރު" އާ ވާހަކަދެއްކި މީހަކު ބުނިގޮތުގައި ހައްޔަރުކުރި ޒުވާނާ އަކީ ގިނަ އަހަރުތަކެއް ވަންދެން ނަފްސާނީ ބައްޔަށް ބޭސް ކެއި މީހެއް ކަމަށެވެ. އެ ރަށުގައި މަސައްކަތްކުރާ ބިދޭސީއަކަށް މިއަދު ހަމަލާދިނީ، ބޭސް ކެއުން ހުއްޓާލިތާ ދުވަސްކޮޅެއް ފަހުން ކަމަށް އޭނާ ބުންޏެވެ.

"ބޭސް ކެއި ދުވަސްކޮޅަށް ވުރެ މިހާރު ހާލަތު ރަނގަޅުވެފައި ހުރީ. ކުރިން ވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުދޭ އަދި އާއިލާ މީހުންނާ ވެސް ސަކަރާތް ޖަހައި ގާތްކޮށް އުޅެމުން ދިޔައީމަ އެ ކަހަލަ ކަމެއް ވެދާނެކަމަށް ހިއެއްވެސް ނުކުރާނެދޯ އެއްވެސް މީހެއް،" ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

ހައްޔަރުކުރި މީހާ އަންނަނީ ސައިކޮލޮޖީން ޑިގްރީއަށް ވެސް ކިޔަވަމުންނެވެ.

ބިދޭސީ މީހާގެ ބުރަކައްޓަށް ހަމަލާދިނީ ބޭރުގައި އުޅެނިކޮށް އެ މީހާ ހިނގާފައި ދާތަން ފެނުމާ އެކު، ފަހަތުން ގޮހެވެ. ގާފަރު ހެލްތު ސެންޓަރުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު އެ މިހާ ވަނީ މާލެ ފޮނުވާލައިފަ އެވެ.